މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީއަކީ 2700 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އާމްދަނީ ހޯދުމަށް މަޑުއްވަރީ ރައްޔިތުން އާންމުކޮށް ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމާއި އޮޑިދޯނި ފަހަރު ބަނުމެވެ. ފުޅާމިނުގައި 0.325 ކިލޯމީޓަރު ހުންނަ މަޑުއްވަރީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބިމުގެ ދަތިކަމެވެ. ރަށުން ގޯތި ދޫކުރެވޭނެ އެއްވެސް ބިމެއް މިހާރަކު ނެތެވެ. އެހެން ނަމަވެސް ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ގޯއްޗަށް ދަނީ އެދެމުންނެވެ.
މަޑުއްވަރީގެ ރަށްގިރުުމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އެ ރަށުގެ ވަށައިގެން ގޮނޑުދޮށުގައި ބޮޑު ހިލަ ޖަހާފަ އެވެ. އެ މަޝްރޫއު ނިންމާލާފައިވަނީ 2015 ވަނަ އަހަރުގެ ޖޫން މަހު އެވެ. އެ މަޝްރޫއަކީ މަޑުއްވަރީ ރައްޔިތުންނާ ދެކޮޅަށް ހިންގި މަޝްރޫއެކޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ރައްޔިތުން އެދެމުން ދިޔައީ ބޭރު ތޮށީގައި ހިލަ ޖެހުމަށެވެ. ހިލަ ޖަހަން ގެނައި ހައިމާކުގެ ދަތްގަނޑު މައްޗަށް އަރައި ރައްޔިތުން އިހުތިޖާޖު ވެސް ކުރި އެވެ.
ނިމުނު ދައުރުގައި މަޑުއްވަރީ ކައުންސިލްގެ މެންބަރު ނަސްރުﷲ ހުސެއިން ވިދާޅުވީ މަޑުއްވަރިހާ ކުޑަކުޑަ ރަށެއްގެ ގޮނޑުދޮށުގައި ބޮޑު ހިލަޖަހައިގެން ރަށުގެ ރައްޔިތުންނަށް އެއްވެސް ކުރިއެރުމެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބިމުގެ ދަތިކަން އިންތިހާއަށް ރަށަަށް ކުރިމަތިވެފައިވާއިރު، ގޮނޑުދޮށުގައި ހިލަ ޖެހުމުގެ ސަބަބުން އިތުރަށް ރަށް ހިއްކުމުގެ ފުރުސަތު ހަނިވެގެން ދިޔައީ އެވެ.
އެކުވެރި ރައްޔިތެއް އުޅޭ މަޑުއްވަރީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކޮށްދިނުމަށް އެ ރަށުގައި 50 ހައުސިންގ ޔުނިޓް އަަޅައިދޭން ސަރުކާރުން ވައުދުވެފައިވެއެވެ. އެހެންނަމަވެސް، މިއަދާ ހަމައަށް ވެސް އެންމެ ހައުސިންގ ޔުނިޓެއް ވެސް އެ ރަށުގައި އަޅާފައެއް ނުވެ އެވެ. ނަސްރުﷲ ވިދާޅުވި ގޮތުގައި ހައުސިންގ ޔުނިޓް އަޅަން 14,000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިދިނުމަށް ހައުސިންގ މިނިސްޓްރީއިން ކައުންސިލަށް އެންގި އެވެ.
"14,000 އަކަފޫޓުގެ ބިމެއް މިރަށުން ނުދެއްކޭނެކަން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ވެސް، ހައުސިންގ މިނިސްޓަރަށް ވެސް އެނގިވަޑައިގަންނަވާނެ، ފަހަރުގައި ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިނުގެންފާނެ، ސަބަބަކީ ދުވަހަކުވެސް މިރަށު ތެރެއަށް ނާރާތީވެ، ޗާޓުން ބެލިޔަސް، މިރަށުގެ މައުލޫމާތު ރަނގަޅަށް އޮޅުންފިލުވާލައިފަ އޮތްނަމަ އެނގޭނެ އެވަރުގެ ބިމެއް މިރަށުގައި ނެތްކަން،" ނަސްރުﷲ ވިދާޅުވި އެވެ.
މަޑުއްވަރީ އޮޑިވެރިޔަކު ބުނީ އެރަށް އެއްކޮށް ފުރިފައިވާ ކަމަށާއި ދަރިއަކު ދިރިއުޅުން ފަށާނެ ތަންކޮޅެއް ވެސް މިހާރު ރަށުގައި ނެތް ކަމަށެވެ. ފްލެޓް އަޅާނެ ކަމަށް ވައުދުވެފައި އޮތަސް އެކަމުގެ އަމަލީ މަސައްކަތް ނުފަށާތީ އޭނާ ކަންބޮޑުވުން ފާޅުކުރި އެވެ.
