ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 22:59
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން
މުހައްމަދު ޝަރުހާން
މަގޭ ރިޕޯޓް
ރައީސް ޔާމީންގެ "އެއާޕޯޓް ވައުދު": ދެކޮޅުނުޖެހޭ ބޮޑު ޖޯކެއް!
ނ. އަދި ރ. އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި
ކޫއްޑޫގައި އެއާޕޯޓެއް އޮއްވައި، ގއ. ވިލިނގިލީގައި އެއާޕޯޓެއް އެޅުމަށް ވިސްނަވާ ކަމަށް ރައީސް ވިދާޅުވި
ހަނިމާދޫން ކުޅުދުއްފުއްޓަށް 15 މިނެޓުގައި ސްޕީޑް ލޯންޗުގައި ދަތުރުކުރެވޭ

ތެދެކެވެ، އެއާޕޯޓު ވެސް އަޅަންޖެހޭނެ އެވެ. ދަތުރުފަތުރު ކުރެވޭނެ ފަސޭހަ ނިޒާމެއް ސަރުކާރުން، ދައުލަތުން ރައްޔިތުންނަށް މަގު ފަހިކޮށް ވެސް ދޭންޖެހޭނެ އެވެ. އެކަމާ އަޅުގަނޑު ވެސް ދެކޮޅެއް ނުހަދަމެވެ. ނަމަވެސް ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބެހިފައިވާ ޤައުމަކަށްވާއިރު، އަދި ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ޤައުމަކަށްވާއިރު، އެއާޕޯޓުތައް އެޅުމުގައި ވެސް ވަކި މިންގަނޑެއް އޮންނަޖެހެ އެވެ. ވަކި ހައްދެއް އޮންނަންޖެހެއެވެ.

ރައީސް އަބްދުﷲ ޔަމީންގެ 2013 ވަނަ އަހަރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނިގެން، އަދި 2018 ވަނަ އަހަރުގެ ކެމްޕޭން ފަށާފައިވާއިރު ވެސް އެމަނިކުފާނު އެންމެ ގިނައިން ވެވަޑައިގަންނަވާ އޮތީ އެންމެ ވައުދެކެވެ. އެއީ އަރާވަޑައިގަންނަވާ ކޮންމެ ރަށެއްގައި އެއާޕޯޓެއް އަޅާނެކަމުގެ ވައުދެވެ. ނުވަތަ އަރާވަޑައިގަންނަވާ ކޮންމެ އަތޮޅެއްގައި ބައިނަލްއަޤުވާމީ ފެންވަރުގެ އެއާޕޯޓެއް ތަރައްޤީކޮށްދެއްވާނެކަމުގެ ވައުދެވެ.

 

ކުޅުދުއްފުށީ އެއާޕޯޓް އެޅުމުގެ މަސައްކަތުގައި ސަރުކާރުން ބޭނުންކުރާ ކުރެހުން - ފޮޓޯ: ހައުސިން މިނިސްޓްރީ

 

ރައްޔިތުންނޭވެ. ވިސްނަ ބައްލަވާށެވެ. ރާއްޖޭގެ ހަމަ ކޮންމެ އަތޮޅެއްގައި އެއާޕޯޓެއް އޮންނަންޖެހޭ ހެއްޔެވެ؟ އެ އާޕޯޓުތަކުން ދަތުރުކުރަން ތިބީ ކޮން ބައެއް ހެއްޔެވެ؟ ތަރައްޤީއަށް ވަނީ ކޮންމެ ރަށެއްގައި އެއާޕޯޓެއް އޮތުމުން ހެއްޔެވެ؟

މިހާރު ވެސް ރާއްޖޭގެ ގިނަ އަތޮޅުތަކުގައި އެއާޕޯޓެއް އޮވެއެވެ. ޤައުމީ އެއާލައިން މެދުވެރިކޮށް އެ އާޕޯޓުތަކަށް ޖައްސާ ފްލައިޓްތައް ފިޔަވާ އެއްވެސް ފްލައިޓެއް އެއިން އެއާޕޯޓަކަށް ނުޖައްސައެވެ. ޤައުމީ އެއާލައިން މެދުވެރިކޮށް އެ އާޕޯޓްތަކަށް ފްލައިޓްތައް ބާއްވާއިރު، އެކަށީގެންވާ އަދަދަށް ފަސިންޖަރުން ނުލިބި، ޤައުމީ އެއާލައިނަށް މަޖުބޫރުވެފައި އޮންނަނީ ޓްރާންސިޓް ގިނަ ފްލައިޓްތަކެއް ބޭއްވުމަށެވެ. އެހެނީ އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބިއްޖެ ކަމުގައިވާ ނަމަ އެއާލައިނަށް މާލީ ގޮތުން އެކަމުގެ ގެއްލުމާއި ކުރިމަތިލާންޖެހޭނެތީ އެވެ. ކިތަންމެ ޤަބޫލުކުރަން ބޭނުންނުވި ކަމުގައިވީ ނަމަވެސް ރާއްޖޭގެ ގިނަ ޑޮމެސްޓިކް އެއާޕޯޓްތައް ހިންގަނީ މި ދެންނެވި އުސޫލުގެ ތެރެއިންނެވެ.

ދެން އޮތީ، ސްޕީޑް ލޯންޗެއްގައި ދެ ގަޑިއިރުގެ ތެރޭގައި ދަތުރުކުރެވޭ ރަށްރަށުގައި ވެސް އެއާޕޯޓުތައް އެޅުން މުހިންމުއޯ އުފެދޭ ސުވާލެވެ. ވެރިރަށް މާލެއިން ސްޕީޑް ލޯންޗެއްގައި ދެ ގަޑިއިރު ނުވަތަ ދެ ގަޑިއިރާއި 30 މިނެޓުގެ ތެރޭގައި ފ. އަތޮޅަށް ދަތުރުކުރެވެއެވެ. ހަމަ އެގޮތަށް ދ. އަތޮޅަށް ދެ ގަޑިއިރާއި 30 މިނެޓުގެ ތެރޭގައި ދަތުރުކުރެވޭ އިރު، ޅ. އަތޮޅަށް ދެ ގަޑިއިރާއި 40 މިނެޓުގައި ސްޕީޑް ލޯންޗެއްގައި ދަތުރކުރެވެ އެވެ. ސުވާލަކީ ހަމަމިއިން ކޮންމެ އަތޮޅެއްގައި ވެސް ބޮޑު ބިމެއް ހިއްކާއި، ފަރާއި، ގުދުރަތީ މުސްހަނދިކަން ނެތިކޮށްލުމަށް ފަހު އެއާޕޯޓެއް އެޅުން މުހިންމުތޯ އެވެ. މިއިން ސަރަހައްދަކަށް ސީ ޕްލޭނެއްގައި ދަތުރުކުރާ ނަމަ ދަތުރެއްގެ ދިގު މިނަކީ 30 މިނެޓް ނުވަތަ 40 މިނެޓް އެވެ.

 

ސަރުކާރުން ނިންމާފައިވަނީ ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމަށް: ފޮޓޯ: ރާއްޖެ.އެމްވީ

 

މި ދެންނެވި ހަޤީޤަތް އެއްފަރާތްކޮށްލުމަށް ފަހު ދެން އޮތީ ރައީސް ޔާމީންގެ އެއާޕޯޓްގެ ވައުދުގެ ވާހަކަ އެވެ. ހދ. ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވައުދުވެވަޑައިގެންނެވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައެވެ. އެ މަނިކުފާނު ދުލަށް ފަސޭހައަކަށް ނަމަވެސް، ނުވަތަ ވަގުތީ ގޮތުން ރައްޔިތުންގެ ހިތްތައް ފަތަހަކުރުމުގެ ގޮތުން ކަމުގައިވީ ނަމަވެސް އެ ވައުދުވެވަޑައިގެންފައި ވަނީ އެއްވެސް މިންވަރަކަށް ވިސްނެވުމަށް ފަހުގައި ނޫން ކަމަށް އޭރު ވެސް ގިނަ ބަޔަކު ބުނަމުންގެންދިޔަ އެވެ. ސަބަބަކީ އެއާ އިޤްތިސާދީ މާހިރަކުވެވަޑައިގަންނަވާނެ ފަދަ ވައުދަކަށް ނުވާތީ އެވެ.

އެހެނީ، ސްޕީޑް ލޯންޗެއްގައި 15 ނުވަތަ 25 މިނެޓުގެ ތެރޭގައި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރެވޭތީ އެވެ. އިޤްތިސާދީ މާހިރެއް ކަމުގައިވާ ނަމަ ވިސްނުން ގެންގުޅުއްވާނީ ހދ. ހަނިމަދޫ އެއާޕޯޓަށް ކުރާ ފްލައިޓްތައް އިތުރުކުރުމާ އެކު ކުޅުދުއްފުށީ ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމަށެވެ. އަދި ކިޔެއްތަ، ގުދުރަތީ މުއްސަނދިކަމެއް ލިބިފައިވާ ބޮޑު ކުޅިއެއް ފުނޑާލުމަށް ފަހު އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް އިޤްތިސާދީ މާހިރަކު ވައުދުވެވަޑައެއް ނުގަންނަވާނެ އެވެ.

 

އެހެނީ މާދަމާ ވެސް ކުޅުދުއްފުށީގައި ލޯކަލް ޓޫރިޒަމް ތައާރަފްކޮށް، ފުޅާކުރަން ބޭނުން ނަމަ އެ ރަށު ރައްޔިތުންނަށް ލިބިފައިވާ ރަންގަނޑަކީ އެ ރަށުގެ ކުޅިކަމަށް ވާތީ އެވެ. އެއީ އެރަށުގެ ރައްޔިތުންނަށް ލިބިފައިވާ ބޮޑު ޖަވާހިރުގަނޑެކެވެ. ދުނިޔެއިން ނެތި ދިއުމުގެ ބިރު ހީވެފައިވާ އެތަށް ބާވަތެއް ހަމައެކަނި ފެންނަން އޮތީ އެ ކުޅިންކަމަށް ވާތީ އެވެ. އެހެންކަމުން ކޮންމެ ވިސްނުމަކުން ވިސްނިކަމުގައިވާ ނަމަވެސް ކުޅުދުއްފުސީގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދަކީ އެއްވެސް މިންވަރަކަށް ވިސްނެވުމަށް ފަހު، ވެވަޑައިގެންނެވި ވައުދެއް ނޫންކަން އެނގެ އެވެ.

 

ކޫއްޑޫ އާއި ވިލިނގިލިއާއި ދެމެދު ގައިވާ ދުރުމިން -- ފޮޓޯ: ގޫގުލް

 

ގއ. ކޫއްޑޫގައި އެއާޕޯޓެއް ވަނިކޮށް، 5 މިނެޓުން ދަތުރުކުރެވޭ ގއ. ވިލިނގިލީގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީންވެވަޑައިގެންފައި ވަނީ ހަމަ އެފަދަ ވައުދެކެވެ. ރ. އަތޮޅުގައި އިފުރު އެއާޕޯޓު ވަނިކޮށް، އަނެއްކާ އެ އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ވިދާޅުވެ ވައުދުވެވަޑައިގެންފައިވަނީ ވެސް އެއްވެސް މިންވަރަކަށް ވިސްނެވުމަށް ފަހުގައި ނޫންކަން އެނގެ އެވެ. އަދި ރ. އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމާއެކު ޖެހިގެން އޮތް ނ. އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ވައުދުވުމުން ވެސް، ރައީސް ޔާމީން އެ ވެވަޑައިގަންނަވާ ވައުދުގައި ހުރީ ކިހާވަރެއްގެ ބަރުދަނެއްކަން އެނގެއެވެ. ފަހަރުގައި ދުލެއް ލިބިވަޑައިގެން މޮޅެތި ބަސްތައް ވިދާޅުވުމުގެ ގާބިލްކަން ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ވާތީ މޮޅެތި ވާހަކަތަކައް ދައްކަވަނީ ކަމަށް ވެސް ވެދާނެ އެވެ.

 

މިހާރު ވެސް ރާއްޖޭގައި ތިން އިންޓަނޭޝަނަލް އެއާޕޯޓެއް އޮންނައިރު، އޭގެ ތެރެއިން ޝެޑިއުލާއެކު ފްލައިޓްތަކެއް ކުރިއަށްގެންދަނީ ހަމައެކަނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެކަނިކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ހަފްތާއަކު ބާއްވަނީ އެންމެ ފްލައިޓެކެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ބޭރަށް މާ ގިނަ ފްލައިޓްތަކެއް ނުބާއްވާއިރު، ގިނައިން ޖައްސަނީ އަމިއްލަ ޖެޓުތަކާއި ފްލައިޓްތަކެވެ.

 

ނ. އަތޮޅާއި، ރ. އަތޮޅުގައިވާ ދުރުމިން - ސަރުކާރުން ވަނީ ދެ އަތޮޅުގައިވެސް އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ނިންމާފައި -- ފޮޓޯ: ގޫގުލް

 

އެހެންކަމުން ނ. އަދި ރ. އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމާއެކު، އެ އެއާޕޯޓުތަކުން ބާއްވަނީ ކިތައް ދަތުރުތޯ ސުވާލުކޮށްލަބަލަށެވެ. ފަހަރުގައި މަހަކު އެއް ފްލައިޓް ބާއްވާފާނެ އެވެ. އެ ހިސާބުން އިންޓަނޭޝަނަލްވީތޯ އެވެ.

 

ރައީސް ޔާމީނެވެ. ވިސްނަވާ ދިރާސާކުރެއްވުމަށް ފަހު ވައުދުވެވަޑައިގަންނަވާށެވެ. ހޮޅި ވައުދުތަކެއްވެ، އެ ވައުދު ފުއްދުމަށް ރާއްޖެގެ ގުދުރަތީ މުއްސަނދިކަން ނަގާނުލާށެވެ. ކަމެއް ކުރިކަން ދެއްކުމުގެ ގޮތުން މުޅި ތިމާވެށި ގުރުބާންކޮށްނުލާށެވެ. އިޤްތިސާދީ މާހިރަކަށްވެ ހުންނަވާ ދެކޮޅުޖެހޭ ވައުދުތައް ވެވަޑައިގަންނަވާށެވެ. އަޅާ ކޮންމެ އެއާޕޯޓަކީ ވަރަށް ބޮޑު ހޭދައެކެވެ. އޭގެ އިތުރުން އެއީ އެންމެ ފަހަރަކުން ކޮށްގެން ފަރުޖެއްސޭ ހޭދައެއް ނޫނެވެ. އެތަން ހެދުމަށް ފަހު އެ ތަނަކަށް ތާއަބަދަށް ހަރަދު ކުރަންޖެހެވެ. ދުވާލަކު އޮންނަ ދެތިން ފްލައިޓުން އެ އެއާޕޯޓު ހިންގުމުގެ ހަރަދާއި ތަނުގެ މުވައްޒަފުންގެ މުސާރަ ފަދަ ޚަރަދުތައް ނުޗަލާނެކަން އެއީ ބުއްދި ހުރި ކޮންމެ މީހަކަށް ވެސް ވިސްނޭނެ ކަންކަމެވެ. އެހެންކަމުން އެފަދަ ތަނެއް ހަދާ ނަމަ އެ ތަނަކުން މަންފާ ނުލިބި ހުސް ގެއްލުން ލިބެމުންދާ ނަމަ އެއީ ފަހުގެ ޖީލުތަކަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. ބޮލުގައި އެޅުވޭ ވަރަށް ބޮޑު ދަރަންޏެކެވެ. ރައްޔިތުންނޭއެވެ. ވިސްނަވާށެވެ. ނަމަނަމަ ދައްކާ ކޮންމެ ވާހަކައަކަށް ނުހެއްލޭށެވެ. އެއާޕޯޓްގެ ދަޅައަކުން މިއަދު ވަގުތީ ފައިދާއެއް ލިބުނުކަމުގައިވީ ނަމަވެސް މާދަމާ ލިބޭނެ ގެއްލުން މާ ބޮޑެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
27 އޮކްޓޯބަރ 2017 | ހުކުރު 01:31
Balagaa
Konthaaku dhuvaa launch akun 15minetun hanimaadhoo in kulhudhuffuttah dhevenee. Thi dhen hama ehcheh jahaalee ey keevve 5 minet ey nujehee :s