ދިވެހިރާއްޖޭގައި މިހާރު މި އޮތް ސަރުކާރަކީ ބޭރުގެ އިންވެސްޓަރުންގެ ނަމުގައި އަންނަ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ވަރަށް ފަސޭހައިން ހެއްލޭ ސަރުކާރެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ މުޤައްރިރު ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، ބޭރު މީހަކު ޕްރޮޖެކްޓެއް ހިންގާނެ ކަމަށް ބުނާއިރަށް އެ ވާހަކައަށް ދިވެހި ސަރުކާރު ހެއްލޭ ކަމަށާ، އެ އިންވެސްޓްމަންޓަކުން ލިބޭނެކަމަށް ލަފާކުރެވޭ ފައިދާގެ މިންވަރު ޖަހައިގެން ބަޖެޓު ވެސް ހަދާކަމަށެވެ. އަދި މީގެ ސަބަބުން އެތައް ގެއްލުމެއް ލިބެމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.
"އަސްލުގަ ހަޤީޤަތުގަ ވަރަށް ބޮޑަށް މީހުންނަށް އައިސް ހައްދާލެވޭ ސަރުކާރެއް މީ. އެހެންވީމަ ވާގޮތަކީ އެހެން އައިސް މީހަކު ބިލިއަން ޑޮލަރު، ދެ ބިލިއަން ޑޮލަރު، ތިން ބިލިއަން ޑޮލަރު، ޚަރަދުކޮށްލައިގެން މިވެނިތަނެއް ހަދާލާނަމޭ، އެވެނިތަނެއް ހަދާލާނަމޭ ބުޏީމަ ވަރަށް ފަސޭހައިން ހެދެނީ. ހެދުނީމަ އޭތި ބަޖެޓުގަވެސް ޖަހަނީ. ދެން ޖަހާފަ އަދި އޭގެ އިތުރަށް އޭތި ލިބޭނެ ކަމަށް ބަލާފަ ދެން ބަޖެޓުގަ ކުރަން ހުރި އެހެން ޚަރަދުތަކަށް ހުރި ފައިސާ ގެންގޮސް ޖީބަށް އަޅާލައިގެން މި ތިބެނީ. ތިއްބާ ވާގޮތަކީ ކަމެއް ނުވޭ"، އަމްރު ވިދާޅުވިއެވެ.
މިފަދައިން ތުޙުމަތު ކުރައްވާ އަމްރު ވަނީ މިގޮތަށް ހިނގާފައިވާ ބައެއް ކަންތައްތަކުން މިސާލު ޖައްސަވާފައެވެ.
ޕްރޮގްރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން އަމްރު ވަނީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ސަޕްލިމެންޓްރި ބަޖެޓާއި ގުޅެގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އަމްރު ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހެނީ އަހަރަށް ކަނޑައެޅި ދައުލަތުގެ ބަޖެޓު ހުސްވުމުން ކަމަށްވާއިރު، ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށްދެއްވުމުގެ ކުރިން، އަހަރަށް ކަނޑައެޅި ދައުލަތުގެ ބަޖެޓަށް ވީ ގޮތް ބަލަން ޖެހޭ ކަމަށެވެ. އެގޮތުން ޕީޕީއެމާއި އެމްޑީއޭގެ މެންބަރުންގެ ކިބައިގައި ރައްޔިތުންނަށް އިޚުލާސްތެރިކަމެއް ހުރިނަމަ، އަހަރަށް ކަނޑައެޅި ބަޖެޓުގައި އެކި ކަންކަމަށް ކަނޑައަޅާފައި ހުރި ފައިސާ ޚަރަދުކުރި ގޮތާއި ގުޅޭގޮތުން ސުވާލު ކުރާނެ ކަމަށް ދެކިލައްވާ ކަމަށް އަމްރު ވިދާޅުވިއެވެ.
ސަރުކާރުގެ އެކި އިދާރާތަކުގައި ސިޔާސީ މަޤާމުތައް ގިނަވެ، އެ ފަރާތްތަކަށް ކުރަންޖެހޭ ޚަރަދު އިންތިހާއަށް ބޮޑުވެފައިވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާ، ބަޖެޓާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން އަމްރު ވަނީ ސަޕްލިމެންޓްރީ ބަޖެޓުގައި ވަކި ކަންކަމަށް ފައިސާ ކަނޑައަޅާފައި ވީނަމަވެސް، އެ ފައިސާ އަކީ ސިވިލް ސަރވިސް މުވައްޒަފުންނަށް މުސާރަ ދޭނެ ފައިސާ ދައުލަތުގައި ނެތުމުން، އެކަން ފޫބެއްދުމަށް ހޯދާ ފައިސާ ކަމަށް ތުޙުމަތު ކުރައްވާފައެވެ.