މިއަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ ދައުލަތުގެ ޚަރަދު އިތުރުވެފައިވާތީ، އިތުރަށް ފައިސާ ބޭނުންވާތީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރެއްވީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން އެންމެ 14 މެމްބަރުންނެވެ.
އެބަޖެޓަށް ބަހުސް ކުރުމަށް ބުދަ ދުވަހު ބޭއްވި ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދެވެ. މަސީހަކީ މަޖިލީހުގެ ރައީސް ނޫންކަމަށާއި ޖަލްސާގެ ރިޔާސަތުގައި މަސީހު އިންނަވައިގެން ބާއްވާ ޖަލްސާތަކުގައި ބައިވެރި ނުވާނެކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ބުނެފައިވަނިކޮށް، ސަރުކާރުން މިވަނީ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅާފައެވެ.
އެބަޖެޓުގައި ބުނެފައިވާގޮތުން އެބަޖެޓްގެ 493 މިލިއަން ރުފިޔާގެ ތެރެއިން 330 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ކަނޑައަޅާފައި ވަނީ އެންސްޕާ އާއި އާސަންދައަށެވެ. އާސަންދަ ބަޖެޓް މިއަހަރު ދެބައިވިއިރު ހުސްވުމާއި ގުޅިގެން ރައްޔިތުންގެ ސިއްހީ ފަރުވާ ދެވޭނެ ގޮތެއް ހަމަޖެއްސުމަށް އިދިކޮޅު މެމްބަރުންވެސް ދެކޮޅު ހެއްދެވުމެއްނެތި އެބަޖެޓަށް ބަހުސް ކުރަމުންދިޔައިރު އިދިކޮޅު މެމްބަރުން މަޖިލީހުގެ ޗެމްބަރަށް ވަޑައިގެން އިހުތިޖާޖު ކޮށްފައެއް ނުވެއެވެ. ނަމަވެސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅިފަހުން މަޖިލީހުން ބޭއްވި ޖަލްސާތަކުގައި އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގެ އިދާރާއާއި ޗެމްބަރުގެ ތެރޭގައި އިހުތިޖާޖު ކޮށްފައެވެ.
ސަޕްލިމެންޓްރީ ބަޖެޓަށް ސަރުކާރަށް ނިސްބަތްވާ 14 މެމްބަރުން ބަހުސްކުރެއްވިއިރު، "އޮއްޓަރުހުރި" ވާހަކައެއް ދެއްކިވި މެމްބަރެއް ނެތެވެ. މުޅި ޖަލްސާގައި އޮތީ އިދިކޮޅު މެމްބަރުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކާއި އެޕާޓިތަކުގެ ލީޑަރުން ފާޑު ވިދާޅުވުމެވެ. މީގެއިތުރުން ބަޖެޓަށް ބަހުސް ކުރެއްވި އެއްވެސް މެމްބަރަކު ރައީސް ޔާމީންއަށް ޝުކުރު ދަންނަވާ އަދި ސަނާ ކިޔުމަށްފަހު ނޫނީ އިށީނދެ ވަޑައިގަންނަވާފައެއް ނުވެއެވެ.
ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރެއްވި ސަރުކާރަށް ނިސްބަތްވާ މެމްބަރުން އިދިކޮޅު މެމްބަރުން ޖަލްސާތަކުގައި އިހުތިޖާޖުކޮށް، އަދި ބަޖެޓް ބަހުސްގައި ބައިވެރި ނުވުމުން ފާޑުވިދާޅުވިއިރު، ސަރުކާރަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް ވެސް ޖަލްސާއަށް ހާޒިރުވެވަޑައިގެން ބަހުސް ކުރައްވާފައި ނުވެއެވެ.
ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރެއްވީ:
- ވިލިމާލެ ދާއިރާގެ މެމްބަރު އަޙުމަދު ނިހާނު ޙުސައިންމަނިކު
- ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް
- މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ރިފާއު
- މިލަންދޫ ދާއިރާގެ މެމްބަރު ޙަސަން މުފީދު ޢަބްދުލްގާދިރު
- ނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ހަލީލު
- އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު
- ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު
- ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު
- މާފަންނުމެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު
- އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
- ކަނޑިތީމު ދާއިރާގެ މެމްބަރު މުޙައްމަދު ޙުސައިން
- ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ
- ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާމަނިކު
- މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދުއެވެ.