ކ. މާލެ
|
27 އޮކްޓޯބަރ 2017 | ހުކުރު 16:53
ރައީސް ކެންޔައްޓާ (ވ) އަދި އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ، ރައިލާ އޮޑިންގާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ކުރިން ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައި
ރައީސް ކެންޔައްޓާ (ވ) އަދި އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ، ރައިލާ އޮޑިންގާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ކުރިން ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައި
ގޫގުލް
ކެންޔާ
ކެންޔާގައި އަލުން ބާއްވަން ތާވަލު ކުރި ރިޔާސީ އިންތިޚާބު ބާއްވައިފި
އިދިކޮޅު ކެނޑިޑޭޓް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައި

ކެންޔާގެ އަލުން ބާއްވަން ތާވަލު ކުރި ރިޔާސީ އިންތިޚާބު ބުރާސްފަތި ދުވަހު ބާއްވައިފިއެވެ. 

ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބުގެ ވޯޓު ފޮށިތައް ބަންދުކުރީ ބުރާސްފަތި ދުވަހު ޖީއެމްޓީ ގަޑިން މެންދުރުފަހު 2 ގައި (ކެންޔާ ގަޑިން 17:00) ކަމަށްވާއިރު، ކެންޔާގެ ހަތަރު ކައުންޓީއެއްގައި ހަމަނުޖެހުން ހިނގިއެވެ. ކެންޔާގެ އިދިކޮޅު ފަރާތްތަކުގެ ތާއިދު ބޮޑު ކިސުމު ކައުންޓީގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހުން ވަނީ ފުރާވަރު ކުއްޖެއްގެ ގަޔަށް ބަޑި ޖަހާފައެވެ. އަދި ފަހުން އެ ކުއްޖާ ވަނީ ޒަޚަމްތަކަށް ފަރުވާދެމުންދަނިކޮށް މަރުވެފައެވެ. އަދި އިތުރު މީހަކު މަރުވި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.  ކެންޔާގެ އިލެކްޓޯރަލް ކޮމިޝަނުގެ ބުނެފައިވަނީ ހަމަނުޖެހުން ހިނގި ކައުންޓީތަކުގައި ވޯޓުލުން ހޮނިހިރު ދުވަހާ ހަމައަށް ފަސްކޮށްފައިވާ ކަމަށެވެ.  

ހަމަނުޖެހުންތަކާއި އަދި އިދިކޮޅު ފަރާތްތަކުގެ ބޯއިކޮޓް ކުރުމާއެކު ކެންޔާގައި ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބުގައި ހަަރަކާތްތެރިވި އިންޓަނޭޝަނަލް އޮބްޒާވަރުންނަށް ވަނީ ސަލާމަތީ ސަބަބުތަކާ ހެދި އެމީހުން ބޭނުވި މިންވަރަށް އިންތިޚާބު އޮބްޒާވް ކުރަން ދަތިތަކާ ކުރިމަތިވެފައެވެ. 

ކެންޔާގައި އަލުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރަން އިލެކްޓޯރަލް ކޮމިޝަނަށް ހަތް ދުވަސް ލިބިެއެވެ. ކެންޔާގައި ބުރާސްފަތި ދުވަހު ބޭއްވި ރިޔާސީ އިންތިޅާބު، ރައީސް  އުހުރު ކެންޔައްޓާ ކާމިޔާބު ކުރައްވައިފިނަމަ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަންނަވާނެއެވެ. 

ކެންޔާގައި ބުރާސްފަތި ދުވަހު އަލުން ބޭއްވި އެގައުމުގެ ރިޔާސީ އިންތިޅާބު ފަސްކުރުމަށް ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ. އެހެންނަމަވެސް އެ ޕެޓިޝަން ސުޕްރީލް ކޯޓުން ބެލޭގޮތެއް ނުވިއެވެ. 

ސުޕްރީމް ކޯޓުން ބުނެފައި ވަނީ ރިޔާސީ އިންތިޚާބު ފަސްކުރުމާ ބެހޭ ޕެޓިޝަން އެ ކޯޓަށް ބެލޭގޮތް ނުވީ ފަނޑިޔާރުންގެ ކޯރަމް ހަމަނުވުމާ ގުޅިގެން ކަމަށެވެ. މައްސަަލަ ފައިސަލާ ކުރުމަށް ކޯޓަށް ހާޒިރުވީ ދެ ފަނޑިޔާރުންނެވެ. ކޯރަމް ހަމަވާނީ ފަސް ފަނޑިޔާރުން ތިބިގެންނެވެ. 

ކެންޔާގެ ރިޔާސީ ރޭހުން އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ މީގެ ދުވަސްކޮޅެއް ކުރިން ވަނީ ވަކިވެވަޑައިގެންފައެވެ. ކެންޔާގެ ރިޔާސީ އިންތިޚާބު އޮކްޓޯބަރު މަހުގެ ތެރޭގައި އަލުން ބޭއްވުމަށް ތާވަލް ކޮށްފައިވަނިކޮށް، އިންތިޚާބުގައި ބައިވެރިވެވަޑައިނުގަތުމަށް އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ ނިންމެވީ، އެގައުމުގެ އިލެކްޓޯރަލް ކޮމިޝަނުން ވޯޓުގެ އިންތިޒާމްތައް ފުރިހަމަ ކުރުމަށް ގެންނަން ޖެހޭ ބަދަލުތަކަށް ވަގުތު ދިނުމާއި، އެންމެންނަށް ވެސް ބަލައިގަނެވޭނެ ފަދަ އިންތިޚާބެއް ބޭއްވުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ އެވެ.

ކެންޔާގައި  އޯގަސްޓް މަހު ބޭއްވި ރިޔާސީ އިންތިޚާބު އެގައުމުގެ ސުޕްރީމް ކޯޓުން ބާތިލު ކޮށްފައިވާއިރު އެ ނިންމުން ސްޕްރީމް ކޯޓުން ނިންމީ އިންތިޚާބުގައި ނަހަމަ ކަންކަން ހިނގާފައި ވާތީ ކަމަށް ބުނެއެވެ. ސުޕްރީމް ކޯޓުން ބާތިލް ކުރި އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން، އިންތިޚާބު ކާމިޔާބު ކުރެއްވީ އެގައުމުގެ ވެރިކަމުގައި ހުންނަވި އުހުރު ކެންޔަތާ އެވެ. 

 

 

- ކޮމެންޓް