އޭޝިއާގެ ޤައުމުތަކާއި ޤަތަރުން ގުޅުން ޤާއިމްކުރަމުންދާ މި ދަނޑިވަޅުގައި ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ޤަތަރުގެ ވެރިރަށް ދޯހާއަށް ވަޑައިގެންފިއެވެ.
2 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ބުދަ ދުވަހު ސިރިސޭނާ ޤަޠަރަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޤަތަރުގެ އިޤްތިޞާދާއި ބެހޭ ވަޒީރާއި އިސް އެހެން ބައެއް އޮފިޝަލުންނެވެ. މި ދަތުރުފުޅުގައި ހަކަތަޔާއި ވިޔަފާރި އަދި އިންވެސްޓްމަންޓްގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިވެގެންދާނެކަމަށް ސިރިސޭނާގެ އޮފީހުން ބުނެއެވެ.
މީގެ އިތުރުން ސިރިސޭނާގެ މިދަތުރުފުޅުގައި ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އަލްޘާނީ އާއި ޤަޠަރުގެ ބައެއް ވަޒީރުންނާއިއެކު ބައްދަލުކުރައްވާނެއެވެ. އަދި އެޤައުމުގައި ތިބި ލަންކާގެ ރައްޔިތުންނާއިވެސް ސިރިސޭނާ ބައްދަލުކުރައްވާނެކަމަށް ސިރިސޭނާގެ އޮފީހުން ބުނެއެވެ.
މިދަތުރުގެ ތެރެއިން ލަންކާއައި ގަތަރާއި ދެމެދު 6 އެއްބަސްވުމެއްގައި ސޮއެކުރެވޭނެއެވެ. އަދި މީގެ އިތުރުން ލަންކާގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާއި ގުޅޭގޮތުން ޤަޠަރުގެ ވިޔަފާރިވެރިންނަށް އިއްޔެ ވަނީ މައުލޫމާތު ދީފައެވެ.
ސައޫދީ އިސްވެ އޮވެ ޢަރަބި ބައެއް ޤައުމުތަކާއި ދިވެހިރާއްޖެއިން ޤަޠަރާއިއެކު އޮންނަ ގުޅުން ކަނޑާލުމާއި ގުޅިގެން ޤަޠަރުން ގެންދަނީ ބައިނަލްއަޤްވާމީ މުޖްތަމައާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަމުންނެވެ. އެގޮތުން ނިމިގެން މިދިޔަ ހަފްތާގައި ޤަތަރުގެ އަމީރު ވަނީ އިންޑޮނީޝިއާއަށް ވަޑައިގެންފައެވެ.