ރަށްރަށުގެ ހޮޅިއަށިތަކަށް ގޮސް މީހުންނާ ޒުވާބުކޮށް ޖަދަލު ކުރުމަށް ޕީޕީއެމްގެ އަންހެނުންނަށް އެ ޕާޓީގެ ނައިބު ލީޑަރު އަބްދުއް ރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޕީޕީއެމްގެ ކަނބަލުންގެ މަހާސިންތާ ގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެ މަހާސިންތާގައި އަންހެންކަނބަލުންނަށް ވާނީ ސަރުކާރުން ހިންގާ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ދީފައި ކަމަށެވެ.
އަދި އެމީހުންގެ މައުލޫމާތު ހުންނާނެ ކަމަށާއި ކޮންމެ މީހަކުވެސް އެމީހެއްގެ ރަށަށް ގޮސް އެމީހުން ބޭނުންވާ ތަރައްގީއަކީ ކޮބައިކަން ބުނެދޭން ޖެހޭ ކަމަށެވެ.
އޭގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ކޮންމެ މީހަކީ އަދުއްވެއް ކަމަށެވެ. އަދި ރައީސް ޔާމިނާ ދެކޮޅަށް އަރަން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ގައުމާ މި ގައުމުގެ ރައްޔިތުން ދެކެ ލޯބި ވަންޏާއި އެމީހަކު ހުންނާނީ ރައީސް ޔާމިނާއެކުގަ. ރައީސް ޔާމިނާ ދެކޮޅަށް މަސައްކަތްކުރާ ކޮންމެ މީހަކު އަޅުގަނޑު ގުނާނީ އަދުވުންތެރިންގެ ގޮތުގައި. މި ގައުމުގެ އަދުއްވުންގެ ތެރޭގައި. މި ގައުމުގެ ހިޔާނާތްތެރިންގެ ގޮތުގައި. މި ގައުމަށް ގައްދާރުވާ މީހުންގެ ގޮތުގައި މިއީ ޝައްކެތް އޮތް ކަމެއް ނޫން،" އަބްދުއް ރަހީމް ވިދާޅުވި އެވެ.
އަދި ރައީސް ޔާމިންގެ ވެރިކަން ދަމަހައްޓާ، އިތުރު ދައުރަކަށް ރައީސް ޔާމިން އިންތިހާބު ކުރުމަށް ކުރާ މަސައްކަތަކީ ދީނީ މަސައްކަތެއް ކަމަށް މި ޖަލްސާގައި އަބުދުއްރަހީމް ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި ޕީޕީއެމްއާ ވާދެވެރިން ނުވަތަ ސަރުކާރާ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ އެއްޖިންސުން ގުޅުންހިންގުމަށް ފުރުސަތު ދިނުމަށާއި އެހެން ދީންތަކަށް ފުރުސަތު ދިނުން ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް މި ސަރުކާރުން މަސައްކަތްކުރަނީ އެ އެ ފުރުސަތު ނުދިނުމަށް ކަމަށްވާއިރު ރައީސް ޔާމިން ވެރިކަމުގައި ބެހެއްޓުމަށް ކުރާ މަސައްކަތަކީ ދީނީ މަސައްކަތައް ނުވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
" އަޅުގަނޑުމެންގެ ވާދަވެރިން މަސައްކަތް ކުރަމުންދަނީ މި ރާއްޖޭގައި އެއްޗިންސުން ގުޅުން ހިންގުމަށް ފުރުސަތުދޭން. އެ ބައިމީހުން ވަކަލާތު ކުރުމުންދަނީ އިސްލާމްދީން ނޫން ދީންތަކަށް ފުރުސަތުދޭން. އިސްލާމް ދީން ނޫން ދީންތަކުގެ ނޫން މީހުން އަޅުކަން ކުރާނެ ބިނާތައް އެޅުމަށް މި ރާއްޖޭގައި ފުރުސަތުދޭން. އެހެންވެ މި ދަންނަވަނީ އެކަން ކަމާ ދެކޮޅަށޭ އަޅިގަނޑުމެން ނިކުމެ މި ތިބީ. އެކަން ކަމާ ދެކޮޅަށޭ ވަކާލާތު ކުރަމުން މި ގެންދަނީ، އެހެން ކަމުން މިއީ ދީނީ ވާޖިބަކަށް ނުވާނެ އެއްވެސް ގޮތެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުންވެސް ކުޅުއްދުއްފުށީގައި ކުޅި ހިއްކައިގެން އެއާޕޯޓު އެޅުމާ ދެކޮޅަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިހާބީ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ކުރައްވާފައިވާ ޓޫވީޓަކަށް އޭނާ ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން ގުދުރަތީ ވަސީލަތްތައް ނައްތާލަނީ ކަމަށްބުނާއިރު މި ސަރުކާރުން ގައުމު ތަރައްގީ ކުރާނީ ގުދުރަތީ ވަސީލަތްތައް ބޭނުން ކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.