ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކޮންމެ ކަމެއް ކުރެއްވިޔަސް އެކަމެއް ރާއްޖޭގައި ގާނޫނީ ގޮތުން ހުއްދަ ކަމަކަށް ވާނެ ކަމަށް ބުނާ މީހުން ގިނައެވެ. ގާނޫނާ ޚިލާފު ކަމަކަށް ނުވަންޏާ އެކަމަކަށް އެޅޭނެ ފިޔަވަޅެއް ވެސް ނޯންނާނެތާއެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެ އޭރުގެ އިދިކޮޅު ފަރާތްތަކަށް ހިތްވަރުދެއްވައި ރައީސް ޔާމީން ވަނީ ދި ޓީވީގައި ވާހަކަ ދައްކަވާފައެވެ. އޭރު އެއީ މައްސަލައަކަށް ނުވިއެވެ. ހުއްދަކަމެކެވެ. ނަމަވެސް ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވެރިކަމުން ދުރުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވުމުން، ރާއްޖެ ޓީވީން ގައުމީ ސަލާމަތަށްނުރައްކާތެރި އަމަލެއް ހިންގި ކަމަށް ކަނޑައަޅައި ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ފަސް ލައްކަ ރުފިޔާ އިން ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައެވެ. ވެރިކަން ގާނޫނީ އިމުގެ ތެރެއިން ވައްޓާލުމުގެ ހުއްދަ ގާނޫނުގައި ދީފައި ވަނީ ހަމައެކަނި ވަކި ބަޔަކަށް ތޯއެވެ.
އެހެންކަމަކަށް ބަލައިލާނަމެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް ދުވަސްކޮޅުގެ ތެރޭގައި އެމަނިކުފާނު ވަނީ އެކި ހަފްލާތަކުގައި ވާހަކަދައްކަވަމުން މަޖިލިސް މެމްބަރުން ޕީޕީއެމާ ގުޅިވަޑައިގަތުމަށް ގޮވާލައްވާފައެވެ. އަދި ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އަށް ނިސްބަތްވާ އެތަކެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވަނީ ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާތަކުގައި ޕީޕީއެމަށް ސޮއިކުރައްވައި އެމަނިކުފާނާ ފޯމް ހަވާލުކުރައްވާފައެވެ. ރައީސް ޔާމީން ބައިވެރިވެވަޑައިގަތުމުން އެއީ ގާނޫނީ ގޮތުން ހުއްދަކަމެކެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކަށް ޕީޕީއެމްގެ މެމްބަރުން ސޮއިކުރުމުން އެކަން ވެގެންދަނީ ޓެރަރިޒަމްގެ އަމަލަކަށެވެ. ބަޣާވާތަކަށެވެ.
ޕީޕީއެމް އަށް ނިސްބަތްވާ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުން އެ ޕާޓީ ދޫކުރަށްވައި ދާދިފަހުން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުން ރައީސް ޔާމީން ވިދާޅުވީ އެއީ ބޮޑު ބަޣާވާތެއް ކަމަށެވެ. ޕާޓީ ބަދަލުކުރީތީ އެ މެމްބަރުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި ޖަލަށްލާ ހިސާބުގައެވެ. އެ މެމްބަރުން އުމުރު ދުވަހު ޖަލުގައި ހޭދަކުރަންޖެހޭ ހިސާބުގައެވެ.
ރިޝްވަތުގެ މައްސަލަތައް ވެސް ހަމައެހެންނެވެ. ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައްޔާއި ޓީވީ ޕްރޮގްރާމްތަކުގައި ވަނީ ގޯނި ގޯނީގައި މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ބެހި ކަމަށް އިއުތިރާފުވެވަޑައިގެންފައެވެ. ނަމަވެސް ރައީސް ޔާމީނަށް ބައިއަތުހިފާފައިވާ މެމްބަރަކަށްވާތީ އެ މައްސަލަ ބެލޭގޮތެއް ނުވަނީ ހެއްޔެވެ؟ މުހައްމަދު އިސްމާއީލްގެ މައްޗަށް ދައުވާ އުފުލޭގޮތެއް އަދި ނުވެއެވެ.
