ހަށިގަނޑުގައި އުފެދުނު އިންފެކްޝަނަކަށް ފަރުވާ ނުހޯދި އެތައް ވޭނެއް ތަހައްމަލު ކުރަމުންދިޔަ އުމުރުން 18 އަހަރުގެ އިބްރާހިމް ޒާހިލް މަރުވެއްޖެއެވެ.
ހދ. ނެއްލައިދޫއަށް އުފަން ޒާހިލް މަރުވީ އިންޑިއާގެ ކޮޗިންގައި ފަރުވާދެމުންދަނިކޮށް ބުރާސްފަތިދުވަހުގެ ރޭ ރާއްޖެ ގަޑިން 02:30 ހާއިރުއެވެ. މީގެ ތިންމަހެއްހާ ދުވަސް ކުރިން ޒާހިލް އިންޑިއާ އަށް ގެންދިޔައީ އޭނާގެ ބަރުދަން ކުޑަކޮށް އިތުރުވުމުން ގޮހޮރުގެ އޮޕަރޭޝަން ކުރުމަށް އިންޑިއާގެ ހައިދަރުއާބާދަށް ގެންދިޔުމުގެ އުއްމީދުގަ އެވެ.
ޒާހިލްއަށް ވަނީ މީގެ ކުރިން ބެންކޮކުންނާއި އިންޑިއާއިން ވެސް ފަރުވާ ދީފައެވެ. ކުޑައިރިއްސުރެ ކާއެއްޗެއް ނުކެވި ހަށިގަނޑު އަނަރޫފަވެފައިވާ ޒާހިލް އިންޑިއާއަށް ގެންދިޔަތާ ދެމަހެއްހާ ދުވަސް ފަހުން ހާލު ގޯސްވެ ދިރިހުންނާނެ ކަމާ މެދު ޑޮކްޓަރުން ވަނީ މީގެ ދެ ދުވަސް ކުރިން އުއްމީދު ކަނޑާލާފައެވެ.
މަރުވި އިރު ޒާހިލްގެ ގައިގައި ހުރީ 15 ވަރަކަށް ކިލޯ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އަދި މަރުވިއިރު އޭނާގެ މަންމަ އާއި ބައްޕަ އިންޑިއާގައި ތިބި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.