ކުޅުދުއްފުށީގެ އެއަރޕޯޓްގެ ޕްރޮޖެކްޓްގެ އީއައިއޭ ރިޕޯރޓް ނެރުނުތާ 2 ދުވަސްތެރޭ އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ތިމާވެއްޓާއި ބެހޭ ވަޒީރު ތޯރިޤް އިބްރާހިމް ހުއްދަ ދެއްވައިފިއެވެ.
ކުޅުދުއްފުށީގެ އެއަރޕޯޓްގެ މަސައްކަތް ސަރުކާރުން ޕްލޭންކޮށްފައިވާ ގޮތަށް އެރަށު ކުޅީގެ ބައެއް ހިއްކައިގެން ކުރިއަށް ގެންގޮސްފިނަމަ ތިމާވެއްޓަށާއި އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެތީވެ، އެމަސައްކަތް އެހެން ގޮތަކަށް ކުރިއަށްގެންދިޔުމަށް އީއައިއޭ ރިޕޯރޓްގައި ބުނެފައިވީނަމަވެސް ސަރުކާރުން ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ހުއްދަދީފައިވަނީ ސަރުކާރުން ކުރިންވެސް ޕްލޭންކޮށްފައިވާ ގޮތަށެވެ. އީއައިއޭ ރިޕޯރޓް އާއްމުކުރުމަށްފަހު އެއަށް ޚިޔާލު ހޯދުމަށް 10 ދުވަސް ދޭން ޖެހޭކަމަށް ޤަވާޢިދުތައް ބުނިނަމަވެސް، މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ހުއްދަ ދީފައިވަނީ ޤަވާޢިދާއި ޚިލާފަށް، 10 ދުވަސް ދިނުމެއް ނެތި އަދި އީއައިއޭ ރިޕޯޓްގައި ފާހަގަކޮށްފައިވާ އެއްވެސް ކަމަކަށް ރިޢާޔަތްކުރުމެއް ނެތިއެވެ.
އިތުބާރުހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް މިނިސްޓަރ ހުއްދަ ދެއްވާފައިވަނީ ހަފްތާ ބަންދާއި ދިމާކޮށް، ސަރުކާރުން ބޭނުންވާ ގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ. މަސައްކަތް ކުރިއަށްގެންދިޔުމަށް ސަރުކާރުން ހުއްދަ ދިންއިރު، މިމަސައްކަތް ހުއްޓުވުމުގެ އަމުރަކަށް އެދުމަށް އެރަށުގެ ބައެއް ފަރާތްތަކުން ގެންދަނީ ތައްޔާރުވަމުންނެވެ.
އަންގާރަ ދުވަހު އެންވާރަމެންޓް ޕްރޮޓެކްޝަން އޭޖެންސީއިން އާއްމުކުރި ކުޅުދުއްފުށީގެ އެއަރޕޯޓްގެ އީއައިއޭ ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުގައި ކުޅުދުއްފުށީގެ ކުޅި ހިއްކައިގެން އެއަރޕޯޓް އަޅައިފިނަމަ އެރަށުގައި ވިއްސާރަ މޫސުމުގައި ފެން ބޮޑުވުމުގެ ފުރުސަތު ބޮޑެވެ. އަދި ރަށުގެ ސާފު ފެން ފަށަލަ ހަލާކުވެ، ފެން ލޮނުވުމުގެ މައްސަލަ ކުރިމަތިވާނެކަމަށް ބެލެވޭއިރު، އެއަރޕޯޓް ހަދާ ދިމާލުން ގޮނޑޮދޮށް ހަލާލުވުމުގެ ފުރުސަތުވެސް ބޮޑެވެ. އަދި ސަރުކާރުން ޕްލޭންކޮށްފައިވާ ގޮތާއި އެއްގޮތަށް ޕްރޮޖެކްޓް ކުރިއަށް ނުގެންގޮސް، އެއަރޕޯޓް އެހެން ތަނެއްގައި ހެދުމަށް އީއައިއޭ ރިޕޯޓްގައި ވަނީ އިރުޝާދު ދީފައެވެ.