ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ފާތުމަތު ޒައިނާ ސިޔާސީ ހަރަކާތެއްގައި ބައިވެރިވި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުމުން، އެ މައްސަލަ ކޮމިޓީއަށް ނުފޮނުވައި މަޖިލީހުން ބޭރުކޮށްލުމަކީ، މަޖިލީހުގެ އަމީން އާންމު އަޙުމަދު މުޙައްމަދު ސިޔާސީ ވެވަޑައިގެން ކުރެއްވި ކަމެއް ކަމަށް އެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު، އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި ވިދާޅުވި ގޮތުގައި، މި އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހުގެރޭ އިސްރަށްވެހިންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބޭއްވި ހަފްލާގެ އިންތިޒާމްތަކުގައި ޒައިނާ ހަރަކާތްތެރި ވެވަޑައިގަތްކަން ހާމަވުމާއި ގުޅިގެން، އިންތި އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ އެ ކޮމިޓީއަށް ހުށަހެޅުއްވުމަށް މަޖިލީހުގެ އަމީން އާންމާއި ސިޓީއެއް ހަވާލުކުރައްވާފައެވެ. ނަމަވެސް އޭގެ އެތައް ދުވަހެއް ފަހުން، އޮކްޓޯބަރ 26 ވަނަ ދުވަހު އެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވިއިރުވެސް އެ މައްސަލަ އެޖެންޑާ ކުރައްވާފައެއް ނުވެއެވެ. އަދި އެ މައްސަލަ އެޖެންޑާ ނުކުރި ސަބަބާއި ގުޅޭގޮތުން އެ ކޮމިޓީގެ މުޤައްރިރާއި ސުވާލުކުރުމުން، އެކަން ކުރައްވާފައިވަނީ އުސޫލުން ބޭރުންކަން ހާމަވި ކަމަށެވެ.
އެގޮތުން މައްސަލަ އެޖެންޑާ ނުކުރީ ހުށަހެޅި މައްސަލައިގައި ޤާނޫނަކަށް ހަވާލާ ދީފައިވާ އެއް ޖުމްލައިގައި އެއް ބަސް އިތުރުވެފައިވާތީ، އެ ނަން ކިޔާ ޤާނޫނެއް ނޯންނަ ކަމަށް ބުނެ ކަމަށާއި، މުޅި ސިޓީގައިވެސް އެ ޤާނޫނުގެ ނަން ދެން ލިޔެފައި ވަނީ ރަނގަޅަށް ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ، މި ކަންކަން މިފަދައިން ހިނގުމުން ދޭހަވަނީ މަޖިލީހުގެ އިދާރީ މޭޒު ބައެއްގެ އަތްދަށުވެފައިވާ މިންވަރު ކަމަށާއި، އަދި މި މައްސަލަ ކޮމިޓީ އައި ހަމައަށް ނުފޮނުވައި މަޖިލީހުން ބޭރުކޮށްލުމަކީ މަޖިލީހުގެ އަމީން އާންމު ސިޔާސީ ވެވަޑައިގެން ކުރެއްވި ކަމެއް ކަމަށެވެ.
މި މައްސަލައިގައި މިހެން ކަންހިންގާފައި ވީނަމަވެސް، މިކަމުގައި ދޫނުދެއްވާނެ ކަމަށާ، ޒައިނާގެ މައްސަލައާއި ގުޅިގެން ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް އިންތި ވިދާޅުވިއެވެ.
މި ކަމާއި ގުޅިގެން މަޖިލީހުގެ އާމީން އާންމު އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.