ޕާކިސްތާނުން ރާއްޖެ އައި ފަސިންޖަރެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ޢުމުރުން 40 އަހަރުގެ ޕާކިސްތާން ފިރިހެނެއްގެ އަތުން ކަމަށެވެ.
އޮކްޓޯބަރ 25 ވަނަ ދުވަހު ސްރީލަންކަން އެއާލައިންސް އިން ރާއްޖެ އައި މި މީހާގެ ޢަމަލުތައް ހުރި ގޮތުން އޭނާއާ މެދު ކަސްޓަމްސް އޮފިސަރުންނަށް ޝައްކުވެގެން އޭނާގެ ލަގެޖް އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ތަކެތި އަޅާފައި ހުރި ޕެކެޓެއް ފެނިފައިވާ ކަމަށާއި މިތަކެތީގެ ޖުމުލަ ބަރުދަނުގައި 427 ގުރާމު ހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އެތަކެތީގެ ޕްރިލިމިނަރީ ޓެސްޓްތައް ހެދިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެރޮއިން އަށް ޕޮސިޓިވް ވެފައި ވާކަމަށާއި މިކޭސްގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި، އިތުރު ތަޙްޤީޤަށް، މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.