އިދިކޮޅު ފަރާތްތަކުން އިންތިގާލީ މީހާ ހޯދަން ތިއްބާ ފިޔާތޮށި ކުލައިގެ ބުރުގާ އަޅައިގެން ތިބޭ އަންހެން ކަނބަލުނާ އެކީ ނުކުމެވަޑައިގެން ރައީސް އަބްދުﷲ ޔާމީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކަންކަން ނިންމާލާނެ ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
މެޑަމް ފާތުންގެ އޮފީހުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "އަންހެނުންގެ މަހާސިންތާ" ފެށުމަށް ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭ ރަންނަބަޑޭރި މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އާޒިމާ ވިދާޅުވީ 2008 ވަނަ އަހަރު ގާނޫނުއަސާސީ އިސްލާހު ކުރެމުގެ މަސައްކަތް ކުރިއަށް ދިޔައިރު އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމަށް، މިހާރު އިންތިގާލީ ސަރުކާރެއް ބޭނުންވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކާ މީހުން ދެކޮޅު ހެދި ކަމަށެވެ. އެގޮތުން އޭރު އިންތިގާލީ ސަރުކާރެއް ގެންނަން ޖެހޭ ކަމަށް އެންމެ ބޮޑަށް ވާހަކަ ދެއްކި އެކަކީ އެކަމަނާ ކަމަށް އާޒިމާ ވިދާޅުވިއެވެ.
މިހާރު އިންތިގާލީ ސަރުކާރެއް ބޭނުންވެގެން ވާހަކަ ދައްކާ މީހުން، އިންތިގާލީ ސަރުކާރެއް ގެންނަން އުޅެނީ އާ ގާނޫނުއަސާސީގެ ފޮނިމީރުކަން ދިވެހި ރައްޔިތުންނަށް ލިބިދިނުމުގެ ފުރުސަތު ނުދިނުމަށް ކަމަށް އެ މީހުން ބުނި ކަމަށް އާޒިމާ ވިދާޅުވިއެވެ. އެހެން ކަމުން މިހާރު އިންތިގާލީ ސަރުކާރެއްގެ ވާހަކަ ދައްކާ މީހުން އެ ވާހަކަ ދައްކަފާނެ ކަމަށް ނުވަތަ އިންތިގާލީ ސަރުކާރެއް ބޭނުންވެދާނެ ކަމަށް ބުނެ ވާހަކަ ދައްކަފާނެ ކަމަށް ގަބޫލު ކުރަން ވަަރަށް ދަތި ކަމަށް އާޒިމާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާޒިމާ ވިދާޅުވީ މި ސަރުކާރަކީ އުނދަގޫ ކަންކަން ތަހައްމަލުކުރާ އަދި ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލާ ސަރުކާރެއް ކަމަށެވެ.
އާޒިމާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް އެތެރެ އާއި ބޭރުން ގޮންޖެހުންތައް ކުރިމަތި ކުރާއިރު، ތަރައްގީގެ ކަންކަން ބާރަށް ކުރިއަށް ގެންދެވުމަކީ ކާމިޔާބެއް ކަމަށެވެ. އަދި ސަރުކާރުގެ ގާބިލްކަން އެއިން ދައްކައިދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ވަރަށް "ހެޕަނިންގ" ސަރުކާރެއް ކަމަށެވެ.
އާޒިމާ ވިދާޅުވީ މި ވެރިކަމުގައި ރައީސް ޔާމީން އަވަހާރަ ކޮށްލަން އުޅެފި ކަމަށާއި ކޮމަންވެލްތުން ރާއްޖެ ވަކިވެ، ބައިނަލް އަޤްވާމީ އެހެން ދެ ގުޅުމެއް ވެސް ވެރިކަމުގައި ކަނޑާލާފައިވާ ކަމަށެވެ.
މީގެ އިތުރުން ވެރިކަމުގެ ތެރޭގައި ބަޤާވާތެއް ކުރަން އުޅެފި ކަމަށާއި ކޯލިޝަން ޕާޓްނަރުން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ފަށައިފި ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ. އަދި މިހާރު އަނެއްކާ މިއުޅެނީ ވެސް ބަޤާވާތެއްގެ ތެރޭގައި ކަމަށް އާޒިމާ ވިދާޅުވިއެވެ..
އާޒިމާ ވިދާޅުވީ ސަރުކާރަކީ ހުރިހާ ކަމަކަށް ވެސް ކުރިމަތިލާންޖެހޭ ބާރުވެރި ފަރާތަކަށް ވާންޖެހޭ ކަމަށާއި ސަރުކާރަކީ ބަލިކަށިވެ، ދިމާވާ ކޮންމެ ގޮންޖެހުމަކާ އެކު ފަހަތަށް ޖެހޭ ބަޔަކަށް ވެއްޖެ ނަމަ، ގޮންޖެހުން ކުރިމަތިކުރާ މީހުންނަށް އަބަދު ޖެހޭނީ ފުރުސަތު ދޭން ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރެއް ބަލިކަށި ކުރުމަކީ ރައްޔިތުންނަށް ލިބޭ ފައިދާއެއް ނޫން ކަމަށާއި އޭގެ އެއް މިސާލަކީ 2004 އިން ފެށިގެން "ސިޔާސީ ހަނގުރާމަ" އިގައި ދިވެހިން އުޅެން ޖެހުން ކަމަށް އާޒިމާ ވިދާޅުވިއެވެ.
އެގޮތުންކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިއުމުން ގައުމަށް ކުރިމަތިވީ ފަސޭހަ ހާލަތެއް ނޫން ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި ދެ ދުވަހުން، އެއް ދުވަހު، ސަރުކާރު ބަދަލުވުމުން ކުރިމަތިވި ކަންތައްތައް އެކަމަނާ ތަޖުރިބާކޮށްފައިވާ ކަމަށާއި ރިޔާސީ ދައުރު ފުރިހަމަ ނުކުރެވި އުޅެނިކޮށް، ވެރިކަން ބަދަލުކޮށްލުމުން ފައިދާއެއް ނުވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.