މަހާޖައްރާފް ކުޅުދުފުއްޓަށް ބަނދަރުކޮށްފައި ވަނީ ބުދަ ދުވަހު ހަވީރު 3:00 ގައި އެރަށު ދެނކުނު ފަރާތު ބަނދަރު ބޭރުގައެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނީ އެއާޕޯޓް އެޅުމަށް އެރަށު ކުޅި ހިއްކުމަށް ހަމަޖެހިފައި ވަނީ އެމްޓީސީސީން އަލަށް ގެންނައި ޑްރެޖަރު (މަހާ ޖައްރާފާ) ކަމަށެވެ. އެއީ މަހާޖައްފާރުން ފުރަތަމަ ކުރެވޭ މަސައްކަތައެވެ.
މަހާޖައްރާފްގެ ދިގު މިނުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެ އެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާއިރު ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނީ އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އެއީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިތާ ހަތަރު އަހަރު ފުރޭ ދުވަހެވެ.
އެމްޓީސީސީން ބުނީ "މަހާޖައްރާފު" ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާނީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަމަށެވެ.