ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައި ވަނީ އަހަރަށް ކަނޑައެޅި ބަޖެޓުން ހަރަދުތައް ހަމަނުޖެހުމުން ކަމަށާއި މިއިން ވެސް އެނގެނީ ސަރުކާރުގެ ހަރަދުތައް ކުރުމުގައި އެއްވެސް އުސޫލެއް ނެތް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.
މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަަވަމުން ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް ހިންގަމުންދާ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިގެން ކުރުމަށް ކަނޑައަޅާފައިވާ ހަރަދުތަކަކީ ހާއްސަ ހަރަދުތަކެއް ނޫން ކަމަށެވެ.
އާންމު ގޮތެއްގައި ގައުމުތަކުން ސަޕްލިމެންޓްރީ ބަޖެޓު އެކުލަވާލުމަށް ނިންމަަނީ ކުރިން ޕްލޭންގައި ނެތް ބޮޑެތި މަޝްރޫއުތައް ހިންގުމަށް ކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ، ސަޕްލިމެންޓަރީ ބަޖެޓަކީ ރައްޔިތުންގެ ސިއްހީ ހިދުމަތަކުގެ ހަރަދު ނުކުރެވިގެން ގެނައި ބަޖެޓެއް ކަމަށެވެ.
"މި ބަޖެޓުގައި އެބަހުރި މައްސަލަތަކެއް. އެހެންނަަމަވެސް މިއީ ރައްޔިތުންގެ ސިއްހީ ކަންކަމަށް ހޭދަކުރާ ފައިސާ މީގެ ތެރެއިން މި ލިބެނީ. އެންމެ ފުރަތަމަ މިދިޔަ އަހަރު ބަޖެޓް ފާސް ކުރި އިރުވެސް، އާސަންދަ އަށް ކަނޑައަޅާފައިވާ ބަޖެޓަކީ، އެކަމަށް އެކަށީގެންވާ ބަޖެޓެއް ނޫން ކަަމަށް މެންބަރުން ބުނަމުންދިޔަ. އެހެން ނަމަވެސް މެންބަރުން ދައްކާ ވާހަކައަށް ބެލުމެއް ނެތި އޭރު ވެސް ބަޖެޓް ފާސްކުރީ،" އިބޫ ވިދާޅުވި އެވެ.
ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، ބަޖެޓާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ މުހައްމަދު މުނައްވަރަށް ކުރި ސުވާލުތަކަށް އެންމެ އެކަށީގެންވާ ގޮތަކަށް ޖަވާބުދެއްވާފައިނުވާ ކަމަށެވެ. ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނާފައިވާ އާސަންދައިގެ ތެރެއިން ވެސް އެ ފައިސާ އެ ރައްޔިތުންނަށް ހޭދަވޭތޯ ރައްޔިތުންނަށް ކަށަވަރު ކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވ އެވެ.
"އާސަންދައިގެ ތެރެއިން ވަރަށް އާދައިގެ ކަންކަންވެސް ނުވާ ވާހަކަ އެބަދެކެވޭ. ބޭސް ވެސް ލިބެމުން ނުދާ ވާހަކަ. އެކަމަކު ބޮޑެތި އަދަދުތަކެއް އާސަންދައަށް ޖެހިގެން ހަރަދުތަކެއް ހިނގަމުންދާތައް ފެނިގެންދަނީ. އަދި ބޮޑެތި އަދަދުތަކުން ބަޖެޓްގައި ޖަހައިގެން ހަރަދު ކުރުމަކީ އަޅުގަނޑުމެންނަށް ގަބޫލުކުރަން ދަތިކަމެއް. އެހެންވެ މި ވޯޓުގައި ބައިވެރިވެފައިވަނީ،" ރިޔާޒް ވިދާޅުވި އެވެ.
މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނަށް 26 މިލިއަން ރުފިޔާގެ ބަޖެޓް ބައި- އިލެކްޝަން ބޭއްވުމަށް ކަނޑައަޅާފައިވާ އިރު ބާއްވަން ނުޖެހޭ އިލެކްޝަނަށް މިހާ ބޮޑު އަދަދެއް ހޭދަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި ގޮނޑި ގެއްލުވާލާފައި ވަނީ ބޭއިންސާފުން. ސުޕްރީމް ކޯޓުގެ ހުކުމުން ވެސް ގޮނޑި ގެއްލުނުކަން ސާފެއް ނުވޭ. ސަޕްލިމެންޓަރީ ބަޖެޓެއް ސަރުކާރުން ހުށަހަޅާފައިވާ އިރު ބަޖެޓް ދިރާސާކުރުމަށް އެންމެ އެކަށީގެންވާ ފުރުސަތު ލިބިފައިނުވޭ،" އަނާރާ ވިދާޅުވި އެވެ.
ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމު ވިދާޅުވީ، ރާއްޖޭގައި ސަޕްލިމެންޓަރީ ބަޖެޓެއް މިއަހަރު ކުރިން ގެނެސްފައި ވަނީ ސުނާމީ ކާރިސާއަށް ފަހުގައި 2005 ވަނަ އަހަރުގައި ކަމަށެވެ. އެހެން ނަމަވެސް މިއަހަރުގެ ބަޖެޓަށް ސަޕްލިމެންޓަރީ ބަޖެޓެއް އެކުލަވާލަންޖެހޭ ފަދަ މަސައްކަތެއް ކުރެވިގެންނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަސްލަމް ވަނީ ސަރުކާރުން އާސަންދައަށް ކުރައްވާ ހަރަދުތަކާ ގުޅޭ ގޮތުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
" އާސަންދައަށް ކަނޑައަޅާފައިވާ އަދަދު 450 މިލިއަން ރުފިޔާ ކަނޑައެޅުމުން އަޅުގަނޑުމެން ހީކުރީ އާސަންދަ ހުއްޓާލަން އުޅެނީ ކަމަށް. ސަރުކާރުން ބުނަނީ މިއީ ހުސްނުވާ އާސަންދައޭ. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އާސަންދަ ނުވެސް ނެތްތަން. މިހާރު އަނެއްކާ 300 މިލިއަން ރުފިޔާ އިތުރުކޮށްލީ. މިހާރު ލިބިފައިވާ ހިސާބުތަކުން 717 މިލިއަން ރުފިޔާ ވަނީ އާސަންދަ އަށް ހަރަދު ކުރެވިފައި،" އަސްލަމު ވިދާޅުވި އެވެ.