ވެރިކަން ކުރާ މައި ޕާޓީ ޕީޕީއެމް ހަލާކުވެގެން ދިޔައީ 2013 ވަނަ އަހަރު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު އޮޅުވާލި ހިސާބުން ކަމަށް އެޕްރައިމަރީގައި ނާކާމިޔާބުވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ހަ ވަނަ އަހަރީ ދުވަހާ ގުޅިގެން އުމަރު ނަސީރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ޕާޓީ އުފެއްދި މަގްސަދާއި ގަބޫލުކުރި ހަމަތައް ދޫކޮށް ޕާޓީ މާ ދުރަށް ގޮސްފައިވީ ނަމަވެސް އެކަމާ ހައިރާންވެ ވަޑައިނުގަންނަވާ ކަމަށާއި ސަބަބަކީ ރިޔާސީ ޕްރައިމަރީ ބޭއްވި ދުވަހު، ޕީޕީއެމްގެ ދަފުތަރުގައި ނުހިމެނޭ 8،000 އަށް ވުރެ ގިނަ މީހުންގެ ނަން، ޕާޓީގެ ވޯޓާސް ލިސްޓުގައި ހިމަނައި، އެ މީހުންގެ ނަމުގައި ފޮށިތަކަށް ވޯޓު އެޅުން ކަމަށެވެ.
އޭގެ ފަހުން އެޓިކެޓްގައި ރައީސް ޔާމީން ކާމިޔާބު ކުރެއްވި ރިޔާސީ އިންތިޚާބަށްފަހު އުފެދުނު ޕީޕީއެމްގެ ސަރުކާރުގެ ހޯމް މިނިސްޓަރކަމާ ހަވާލުވެވަޑައިގެން ދާދި ފަހަކާ ޖެހެންދެންވެސް އެމަޤާމުގައި ހުންނެވި އުމަރު ވިދާޅުވީ މިއަދު އެ ފެނަންނީ އެ ދުވަހުގެ އަމަލުގެ ނަތީޖާ ކަމަށެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންފި ނަމަ ދައުލަތުގެ ތިޖޫރި ހުރިތަނުގައި ހުންނާނީ ވަޅުގަނޑެއް ކަމަށް ވިދާޅުވެ ފާޑު ވިދާޅުވި އުމަރު ނަސީރު ނެރުއްވި ބަޔާނުގައި ވަނީ ޕާޓީ ހަލާކުވިޔަ ނުދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރެއްވި ކަމަށާއި އެކަމަކު ބަދަލުގައި މަލާމާތާއި ފުރައްސާރަ ނޫން އެއްޗެއް ލިބިވަޑައިނުގަތް ކަމަށެވެ. އަދި އެންމެ ފަހުން ނިމިގެން ދިޔައީ އޭނާ ޕާޓީން ވަކިކޮށްގެން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
މިއަދު ޕީޕީއެމުން މެމްބަރުން ވަކި ކުރާ ގޮތާއި ކޯޓުތަކުން ޕާޓީގެ މައްސަލަތައް ނިންމަމުން ގެންދާ ގޮތަކީ، އެ ދުވަހު އޭނާ ތަޖުރިބާ ކުރެއްވި ކަންކަން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ކައްޗަށް އެޅި ބިންގާ ކެއްޗާ ހަމައަށް އެރިޔަސް އޮންނާނީ ކައްޗަށް ކަމަށް ބުނާ ބުނުމުން މިއަދު ތެދުވެއްޖެ އެވެ." އުމަރުގެ ބަޔާނުގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީއާރުޕީ އާއި ފަހުން އެ ޕާޓީ ދެބައިވެ އުފެދުނު "ޒެޑް ޑީއާރުޕީ"ގެ ތެރޭން ޕީޕީއެމް އުފެދުމާ ހަމައަށް ކުރީ އުނދަގޫ އަދި އެތައް ބައެއްގެ ގުރުބާނީ ހިމެނިފައިވާ ދަތުރެއް ކަމަށެވެ. އަދި ޕީޕީއެމް އުފެއްދި މަގްސަދާއި ގަބޫލުކުރި ހަމަތައް ދޫކޮށް ޕާޓީ މާދުރަށް ގޮސްފައި ވިޔަސް އަދި ޕީޕީއެމްގެ އެތެރޭގެ ކަންކަން ހިންގާފައިވަނީ އެންމެ ރަނގަޅަށް ނޫނަސް، ހިތުގައި އެއްވެސް ބުރަކަމެއް އަދި ރުޅިވެރިކަމެއް ނެތް ކަމަށް އުމަރު ވިދާޅުވި އެވެ.
އެގޮތުން އުމަރު އެދެނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކަކީ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާވެފައިވާ ޕާޓީތަކަކަށް ވުމާއި ލީޑަރުންގެ ކަލްޓްއަކަށް ބަދަލުވެގެން ނުދާ ސިޔާސީ އިދާރާތަކެއްގެ ގޮތުގައި ޕާޓީތައް އޮތުމަށް ކަމަށެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އުމަރު ހޮނިހިރު ދުވަހު ވަނީ 2018އިގެ އިންތިހާބުގައި އޭނާގެ ރިޔާސީ މެނިފެސްޓޯ އެކުލަވާލުމަށް، ތައްޔާރު ކުރައްވަމުން ގެންދާ ބައެއް ނޯޓުތައްވެސް އާއްމު ކުރައްވާފަ އެވެ.
އުމަރު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭ މަޝްވަރާތަކެއް ކުރުމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒާ ބައްދަލު ކުރައްވާފައެވެ.