އެމަނިކުފާނު ދެ ވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ކުރަން ޖެހޭ މަސައްކަތަކީ ބުރަ މަސައްކަތެއް ކަމަށާއި އެހެން ނަމަވެސް ކުރެވިދާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން ބޭއްވި "ކަނބަލުންގެ މަހާސިންތާ" ނިންމުމަށް ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމިން ވިދާޅުވީ އެ މަހާސިންތާއަކީ އަންހެނުން ބާރުވެރިކުރުމަށް ދުނިޔޭގައި ކުރެވޭ އެކި މަސައްކަތުގެ ތެރެއިން ރާއްޖޭގައި ބާއްވާ ފުރަތަމަ މަހާސިންތާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު އެ މަހާސިންތާއިން ހާސިލް ކުރަން ބޭނުންވަނީ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބު ވުން ކަމަށް ވިދާޅުވި އެވެ.
" އަޅުގަނޑު ހާސިލް ކުރަން ބޭނުންވާ ނުވަތަ އިންތިޒާމްކުރާ ފަރާތުން ހާސިލް ކުރަން ބޭނުންފުޅުވާ ކަންތައްތަކެއް ހުންނާނެ. އަޅުގަނޑުވެސް އޭގެ ތެރެއިން އަޅުގަނޑު ބޭނުންވާ ކަންތައްތަކެއް ދަންނަވާލާނަން. ޝައްކެތްވެސް ނެތް ގޮތުގައި މި ކުރެވޭ މަސައްކަތަކީ ރައީސް ޔާމިން 2018ގައި އަދިވެސް އެއް ދައުރަށް ހޮވުމުމަށް ކުރާ މަސައްކަތް. ބުރަ މަސައްކަތްތަކެއް، އެހެން ނަމަވެސް ކުރެވޭނެ މަސައްކަތްތެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުން އެ މާހާސިންތާގައި ބައިވެރިވުމަށް އައިސްތިބީ އެމަނިކުފާނު ދެވަނަ ދައުރަށް އިންތިހާބު ކުރުމުގެ މަސައްކަތުގައި އުޅެން ބޭނުންވާތީ ކަމަށް ވިދާޅުވެ އެމީހުނަށް ޝުކުރު އަދާ ކުރެއްވި އެވެ.
ރައީސް ޔާމިން ވަނީ ކުރާ ކަމެއްގައި ފަސްޖެހުމެއް ނެތި ކެރިގެން ކުރިއަށް ގޮސް އެ ކެމްޕެއިންގެ މަސައްކަތުގައި އުޅުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އަދި މީހަކަށް މެސެޖެއް ފޮނުވާއިރު ކުރުކޮށް އަނެއް މީހާއަށް ސާފުވާނެހެން ފޮނުވަން އެނގެން ޖެހޭނެ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ އަމިއްލަފުޅު ތަޖުރިބާ ހިއްސާ ކުރެއްވި އެވެ. އަދި އެންމެ މީހުނަށް ފަސޭހައިން ދެނެގަނޭވޭނެ ގޮތައް މީހުންގެ ގާތަށް ގޮސް ސަރުކާރުގެ ކަންކަން އޮޅުންފިލުވާދޭން އެނގެންވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެގޮތުން ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކުއްޔަށް ދިނުމަށްފަހު އެތަން ހޯދުމަށް 300 މިލިއަން ޑޮލަރު މި ސަރުކާރުން ދައްކަން ޖެހުމަކީ އެތައް ބަޔައެއްގެ ގެދޮރު އަޅަން ގެއްލުނު ފައިސާތަކެއްކަން މީހުނަށް ވިސްނަދޭން އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ. މީގެ އިތުރުންވެސް އެމަނިކުފާނުގެ ކެމްޕެއިންތަކުގައި މީހުންގެ ގާތަށް ގޮސް ބަސްމަގު ބަހައްޓަންވީ ގޮތުގެ މިސާލުތައް އެމަނިކުފާނު ވިދާޅުވެ ދެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ކެމްޕެއިން މަހާސިންތާއަކީ ދުނިޔޭގައި އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތުގައި ރާއްޖޭގައި ބޭއްވޭ ފުރަތަމަ މަހާސިންތާ ކަމަށްވާތީ އެ މަހާސިންތާގައި ބައިވެރި މީހުނަށް އެއީ ލިބޭ ޝަރަފެއް ކަމަށެވެ. އަދި ވިދާޅުވީ އަންހެނުން ބާރުވެރިކުރުމުގެ އެފަދަ ހަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހިންގަވާނެ ކަމަށެވެ.