އައްޑޫ ސިޓީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައްޑޫ ސިޓީ ހުޅުމީދޫ ވައިޖެހޭ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި ފުލުހުންނާއި ސިޓީ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ކުރި މަސައްކަތުން ވަަރަށް އަވަހަށް އަލިފާން ގަނޑު ކޮންޓްރޯލް ކުރެވި ނިއްވާލެވިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާނުގެ ހާދިސާގައި އެ ގޭގެ ބޮޑު ބައެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ހުޅުމީދޫ ކައުންސިލާ އިބްރާހިމް ޝުކުރީ ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގޭގެ ބޮޑު ބައެއް ހަލާކުވެ ހިފާ ގެންގުޅޭ ތަކެތި ވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި އަލިފާން ނިއްވަން އުޅުމުގެ ތެރޭގައި ފުލުހަކަށް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި އެ އޮފިސަރަށް އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ޝުކުރީ ވިދާޅުވިއެވެ.