ސައޫދީއަށް ވާގިވެރިވާ އަރަބި ޤައުމުތަކާއިއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޚާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމް ލުބްނާނަށް ވަޑައިގެންފިއެވެ.
މިނިސްޓަރ އާސިމް ލުބްނާނަށް ކުރައްވާ މިދަތުރުފުޅުގައި ލުބްނާނުގެ ބޮޑުވަޒީރު ސާދު ހަރީރީއާއިއެކު ބައްދަލުކުރައްވާފައިވާކަމަށް ޚާރިޖީ ވުޒާރާއިން ބުންޏެވެ. އެހެން ނަމަވެސް ބޮޑުވަޒީރު ހަރީރީ އާއި ޚާރިޖީ ވަޒީރު އާސިމް ބައްދަލުކުރައްވައި ދެޤައުމުގެ ގާތްގުޅުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ޓްވީޓްކުރުން ފިޔަވައި ބައްދަލުވުމުގެ އިތުރު ތަފްޞީލެއް ފޮރިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. އަދި މި ބައްދަލުވުމުގެ ކުރިން އިއްޔެ ލުބްނާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ނަބީޙު ބައްރީއާ ވެސް ޑރ. އާސިމް ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގެ ތަފްޞީލް ވެސް ފޮރިން މިނިސްޓްރީން ހާމަކޮށްފައިނުވާއިރު، މި ބައްދަލުވުމުގައި މިނިސްޓަރ އާސިމްގެ އަރިހުގައި ލުބްނާނުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސިއުލް މުހައްމަދު ފާގިހު ބައިވެރިވެވަޑައިގެންނެވި ކަމަށް ލުބްނާނުގެ ޤާނޫނު ހަދާ މަޖިލީހުން ބުނެއެވެ.
ގަލްފް ޤައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކޮށް، އެގުޅުމުގެ ތެރެއިން ބޮޑެތި ލޯނުތަކެއް ދިވެހި ސަރުކާރުން ނަގަމުން ދާ މިދަނޑިވަޅުގައި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ބަހްރައިންއަށް ވަޑައިގެން އެޤައުމުގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރެއްވިކަން އެޤައުމުގެ ރަސްމީ ނިއުސް އެޖެންސީން ވަނީ ހާމަކޮށްފައެވެ.