މަޑުއްވަރީ ސްކޫލްގެ ޓީޗަރަކު ބުނީ އެ ރަށު ރައްޔިތުންގެ ތެރެއިން 45 އަހަރުން ދަށުގެ ރައްޔިތުން ތިބީ ބިންވެރިކަން މަހުރޫމްވެފައި ކަމަށެވެ. އަދި މިހާރު އެ ޖީލުތަކުގެ މީހުން ދިރިއުޅެނީ މައިންބަފައިންގެ ގެދޮރުން ލިބޭ ކުޑަ ތަންކޮޅުގައި ކަަމަށް އޭނާ ބުންޏެވެ.
އުމުރުން ދުވަސްވީ މީހަކު ބުނި ގޮތުގައި ދަރިންތައް ތިބީ ރަށުން ގެވަޅެއް ލިބޭނެ ގޮތެއް ނެތެވެ. އަދި ދެބުރި ތިން ބުރިއަށް ގެ ހިއްލަން ބަލާއިރު، އެވަރުގެ ތަނަވަސްކަމެއް ނެތް ކަަމަށް އޭނާ ބުންޏެވެ. 8 ވަރަކަށް އާއިލާ އެއްގެއްގައި އުޅެން ޖެހިފައިވުމަކީ އޭނާގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
އެހެން ރައްޔިތަކު ބުނި ގޮތުގައި ރަށުގެ މުސްތަގުބަލާ މެދު ވަނީ ސުވާލުއުފެދިފަ އެވެ. އޭނާ ބުނީ ދަރިންނަށް ރަށުގައި ބިމެއް ނެތް ކަމަށާއި ދަރިންގެ ދަރިންނަށް ވެސް ބިމެއް ނުލިބޭނެތީ ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ.
މަޑުއްވަރީ ރައްޔިތުން އުންމީދުކޮށްގެން ތިބީ ސަރުކާރުން ރަށް ހިއްކައި، ބިމުގެ ދަތިކަމަށް ހަލެއް ހޯދައިދޭނެ ކަމަށެވެ. އެހެންނަމަވެސް، ގޮނޑުދޮށުގައި ހިލަޖެހުމުގެ ސަބަބުން ރައްޔިތުން ވަނީ ނާއުންމީދުވެފަ އެވެ. ހައުސިންގ ޔުނިޓް އަޅަން ބަލާއިރު، އެވަރުގެ ބޮޑު ބިމެއް ރަށުގައި ނެތެވެ. ރައްޔިތުންގެ ޚިޔާލާ ދެކޮޅަށް ޖެހި ބޮޑުހިލައިގެ ސަބަބުން އަންހެންވެރިން ވެސް ތިބީ ވަރަށް ރުޅިގަދަވެފަ އެވެ.
ގޮނޑުދޮށާ ކައިރީގައި ހުންނަ ގެއެއްގައި ދިރިއުޅޭ އަންހެނަކު ބުނީ ހިލަތައް ވެފައިވަނީ ބޮޑު މީދާ ހާއްޔަކަށް ކަމަށެވެ. ހިލަ ޖެހިފަހުން މީދަލުގެ އުނދަގޫ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ހިލަ ޖެހީ އެންމެ މީހެއްގެ ބަހަށް ކަމަށާއި ރައްޔިތުން އެއްވެސް އިރަކު ގޮނޑުދޮށުގައި ހިލަ ޖެހުމަށް އެއްބަސްވެފައިނުވާނެ ކަމަށެވެ.
އޮޑިދޯނިފަހަރު ބަންނަ ރަށަކަށްވާއިރު، އެ މަސައްކަތަށް ވެސް ބިން ބޭނުންވެ އެވެ. ދަނޑުވެރިކަން ކުރަން ބަލާއިރު، އެ މަސައްކަތް ކޮށްލާނެ ބިމެއް ވެސް ނެތެވެ. މަޑުއްވަރީ ވަށައިގެން ހިލަޖަހާފައި އޮތުމުގެ ސަބަބުން މޫދަށް އެރޭނެ ތަނެއް ވެސް ނެތެވެ، އެ ރަށަށް ބަލާއިރު، ރަށުގައި ވަށައިގެން ހިއްކޭނެ ޖާގަ އެބައޮތެވެ. އެ ރަށުގެ ރައްޔިތުންގެ އުންމީދަކީ ބިމުގެ ދަތިކަމަށް ހައްލެ އައުމެވެ. ގޮނޑުދޮށުގައި ޖަހާފައިވާ ހިލަތައް ނަގައި، ބޭރުތޮއްޓަށް ބަދަލުކޮށް، އެ ހިސާބުގަނޑު ހިއްކައި ދިނުމެވެ.