އެމެރިކާއަށް އަންނަ ފްލައިޓްތަކުން އެޤައުމަށް އެތެރެވާ މީހުން ސްކްރީންކުރުން އިތުރުކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
ދާގީނާއެއްގެ ތެރެއަށް ލައިގެން ނުވަތަ އެހެން ގޮތަކަށް ވެސް ގޮވާޒާތުގެ އެއްޗެއް މަތިންދާބޯޓަށް އަރުވަފާނެކަމުގެ ބިރަށް އަލަށް އަޅަން ފެށި ފިޔަވަޅުތަކުގެ ދަށުން، ދުނިޔޭގެ އެތަން މިތަނުން ފުރައިގެން އެމެރިކާއަށް އަންނަ މަތިންދާބޯޓުތަކުން ދަތުރުކުރާ ފަސިންޖަރުން ވަރަށް ބޮޑަށް ޗެކްކުރެވޭނެއެވެ. މިފިޔަވަޅުތަކުގެ ތެރޭގައި ފަސިންޖަރުން ގެންގުޅޭ އިލެކްޓްރޯނިކް އާލާތްތައް ޗެކްކުރުމާއި، ޗެކިންގެ ކުރިން ސަލާމަތީ އިންޓަރއުތައް ކުރުން ވެސް ހިމެނެއެވެ. މިފިޔަވަޅުތަކާ ގުޅިގެން ހޮންކޮންގްގެ ކެތޭ ޕެސިފިކް އެއަރލައިނުން ވަނީ އެއެއަރލައިނުން ދޭ ސިޓީ ޗެކިން ޚިދުމަތާއި ސެލްފް ބޭގް ޑްރޮޕް ޚިދުމަތް މެދުކަނޑާލާފައެވެ. އަދި ތިން ގަޑިއިރު ކުރިން ޗެކިންއަށް އައުމަށް ވަނީ އަންގާފައެވެ.
ސިންގަޕޯރ އެއަރލައިންސްއިން ވެސް ވަނީ އެއެއަރލައިނުން އެމެރިކާއަށް ދަތުރުކުރާ ފަސިންޖަރުންގެ އިލެކްޓްރޯނިކް އާލާތްތައް ޗެކްކުރެވޭނެކަން ހާމަކޮށްފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެން ޓެރަރިޒަމް ހުއްޓުވުމުގެ ނަމުގައި ވައިގެ ސަލާމަތާ ގުޅޭ ގިނަ ފިޔަވަޅުތަކެއް އެޅުއްވިއެވެ. އެގޮތުން 8 ޤައުމަކުން އެމެރިކާއަށް މީހުން އެތެރެވުން މަނާކޮށްފައިވާއިރު، މީގެ ކުރިން އަރަބި ބައެއް ޤައުމުތަކުން އެމެރިކާއަށް މީހުން އެތެރެކުރުން ހުއްޓުވުމަށް މަސައްކަތްކުރެއްވިއެވެ. އެހެން ނަމަވެސް އެމެރިކާގެ ކޯޓުތަކުން ވަނީ އެކަން ހުއްޓުވާފައެވެ. އަދި ލެޕްޓޮޕް ފަދަ އެއްޗެއް ބޭނުންކޮށްގެން މަތިންދާބޯޓެއްގައި ހަމަލާއެއް ދީފާނެކަމަށް ލިބުނު ޖާސޫސީ މައުލޫމާތަށް ބިނާކޮށް އަރަބި ބައެއް ޤައުމުތަކުން އެމެރިކާއަށް ދަތުރުކުރާ ފްލައިޓްތަކުގައި ލެޕްޓޮޕް އަތްމަތީ ދާގީނާގައި ގެންދިޔުން މީގެ ކުރިން މަނާކުރިއެވެ.
އެމެރިކާ ސަރުކާރުން ވައިގެ ސަލާމަތަށް އެޅި މިފިޔަވަޅުތަކުގެ ސަބަބުން ދުވާލެއްގެ މައްޗަށް ހާހެއްހާ ފްލައިޓަށް އަސަރުކުރާނެކަމަށް ބެލެވެއެވެ. އަދި އެއަރލައިންތަކުން ގެންދަނީ މިފިޔަވަޅުގެ ސަބަބުން ފަސިންޖަރުންގެ ޗެކިންގެ ވަގުތު އިތުރުވާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.