އިޓަލީގެ އެކައުންޓެންޓަކު 30 އަންހެނެއްގެ ގަޔަށް ގަސްތުގައި އެޗްއައިވީ ވައިރަސް ޖައްސައިގެން 24 އަހަރަށް ޖަލަށް ލައިފިއެވެ.
ބުނެވޭ ގޮތުގައި ވެލެންޓީނޯ ޓައްލޫތޯ ވަނީ 2006 ވަނަ އަހަރު އޭނާއަށް އެއިޑްސް ޖެހިފައިވާ ކަމަށް އެނގުނު ފަހުން 53 އަންހެނަކާއެކު ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގާފައެވެ. އެ ގުޅުންތައް ފެށިފައިވަނީ 14 އަހަރުގެ އަންހެން ކުއްޖަކާ ހިސާބުންނެވެ. އެއީ އޭނާ ގުޅުން ހިންގި މީހުންގެ ތެރެއިން އެންމެ ޒުވާން ކުއްޖާއެވެ.
ވަނަމެއްގެ ގޮތުގައި"ހަރޓީ ސްޓައިލް" ބޭނުންކުރާ މި އެކައުންޓެންޓްވަނީ އޭނާގެ ޝިކާރައަކަށް ހެދި ކުދިން ހޯދުމަށް ސޯޝަލް ނެޓްވޯކްތަކާއި ޑޭޓިންގ ސައިޓްތައް ބޭނުންކޮށްފައެވެ.
އުމުރުން 33 އަހަރުގެ މި ފިރެހެން މީހާގެ މައްޗަށް 24 އަހަރަށް ހުކުމް ކޮށްފައިވަނީ ހުކުރު ދުވަހުއެވެ.
ޓައްލޫތޯގެ ދިފާއީ ވަކީލް ވަނީ އޭނާގެ އަމަލުތަކަކީ ފަހުން ވެދާނެ ގޮތެއް ނުވިސްނައި ހިންގާފައި ހުރި ފަރުވާކުޑަ އަމަލުތަކެއް ކަމަށާއި ނަމަވެސް އެއީ ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ނުބުނެވޭނެ ކަމަށް ވަކާލާތު ކުރައްވާފައެވެ.
ހުރަސް ބޭނުންކުރުމަށް އޭނާ ގާތު އެދުނު އަންހެނުންގެ ގާތުގައި އޭނާ އެޗްއައިވީއަށް ޓެސްޓް ކޮށްފައިވާ ކަމަށް ނޫނީ އެލަރޖިކް ވާކަމަށް ބުނި ކަމަށް އޭއެފްޕީން ރިޕޯޓްކޮށްފައި ވެއެވެ.
އެޗްއައިވީ ވައިރަސް ޖެހުނުކަން އެނގުނު އަންހެނަކު އޭނާއާ ކުރިމަތިލުމުން އޭނާއަކީ އެޗްއައިވީ ހުރި މީހެއް ނޫން ކަމަށް ވެސް ބުނެފައި ވެއެވެ.
ޓައްލޫތޯގެ ފަރާތުން އެޗްއައިވީ ވައިރަސް ޖެހުނު ކަމަށް ބުނާ އަންހެން މީހާގެ ފަރާތުން އިތުރު ތިން ފިރެހެނަކަށް ވައިރަސް ފޯރައި ތުއްތުކުއްޖަކަށް ވަނީ ވައިރަސް ޖެހިފައެވެ.
ޕްރޮސިކިއުޓަރ އެލީނާ ނޭރީ މިދިޔަ މަހު ކޯޓުގައި ވިދާޅުވީ "އޭނާގެ އަމަލަކީ ގަސްތުގައި މީހަކު މަރާލުމަށް ކޮށްފައިވާ ކަމެއް" ކަމަށެވެ.
ޓައްލޫތޯގެ މަންމައަކީ މަސްތުވާތަކެއްޗަށް ދެވިހިފައި، އެޗްއައިވީ ޖެހިފައިވާ މީހެއް ކަމަށްވާއިރު ޓައްލޫތޯގެ އުމުރުން ހަތަރު އަހަރުގައި އޭނާގެ މަންމަ ވަނީ މަރުވެފައެވެ.
ޓައްލޫތޯ ވަނީ އެކަމަކީ އޭނާ ގަސްތުގައި ކޮށްފައިވާ ކަމެއް ނަމަ އެ އަންހެނުންނާއެކު އޭނާ ލޯބީގެ ގޮތުން ގުޅުން ބާއްވަން މަސައްކަތް ކުރަންވީ ކީއްވެތޯ ކޯޓްގައި ސުވާލުކޮށްފައެވެ.
"އޭގެ ތެރެއިން ގިނަ އަންހެން ކުދިންނަށް އެނގޭނެ އަހަރެންގެ ރައްޓެހިންނާއި އާއިލާ" އޭނާ ބުންޏެވެ. އެމީހުން އެ ބުނަނީ އަހަރެން ގަސްތުގައި، އަހަންނަށް ޖެއްސުނު އެންމެ ގިނަ ބައެއްގެ ގަޔަށް ވައިރަސް ޖައްސަން އުޅުނު ކަމަށް. އެ ގޮތަށް އެކަން ކުރަން އުޅުނު ނަމަ އަހަރެން އެ މީހުން ނުގެންނާނެ ދޯ އަހަރެންގެ ހަޔާތުގެ ބައިވެރިން ގޮތުގައެއް. އަހަރެން ދާނީ ބާތަކަށް ދޯ ޖިންސީ ގުޅުން ހިންގަން"
މި މައްސަލައިގައި ރޯމްގެ ކޯޓުގެ ފަނޑިޔާރު ހުކުމް އިއްވުން 10 ގަޑިއިރަށް ފަސްކޮށްލެއްވިއެވެ.
އެ ގައުމުގެ ނޫސްތަކުން ބުނާގޮތުން ހުކުމް އިއްވުމާއެކު، އޭނާގެ ޝިކާރައަކަށްވި މީހުންނަށްވަނީ ރޮވިފައެވެ. ނަމަވެސް މިއީ ޕްރޮސިކިއުޓަރުން އެދެމުންދިޔަ އަދަބެއް ނޫނެވެ. ދައުލަތުން އެދިފައިވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށެވެ.