ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ އިންޑިއާ އާއި ރާއްޖެ ގުޅާލެވޭ ވިޔަފާރީގެ ހަބަކަށް ކުޅުދުއްފުށި ހެދުމުގެ މަޝްރޫއު ފެށުމަށް ހަމަޖެހިފައިވާ ހަފްތާގައި ކަމަށް އެމްޑީޕީ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެމަޝަރޫޢުގެ ލިޔެކިޔުމުގެ ކަންކަން ވެސް ބެލެހެއްޓެވި ރައީސް އޮފީހުގައި މަސައްކަތް ކުރެއްވި އޭރުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެ ބިޔަ މަޝްރޫއަކީ ބޮޑު ތިލަދުންމަތީގެ ތަރައްޤީއަށް އަމާޒުކޮށް އުތުރުގެ ތިން އަތޮޅަށް ހިންގުމަށް ހަމަޖެހިފައި އޮތް މަޝަރޫއެކެވެ.
އޭނާ ވިދާޅުވީ އެމަޝްރޫއުގެ ދަށުން ކުޅުދުއްފުށީގެ މަގުތައް ހެދުމާއި އިންޑިއާގެ ސޫތުކުޅިން ރާއްޖެއަށް މުދާ އެތެރެކޮށް ބޭރު ކުރެވޭ ފަދަ ބޮޑު ޕޯޓެއް ހެދުން ހިމެނޭ ކަމަށެވެ. އަދި ހއ. އާއި ހދ. އަދި ށ. އަތޮޅުގެ އެހެން ރަށްރަށުން ކުޅުދުއްފުއްޓަށް ގޮސް އައިސް އުޅެވޭ ފަދަ ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ވެސް އެމަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ކުރީގެ ސަރުކާރުގެ އޮފިޝަލް ވިދާޅުވީ އެމަޝްރޫއު ރާވާފައި އޮތީ އެ މަޝްރޫއުގެ ދަށުން ދަށުން ކުޅުދުއްފުޓާއި އެތިން އަތޮޅުގެ އެހެން ރަށްރަށުގައި ފެރީ ގިމަތަތަކާއި ސިޓީ ހޮޓާ އެޅުމުގެ އިތުރުން ވިޔަފާރި އާއި މުދާ އެއްތަނުން އަނެއްތަނަށް އުފުލުމުގެ ނިޒާމްތައް ވެސް ޤާއީމް ކުރެވިގެންދާ ގޮތަށް ކަމަށެވެ. އޮފިޝަލް ވިދާޅުވީ ވެރިކަން ބަދަލުވިއިރު އެމަޝްރޫޢުގެ ފައިނަލް ކުރެހުން ނިމި ޕްލޭންތައް ހެދިފައިވާ ކަމަށާއި ފީޒިބްލް ރިޕޯޓް ވެސް ހަދައި ދިރާސާތައް ވެސް ނިމިފައިވާ ކަމަށެވެ. އަދި ފެބްރުއަރީ 7، 2012ގައި ވެރިކަން ބަދަލުވީ، ދައުލަތުގެ ބަޖެޓުންނާއި ދިގުމުއްދަތުގެ ލޯނު އަދި ހިލޭ އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އެމަޝްރޫޢު އެހަފްތާގައި ކުޅުދުއްފުށީގައި ބާއްވާ ހަފްލާއެއްގައި ފެށުމަށް ނިންމާފައި ވަނިކޮށް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި ކުޅުދުއްފުށީގައި ބާއްވަން އޮތް އެ ހަފްލާއަށް ވަޑައިގެންނެވުމަށް ރައީސް ނަޝީދާއި މަޝްރޫއާ ގުޅޭ އެންމެހާ ބޭފުޅުން އަދި ސަރުކާރުގެ އިސް އޮފިޝަލުން ދިއުމުގެ ދަތުރުގެ އެންމެހާ ކަންކަން ވެސް އޭރު އޮތީ ރޭވި، ފައިނަލް ވެފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދު ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ ކުޅުދުއްފުށި ތަރައްޤީ އާއި ބިން ބޭނުން ކުރުމުގެ ޕްލޭންގެ ފޮޓޯއެއް އެޓޭޗް ކުރައްވާފައެވެ. އެފޮޓޯއިން އެނގޭ ގޮތުގައި އެއީ ނޮދަން ރީޖެނެރޭޝަން ޕްރޮގްރާމްގެ ނަމުގައި ހައުސިންގ މިނިސްޓްރީން ހިންގާ ޕްރޮޖެކްޓެކެވެ. އެޕްލޭންގެ ތާރީޚެއްގެ ގޮތުގައި ވަނީ 2011 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 17 އެވެ.
MDP sarukaaruge Kulhudhuffushi tharahgee ai bin beynun kurumuge plan. pic.twitter.com/Ry1pceor7Z
— Mohamed Nasheed (@MohamedNasheed) October 26, 2017