ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރާ ދެކޮޅަށް މިވަގުތު މަސައްކަތް ކުރައްވާ ސިޔާސީ ލީޑަރުންނަކީ ވެރިކަމުގެ ދަހިވެތި ކަމުގައި ދިވެހި ގައުމަށް ގައްދާރުވަމުންދާ މީޙުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ކެންޕެއިން ހަރަކާތްތައް ފެށުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން މެޑަމް ފާތުންގެ އޮފީހުން އިސްނަގައިގެން ކުރިއަށް ގެންދާ އަންހެން ކަނބަލުންގެ މަހާސިންތާ އިފްތިތާހު ކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުް މޫސަ ވިދާޅުވީ ފެންނަ ކޮންމެ މީހަކާ ދިމާލަށް ވަގަށް ގޮވަމުން، ތިމާމެން ގަބޫލު ނުކުރާ ކޮންމެ މީހަކަށް ފުރައްސާރަ ކުރަމުން ދިއުމަކީ ކަންތައްތައް ހިންގައިގެންވާނެ ގޮތް ނޫން ކަމަށެވެ.
މޫސަ ވިދާޅުވީ ރާއްޖޭގައި އެކި ފަރާތްތަކުން ރިސޯޓްތަކާއި ބޮޑެތި ވިޔަފާރިތައް ތަރައްގީކޮށް ކުރިއަރުވާފައި ވަނީ ވަަރށް ބޮޑެތި ގުރުބާނީތަކެއް ވެގެން ކަމަށެވެ. އެގޮތުން ރިސޯޓްތަކާއި ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް އެކި މީހުން އެ މީހުންގެ ގޯތި ގެދޮރު މޯގޭޖްކޮށްފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ. އެހެން ކަމުން ސިޔާސީ އެކިއެކި ފަރާތްތަކުން ގައުމުން ބޭރުގައި ތިބެގެން ދިވެހި ވިޔަފާރިތައް ހަލާކުވާ ގޮތަށް ދިވެހި ގައުމަށް ގެއްލުންވާ ގޮތަށް ކަންތައްތައް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މޫސަ ވިދާޅުވިއެވެ.
ރައީސް ޔާމީން ވެސް ބައިވެރިވެޑައިގެންނެވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އެއްވެސް މީހަކަށް މި ގައުމުގައި ވެރިކަކަން ކުރެވޭނީ މި ގައުމު ސަލާމަތުން އޮވެގެން ކަމަށާއި ގައުމެއް ނެތްތަނެއްގައި ކުރެވޭނެ ވަރިކަމެއް ނެތް ކަމަށް މޫސަ ވިދާޅުވިއެވެ. އެހެން ކަމުން ގައުމަށް ގެއްލުންވާ ގޮތަށް އެއްވެސް ބަޔަކު ކުރާ ކަމެއް އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ގައުމާ މެދު ނުވިސްނާ އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަކީ ގައުމަށް ގައްދާރުވުން ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އެއްވެސް މީހަކު އަމިއްލަ މަސްލަހަތަށްޓަކައި ގައުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްފައިވާ މީހުން ގުރުބާކޮގެން ނުވާނެ ކަމަށާއި ހަމައެގޮތަށް އަމިއްލަ މަސްލަހަތަށްޓަކައި ތިމާގެ އަނބިދަރިން ވެސް ގުރުބާން ކޮށްގެން ނުވާނެ ކަމަށެވެ. އެހެން ކަމުން ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް އެއްބަޔަކު އަނެއް ބަޔަކަށް ހެއްދެވި ނެހެއްދެވި އަށް ގޮވުން ހުއްޓާލާ ރީތި ގޮތުގައި ސިޔާސީ މަސައްކަތް ކުރަން ޖެހޭ ކަމަށް މޫސަ ވިދާޅުވިއެވެ.
މީގެ އިތުރުން ކުރިއަށް ރިޔާސީ އިންތިހާބުގެ ތެރެއިން އިންތިގާލީ ސަރުކާރެއް ގެނަން ޖެހޭ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަތަކަށް ވެސް މޫސަ ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ރައީސް ނަޝީދު ނޫން އެހެން ބޭފުޅަކަށް އެމްޑީޕީގެ ތެރެއިން ވެރިކަމަށް ކުރުމުގެ ޖާގަ ނުދެއްވައި ކުއްލިއަކަށް އިންތިގާލީ ސަރުކާރެއްގެ ވާހަކަ ދައްކަވަން ފެއްޓެވުމުން ހައިރާންވާ ކަމަށް މޫސަ ވިދާޅުވިއެވެ. އަދި ހާއްސަކޮށް ރާއްޖޭގެ ގިނަ ރައްޔިތުންގެ އިހުތިރާމާއި އަދި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނަރުކަން ވެސް ކުރައްވާފައިވާ ބޭފުޅަކު ސިޔާސީ ގޮތުން ވަކި މަގުސަދުތަކެއް ހާސިލް ކުރުމަށް ގުރުބާން ކުރައްވަތީ ހިތާމަ ކުރައްވާ ކަމަށް މޫސަ ވިދާޅުވިއެވެ.