ނަމަވެސް ޖުމްހޫރީ ޕާޓީ ދޫކޮށް ޕީޕީއެމާ ގުޅިވަޑައިގަތް މަޖިލިސް މެމްބަރުން އަނބުރާ އެޕާޓީއާ ގުޅިވަޑައިގެންފި ނަމަ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ޓިކެޓް ދިނުމުގެ އިތުރުން އެހެނިހެން ގޮތްގޮތުން އެހީތެރިވެ ލައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުމުން އެމަނިކުފާނު ރިޝްވަތު ހުށަހެޅުއްވި ކަމަށް ކަނޑައަޅައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ދެ އާއިލާ އެއް ހަމަޖައްސަން އެތިކޮޅެއް ބޭނުންވާ ކަމަށް މަޖިލިސް އިންތިޚާބުގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވާ އޯޑިއޯ އެއް ލީކްވިއެވެ. ނަމަވެސް އެއީ ރިޝްވަތަކަށް ނުވިއެވެ. އެ މައްސަލަ ބަލާނެ މުއައްސަސާއެއް މި ރާއްޖެއަކު ނެތީ ހެއްޔެވެ؟ ހަމަ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ހުންނެވި ބޭފުޅަކަށް ވާތީ ހެއްޔެވެ؟
މަޖިލިސް މެމްބަރުންނަށް އަހުމަދު އަދީބު ދެއްވަނީ ތިމަން މަނިކުފާނުގެ ފައިސާ ކަމަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެއީ ކުށަކަށް ނުވިއެވެ. ނަމަވެސް މީހަކު ގޮސް މަޖިލިސް މެމްބަރަކަށް ފައިސާ ދީފައި މިއީ އަހުމަދު ފާރިސް މައުމޫން ދިން ފައިސާއޭ ބުނުމުން އެއީ ރިޝްވަތަށް ވެއްޖެއެވެ. ނަމަވެސް ފާރިސް އަންނަނީ ކަނޑައެޅިގެން އެކަމަށް އިންކާރު ކުރައްވަމުންނެވެ. އެކަމާ ހެދި ފާރިސް މިއަދު އޮންނަންޖެހިވަޑައިގެންފައި ވަނީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެކައުންޓް ކަމަށް ދައުލަތުގެ ތަހުގީގީ އިދާރާތަކުން ބުނާ އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް ފަސް ލައްކަ ޑޮލަރު ޖަމާކުރި ވާހަކައެއް ފެންމަތިވިއެވެ. އެ ކަމުގެ ހަގީގަތް ބެލިހެއްޔެވެ؟ އެ މައްސަލައިގެ ހަގީގަތް ބެލިކަން ނޭންގިއޮއްވާ ބަދަލުގައި ފުލުހުންގެ އިދާރާ އިން ކުރި ކަމަކީ އެ ވާހަކަ އާންމުންގެ ސަމާލުކަމަށް ގެންނެވި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު މަހުލޫފް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް އޭނާގެ ތަހުގީގު ހިންގުން ކަމަށް ކިތަންމެ ބަޔަކު ގަބޫލު ކުރެއެވެ. .
ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް އެސެޓް ރިކަވަރީ ކޮމިޝަނެއް ރައީސް ޔާމީން އުފައްދަވާފައިވާއިރު، ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވާ ފައިސާ ހޯދުމަށް އެ ކޮމިޝަނުން އެކަށީގެންވާ މަސައްކަތެއް ކުރާ މަންޒަރު އެބަފެނޭހެއްޔެވެ؟
ގަބޫލު ކުރައްވާށެވެ. ރައީސް ޔާމީނާ ދެކޮޅަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކާއި ރިޝްވަތުގެ މައްސަލަތަކާއި އެނޫންވެސް މައްސަލަތައް ތަހުގީގު ކުރުމަކީ މައްސަލައެއް ނޫނެވެ. އެއީ ގައުމެއްގައި ހިނގަން ޖެހޭ ކަންކަން ނޫން ކަމަށް ބުނެވޭކަށް ނެތެވެ.