ބޭސްފަރުވާއަށް ވަޑައިގެން ސިންގަޕޫރުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އަދިވެސް ދަތުރުކުރުމުގެ ހުއްދަ ޑޮކްޓަރުން ނުދޭ ކަމަށް ގާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ.
ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ގާސިމްގެ ހާލުކޮޅު ރަނގަޅުނުވާ ކަމަށާއި ސާޖަރީތައް ހަދާ އަދި ނުނިމޭ ކަމަށެވެ. ނޫރު ވިދާޅުވީ ހާލުކޮޅު ރަނގަޅު ނުވާތީ ދަތުރުފަތުރު ކުރުމުގެ ހުއްދަ އަދިވެސް ޑޮކްޓަރުން ނުދޭ ކަމަށެވެ.
ނޫރު ވިދާޅުވި ގޮތުގައި ފަރުވާ ނިމުނުހާ އަވަހަކަށް ގާސިމް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ އެވެ.
ގާސިމްގެގެ ބޭސްފަރުވާއަށް ސަރުކާރުން ދިން މުއްދަތު މިމަހުގެ 2 ވަނަ ދުވަހު ހަމަވެފައިވާއިރު، ސަރުކާރުން މިހާރު ބަލަނީ ގާސިމް ފިއްލެވީ ކަމަށެވެ.
ބޭސްފަރުވާއަށް ގާސިމް ސިންގަޕޫރަށް ވަޑައިގެންނެވީ ސެޕްޓެމްބަރު 6 ވަނަ ދުވަހު އެވެ. ސަރުކާރުން ފުރަތަމަ ދިން 10 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ސެޕްޓެމްބަރު 13 ވަނަ ދުވަހު އަނެއްކާ ވެސް 10 ދުވަސް ދިނެވެ. އެއަށް ފަހު އެ މުއްދަތު ހަމަވަމުން ސެޕްޓެމްބަރު 26 ވަނަ ދުވަހު ފަސް ދުވަސް އިތުރުކޮށްދިނެވެ.
ގާސިމަކީ ފްލައި ކުރުމަށް އަންފިޓް މީހެއް ކަމަށް ކުރީން ވެސް ކަނޑައަޅާފައިވާތީ އާއި އެމަނިކުފާނުގެ މެޑިކަލް ސްޓޭޓަސް އަށް ބަދަލެއް އައިސްފައި ނުވާތީ އެއަރލައިނުން އެމަނިކުފާނަށް ދަތުރު ކުރުމަށް ހުއްދަ ދީފައިނުވާ ކަމަށް ވަކީލުން ދަނީ ވިދާޅުވަމުންނެވެ.
ބޭސްފަރުވާ ފުރިހަމަކުރުމަށްޓަކައި ޑިސެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގައި ގާސިމަށް ހުންނެވުމުގެ ހުއްދަ ދެއްވައި، ސަރުކާރުން ދީފައިވާ ޓްރެވަލް ޑޮކިއުމެންޓްގެ މުއްދަތު އިތުުރުކޮށްދިނުމަށް ގާސިމްގެ އާއިލާގެ ފަރާތުން ވަނީ އެދިފަ އެވެ. އެހެން ނަމަވެސް، ސަރުކާރުން ނިންމާފައިވަނީ މުއްދަތު އިތުރުކޮށް ނުދިނުމަށެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކައެއްގައި ރިޝްވަތު ދިނުމުގެ އަމަލު ހިމެނޭ ކަމަށް ބުނެ ދައުލަތުން ކުރި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުކޮށް ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. މި ހުކުމް ކޮށްފައިވަނީ ކޯޓު ތެރެއަށް ވެއްޓި ވަޑައިގަތުމުން ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނިކޮށް، ޣައިރު ހާޒިރުގަ އެވެ.