ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރ. އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ރ. މަޑުއްވަރީ ނަރުދަމާގެ ޚިދުމަތް ފައްޓަވާދެއްވައި، އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަ ކުރެއްވުމުގެ އިތުރުން އެއަތޮޅު ފައިނަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވާފައެވެ.
މީގެ އިތުރުން ރައީސް ވަނީ އެ އަތޮޅު މީދޫގައި އަލަށް ބިނާކޮށްފައިވާ "މަސްޖިދުލް އައްވާބީން" މިސްކިތް ހުޅުއްވައިދެއްވާފައެވެ. އަދި މީދޫގެ ފެނުގެ ޚިދުމަތާއި، ނަރުދަމާގެ ޚިދުމަތް އިފްތިތާހުކޮށްދެއްވާފައި ވެއެވެ.
ރައީސްގެ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި މި ދަތުރުފުޅުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވެސް އެމަނިކުފާނުގެ އަރިހުގައި ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެކި ރަށްރަށުގައި ދެއްކެވި ވާހަކަފުޅުތަކަށް ބަލާއިރު އިދިކޮޅު ފަރާތްތަކަށް ބަހުގެ ގިނަ ހަމަލާތަކެއް ދެއްވާފައިވެއެވެ. އަދި 2018 ގެ އިންތިޚާބުގައި އެމަނިކުފާނު އާ ދައުރަކަށް އިންތިޚާބުކޮށްދީފި ނަމަ ކޮށްދެއްވާނެ ބައެއް ކަންކަން ފާހަގަކުރައްވާފައި ވެއެވެ. މި ދަތުރުފުޅާ ދިމާކޮށް މަޑުއްވަރީގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލައި ސަރުކާރުން ވައުދުވި ކަންކަމުގެ ތެރެއިން ނުކޮށްދީ ހުރި ކަންކަމުގެ ވާހަކަ ލިޔެފައިވާ ބެނާތައް މަޑުއްވަރީގައި ދަމާފައި ވަނިކޮށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އެތަކެތި ނަގާފައެވެ.