ނިއުކްލިއާ ހަތިޔާރު އުފައްދާ އަދި ގެންގުޅޭ އުތުރު ކޮރެއާ އެއް އެމެރިކާ އިން ގަބޫލު ނުކުރާނެ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް ވިދާޅުވެއްޖެއެވެ.
ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ވާހަކަފުޅުދައްކަވަމުން ޖޭމްސް މެޓިސް ވިދާޅުވީ އުތުރު ކޮރެއާ އިން ކުރިއަށް ގެންދާ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމާއި މިސައިލް ތަރައްގީ ކުރުމުގެ ޕްރޮގްރާމްގެ ސަބަބުން އެގައުމުގެ ސަލާމަތަށް ކުރާނީ ނޭދެވާ އަސަރުކަމަށާއި ހައްތަހާ އެގައުމު ބާކީ ވާނީ ކަމަށެވެ. މެޓިސް ވިދާޅުވީ އުތުރު ކޮރެއާގެ އަސްކަރީ ބާރަކީ އެމެރިކާ އާއި ދެކުނު ކޮރެއާގެ އަސްކަރީ ބާރާ އަޅާބަލާއިރު އެއްވެސް އެއްޗެއް ނޫން ކަމަށެވެ. މެޓިސް ވިދާޅުވީ އެމެރިކާ އާއި އެގައުމުގެ އެއްވެސް ބައިވެރިއަކަށް އުތުރު ކޮރެއާ އިން ހަމަލާއެއް ދީފިނަމަ އެމެރިކާ އިން އޭގެ ރައްދު ވަރަށް ވަރުގަދަ އަސްކަރީ ބާރާއެކު ދޭނެ ކަަމަށެވެ. އެމެރިކާ އިން އަބަދުވެސް މަސައްކަތް ކުރާނީ އުތުރު ކޮރެއާގެ މައްސަލަ ޑިޕްލޮމެސީގެ ތެރެއިން ހައްލުކުރުމަށްކަމަށްވެސް މެޓިސް ވިދާޅުވިއެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ވަނީ ދެކުނު ކޮރެއާގެ ޑިފެންސް އޮފިޝަލުންނާ އަދި އެގައުމުގެ ރައީސް މޫން ޖެއި-އިން އާ ވެސް ބައްދަލު ކުރައްވާފައެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް އޭޝިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތައިލެންޑަށާއި އަދި ފިލިޕީންސް އަށްވެސް ވަނީ ވަޑައިގެންފައެވެ.