އެމެރިކާ އިން ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އިންޑިއާ އާ އެކީ މަސައްކަތް ކުރުމަށް އެމެރިކާ ގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން ވައުުދުވެވަޑައިގެންފިއެވެ.
ޓިލާސަން ވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށް ބުދަ ދުވަހު ވަޑައިގެން އިންޑިއާގެ އިސް އޮފިޝަލުންނާ މަޝްވަރާތައް ބާއްވަވާފައެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް އާ އެކު ބޭއްވެވި ނިއުސް ކޮންފަރެންސްެއެއްގައި ޓިލާސަން ވިދާޅުވީ އިންޑިއާ އަކީ ޓެރަރިޒަމާ ދެކޮޅަށް މުުހިންމު މަސައްކަތްތަކެއް ކުރާ ގައުމެއް ކަމަށެވެ. އަދި އިންޑިއާ އާ އެކު ވަރަށް ގާތުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ޓިލާސަން ވިދާޅުވިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ޓިލާސަން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ އާ އެކު ވެސް ބައްދަލު ކުރައްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓިލާސަން އަންގާރަ ދުވަހު ޕާކިސްތާނަށް ވެސް ވަޑައިގެންނެވިއެވެ. ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގްރޫޕްތަކާ ދެކޮޅަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތްކުރަން ޖެހޭ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން ވަނީ ޕާކިސްތާނުގެ ވެރިންގެ ގާތު ވިދާޅުވެފައެވެ.
ޓިލާސަން ވަނީ ހޯމަ ދުވަހު އަފްގާނިސްތާނަށް ވެސް ވަޑައިގެންފައެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ގެންދަވަނީ މެދުއިރުމައްޗާއި އަދި ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ޒިޔާރަތް ކުރައްވަމުންެނެވެ.