ނަގާފައިވާ ދެ ލޯނެއް ނުދައްކައިގެން ސަފާރީއެއް ނީލަމުގައި ވިއްކާލުމަށް ސިވިލް ކޯޓުން އިއުލާން ކޮށްފި އެވެ.
ސިވިލް ކޯޓުން ވިއްކާލުމަށް އިއުލާން ކޮށްފައި ވަނީ އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑްގެ "ގްރާންޑެއްޒާ" ނަމަކަށްކިޔާ ސަފާރީ އެކެވެ.
އިއުލާންގައިވާ ގޮތުން އެސަފާރީގެ ދިގު މިނުގައި 37 މީޓަރު، ފުޅާ މިނުގައި 8.3 މީޓަރު ފުންމިނުގައި 3 މީޓަރު ހުރެއެވެ. އަދި 192 ގްރޮސް ޓަނޭޖް ހުންނަ އެ ސަފާރީ ބޯޓް ވިއްކާލުމަށް ހަމަޖެހިފައިވަނީ ބޯޓުގައިވާ އިންޖީނާއިއެކުގައިއެވެ. މިބޯޓު ރަޖިސްޓްރީކުރެވިފައިވަނީ 28 އޭޕްރިލް 2009 ގައިއެވެ.
އެ ސަފާރީ ބޯޓުގެ ނީލަން ފެށޭ އަގަކީ 733،000 ޔޫއެސް ޑޮލަރެވެ.
ސިޓީލުމުގެ މުއްދަތު އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ފެށިގެން ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހުގެ 14:30 އާހަމައަށް ވަނީ ހުޅުވާލެވިފަ އެވެ.
ސިވިލް ކޯޓުން ބުނީ އެ ސަފާރީ ބޯޓް ބެލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށާއި ބޯޓް އޮތީ ހުޅުމާލެ ފަޅުގައި ކަމަށެވެ.
ކޯޓުން ބުނީ ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅާ އަގުގެ ތެރެއިން އެ ދުވަހެއްގައި އެންމެ މަތީ އަގު ސިވިލް ކޯޓުގެ ވެބްސައިޓްގައި އިއުލާން ކުރެވިފައި ހުންނާނެ ކަމަށާއި ނީލަން ނިންމާލެވޭނީ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހުގެ 14:30 އާހަމައަށް އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.
އެ ސަފާރީ ބޯޓު ވިއްކާލުމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އެ ކޯޓުން 2013 ވަނަ އަހަރު ނިންމާ ހުކުމް ކޮށްފައިވާ މައްސަލައަކާއި ގުޅިގެންނެވެ. އިޓަލީގެ ރައްޔިތެއް ކަމަށްވާ ޖޯޖިއާ ރޯސީ ބެލިއަރ ގަރަންޓީ ދީގެން ދިވެހި ކުންފުންޏެއް ކަމަށްވާ އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑްއަށް އިޓަލީ މީހެއް ކަމަށްވާ ޕިލި ޖުއިސިއްޕޭ ދީފައިވާ ދެ ލޯނަކަށް ފައިސާ ދޫކޮށްފައިވަނީ މި ސަފާރީ ރަހުނު ކުރުމަށްފަހު އެވެ.
މީގެކުރިން ދެ ފަހަރެއްގެ މަތިން ވެސް މި ސަފާރީ ނީލަން ކިޔުމަށް އިއުލާން ކޮށްފައިވެއެވެ. އެީ މިދިއަ އަހަރުގެ ޑިސެމްބަރު މަހު 15 ވަނަ ދުވަހު ސިވިލް ކޯޓުން ކޮށްފައިވާ އިއުލާނަކާއި މިއަހަރު ފެބްރިއަރީ ފަސް ވަނަ ދުވަހު ކޮށްފައިވާ އިއުލާނެއްގަ އެވެ. އެ ދެ އިއުލާނުގައި ވެސް ނީލަން ފެށޭ އަގެއް ކަމަށް ކަނޑައަޅާފައިވަނީ 1،100،000.00 ޑޮލަރަށެވެ.