ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 04:24
ކޮލޮމްބޯ ޕޯޓް ސިޓީގެ މަސައްކަތް ކުރިއަށްދަނީ
ކޮލޮމްބޯ ޕޯޓް ސިޓީގެ މަސައްކަތް ކުރިއަށްދަނީ
ޑެއިލީ މިރޯ
ކޮލޮމްބޯ ޕޯޓް ސިޓީ
ކޮލޮމްބޯ ޕޯޓް ސިޓީގެ 50 އިންސައްތަ ހިއްކައިފި
ކޮލޮމްބޯ ޕޯޓް ސިޓީގެ މަސައްކަތް 2019ވަނަ އަހަރަށް ނިމެނޭ

އަވަށްޓެރި ސްރީލަންކާގެ ވެރިރަށް ކޮޅުނބުގެ ޕޯޓް ސަރަހައްދު ހިއްކައިގެން ހަދާ ޕޯޓް ސިޓީގެ މަސައްކަތް 2019 ވަނަ އަހަރުގެ މެދުތެރޭ ނިންމާލެވޭނެކަމަށް އެޤައުމުގެ މެގަޕޮލިސް ޑިވެލޮޕްމަންޓް މިނިސްޓަރ ޗަމްޕިކަ ރަނަވަކަ ވިދާޅުވެއްޖެއެވެ.

ޕޯޓް ސިޓީގެ މަސައްކަތް ބައްލަވާލެއްވުމަށް ހިއްކަމުންދާ ސަރަހައްދަށް ވަޑައިގެން ބުދަ ދުވަހު ރަނަވަކަ ވިދާޅުވީ ޕޯޓް ސިޓީ ހެދުމަށް ބޭނުންވާ ބިމުގެ 50 އިންސައްތަ ހިއްކައި ނިމިފައިވާކަމަށެވެ. ޕޯޓް ސިޓީ ހެދުމަށް ނިންމާފައިވަނީ 269 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. މީގެ ތެރެއިން 62 ހެކްޓަރުގެ ބިން ލަންކާ ސަރުކާރުން ބޭނުންކުރާއިރު، 116 ހެކްޓަރު ބިން ދިގު މުއްދަތަކަށް ނަގާނީ މި ޕްރޮޖެކްޓަށް ހޭދަކުރާ ޗައިނާއިންނެވެ. އަދި ބާކީ ބިން އާއްމުންނަށާއި ވިޔަފާރިތަކަށް ޚާއްސަކުރެވޭނެކަމަށް ރަނަވަކަ ވިދާޅުވިއެވެ.

ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ފެށި މި ޕްރޮޖެކްޓް ހުއްޓާލުމަށް މިހާރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ މަސައްކަތްކުރެވިއެވެ. އެހެން ނަމަވެސް ޗައިނާގެ ފިއްތުންތަކާއިއެކު މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ލަންކާ ސަރުކާރަށް މަޖުބޫރުވިއެވެ. ބުދަ ދުވަހު ހިއްކާ ސަރަހައްދަށް ވަޑައިގެން މިނިސްޓަރ ރަނަވަކަ ވިދާޅުވީ ޕޯޓް ސިޓީ ނިމުމުން އެސަރަހައްދު ވެގެންދާނީ އިންޑިއާ ކަނޑުގެ ވިޔަފާރިއާއި މާލީ މައި މަރުކަޒަށްކަމަށެވެ. ޕޯޓް ސިޓީ ނިމުމުން ކޮޅުނބުގެ މުނިސިޕަލް ކައުންސިލުގެ ބާރުގެ ދަށުގައި އޮތްނަމަވެސް އެސަރަހައްދު މެނޭޖްކުރުމަށް އިތުރު ކުންފުންޏެއް އުފައްދާނެއެވެ. މިއީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދަށުން ހުޅުމާލެ ހިންގުމަށް ރާއްޖޭގައި ގެންގުޅޭ މޮޑެލްއެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ޗައިނާ ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓްގެ މަސައްކަތްކުރަނީ ރާއްޖޭގެ ބްރިޖްގެ މަސައްކަތްވެސް ކުރާ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީއިންނެވެ. އަދި މިއީ ޗައިނާއިން ލަންކާގައި ކުރިއަށް ގެންދާ އެންމެ ބޮޑު ޕްރޮޖެކްޓެވެ. ޕޯޓް ސިޓީގެ ޕްރޮޖެކްޓްގެ އަގު 1.4 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

- ކޮމެންޓް