ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންވެސް އަދި މިހާރުވެސް ގެންގުޅުއްވާ ވިސްނުންފުޅަކީ ސްޕީޑް ލޯންޗެއްގައި 30 މިނެޓުން ދެވޭ ކޮންމެ ހިސާބެއްގައި އެއާޕޯޓެއް އޮތުން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި އެ ޕާޓީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖޭގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރަމުންދަނީ ރައީސް ޔާމިން ގެންގުޅުއްވާ ވިސްނުންފުޅުގެ ތެރެއިން ކަމަށެވެ.
"އަޅުގަނޑުމެން މިކިޔާ ގަލްފް ކްރާފްޓް، 36 ފޫޓުގެ ގަލްފް ކްރާފްޓް ލޯންޗެއްގައި ދެ އިންޖީނު އެޅީމަ އެންމެ ދުރަށްވެސް ދެވޭ ސަރަހައްދެއްގައި އެއާޕޯޓެއް އޮތުން އެއީ ރައީސްގެ އޭރުގެ ވެސް ނިސްނުންފުޅަކީ." މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ރައީސް ޔާމިން ގެންނަވާ ތަރައްގީގައި ދަތުރުފަތުރުގެ ނިޒާމަކީ މުހިންމު އެއްޗަކަށްވާތީ ވެލާނާ އިންޓަރޭޝަނަލް އެއާޕޯޓާއެކު އެހެން އެއާޕޯޓުތައްވެސް ތަރައްގީވެގެންދާން ޖެހޭ ކަމަށެވެ.
ކުޅުދުއްފުށީ އެއާޕޯޓާ ގުޅޭ ގޮތުން ޒަމީރު ވިދާޅުވީ އެރަށު ކުޅި އޮންނަ ސަރަހައްދުގައި އެއާޕޯޓު އަޅަނީ އެ ސަރައްދުގެ ތިމާވެއްޓަށް ލިބިދާނެ ގެއްލުމުގެ ރިޕޯޓްވެސް ހަދައިގެން ކަމަށާއި އެ ރިޕޯޓް ހެދިފައިވާނީ އެ ސަރައްދުގެ ތިމާވެއްޓަށް ދިމާވެދާނެ ގެއްލުތަކުގެ ހައްލުވެސް ހިމަނައިގެން ކަމަށެވެ.
ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް ނިންމާފައިވާއިރު އެ އަތޮޅު ހަނިމާދޫގައި އޮންނަ އެއާޕޯޓަށް އަންނަ މީހުނަށް ވިއްސަކަށް މިނެޓުން ސްޕީޑް ލޯންޗެއްގައި ކުޅުދުއްފުއްޓަށް ދެވެ އެވެ.
މި ސަރުކާރުން ނ. މާފަރުގައިވެސް އެއާޕޯޓެއް އެޅުމަށް މަސައްކަތް ކުރި ނަމަވެސް އަދި އެ މަސައްކަތް ނިމިފައެއްނުވެ އެވެ. އަދި ރ. އަތޮޅުގައިވެސް އިންޓަނޭޝަނަލް އެއާޕޯޓެއް އޮންނަން ޖެހޭ ކަމަށް ރައީސް ޔާމިން ވަނީ ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. މީގެ އިތުރުން އެމަނިކުފާނު ފަހަކަށް އައިސް އެކި ރަށްތަކަށް ވަޑައިގެން އެއާޕޯޓުގެ ވައުދާއެކު ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.