ދެޤައުމެއްގެ ރަށްވެހިކަން އޮތްކަން ހާމަވެ، އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމު ގެއްލިއްޖެއެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ބާނަބީ ޖޯއީސްއަކީ އޮސްޓްރޭލިއާގެ އިތުރުން ނިއުޒިލޭންޑްގެ ރަށްވެހިކަން އޮތް ބޭފުޅެއްކަން އެޤައުމުން ވަނީ ކަށަވަރުކޮށްދީފައެވެ. އޮސްޓްރޭލިއާގެ ޤާނޫން އަސާސީގައިވާ ގޮތުން އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް އެހެން ޤައުމެއްގެ ރަށްވެހިކަން އޮތް މީހަކަށް ނުހުރެވޭނެއެވެ.
މިމައްސަލައިގައި ޖޯއީސް ވިދާޅުވީ އެމަނިކުފާނަކީ އޮސްޓްރޭލިއާއަށް އުފަން އޮސްޓްރޭލިއާ ބޭފުޅެއް ކަމަށާއި، މަންމަޔަކީ ވެސް އޮސްޓްރޭލިއާ ބޭފުޅެއް ކަމަށެވެ. އަދި ބައްޕައަކީ އިނގިރޭސި ރައްޔިތެއްގެ ހައިސިއްޔަތުން ނިއުޒިލޭންޑުން އޮސްޓްރޭލިއާއަށް ހިޖުރަކުރި މީހެއް ކަމަށެވެ. އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑް އިނގިރޭސީންގެ ފުރިހަމަ ހިމާޔަތުގެ ދަށުގައި އޮތްއިރު އެދެޤައުމުގެ ރައްޔިތުންނަކީ ވެސް އިނގިރޭސި ތާޖުގެ ހިމާޔަތުގެ ދަށުގައި ތިބޭ އިނގިރޭސި ރައްޔިތުންނެވެ. އަދި އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑްގެ ރައްޔިތުންނަށް ވަކި ރަށްވެހިކަން ލިބެން ފެށީ 1948ވަނަ އަހަރުން ފެށިގެންނެވެ. އޭރު ޖޯއިސްގެ ބައްޕަވަނީ ނިއުޒިލޭންޑުން އޮސްޓްރޭލިއާއަށް ހިޖުރަކޮށްފައެވެ.
ބޮޑުވަޒީރުގެ ނައިބު ޖޯއިސްއަކީ އޮސްޓްރޭލިއާގެ ރަށްވެއްސެއްގެ އިތުރުން ނިއުޒިލޭންޑްގެ ވެސް ރަށްވެއްސެއް ކަމަށް ނިއުޒިލޭންޑްގެ ބޮޑުވަޒީރު ބިލް އިންގްލިޝް ވެސް ވަނީ ވިދާޅުވެފައެވެ.
ޖޯއިސްއަކީ ރަށްވެހިކަމުގެ މައްސަލައިގައި އޮސްޓްރޭލިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑި ގެއްލުނު ފަސް ވަނަ މެމްބަރެވެ. އެމަނިކުފާނަށް ގޮނޑި ގެއްލުމާ އެކު ބޮޑުވަޒީރު މެލްކަމް ޓަރނބުލްގެ ސަރުކާރަށް ލޮޅުންތަކެއް އަރާނެއެވެ. ޖޯއިސްގެ ނޭޝަނަލް ޕާޓީއަކީ ބޮޑުވަޒީރު ޓަރންބުލްގެ ލޭބަރ ޕާޓީގެ ކޯލިޝަން ޕާޓްނަރެވެ. އަދި ޓަރންބުލްގެ ސަރުކާރަށް ޤާނޫން ހަދާ މަޖިލީހުގެ ތިރިގޭގެ މެޖޯރިޓީ ލިބެނީ އެއްމެ ގޮނޑިއެއްގެ ތަފާތުން ކަމަށް ވާތީ، ބޮޑުވަޒީރުގެ ނައިބު ކަމުގައި ހުންނެވި ޖޯއީސްއަށް ގޮނޑި ގެއްލުމުން އެމެޖޯރިޓީ ވެސް ގެއްލުނީއެވެ.
މިމައްސަލަ ފެންމަތިވެފައި ވަނީ ނިއުޒިލޭންޑްގެ މީހަކަށް ލިބޭ ދަރިއެއް އޮސްޓްރޭލިއާގައި ވިހައިފި ނަމަ، އެކުއްޖަކަށް ނިއުޒިލޭންޑްގެ ރަށްވެހިކަން ލިބޭނެތޯ އަދި ނުލިބޭ ނަމަ ރަށްވެހިކަން ހޯދަން ޖެހޭނީ ކިހިނެއްތޯ، ނިއުޒިލޭންޑްގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު އެޤައުމުގެ ދާޚިލީ ވަޒީރާއި މަޖިލީހުގައި ސުވާލުކުރެއްވި ހިސާބުންނެވެ.