ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)، 23، އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މައްސަލާގައި ތިން މީހެއްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް މާދަމާ (ބުދަ) ދުވަހު ފެށުމަށް ތާވަލުކޮށްފި އެވެ.
ނަދީމްގެ މަރާ ގުޅިގެން ގ.ޝަރާޒް، މުހައްމަދު މަފާޒް ހުސެއިން ސަލީމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. އަދި ލ.ގަން، ވިދާތަރި، އަލީ ނިފާޒް އާއި ރ.އިންމާދޫ, ސަމަންތާ، ހުސެއިން ޝާމީން މައްޗަށް ކޮށްފައިވަނީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުގައި ފަށާ މި އަޑުއެހުންތައް ތާވަލުކޮށްފައި އޮތީ ބުދަ ދުވަހުގެ ހެނދުނު 10.00 ގައި ބޭއްވުމަށެވެ.
ނަދީމަށް ހަމަލާދީ ޒަޚަމް ކޮށްލާފައިވަނީ ދެ ގުރޫޕެއްގެދެމެދުގައި ހިނގި ދެބަސްވުމުގެ ތެރެއިން ބަދަލު ހިފުމުގެ ގޮތުން ކަމަށް ފުލުހުން ވަނީ ބުނެފި އެވެ.
އަދި ޖުލައި މަހުގެ 27 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާމިނަލް ކެފޭއަށް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ، ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުން ޓާމިނަލް ކެފޭގައި ނަދީމް ހުއްޓާ ހަމަލާދިނީ ކުރިން ރާވައިގެން ކަމަށެވެ. އަދި ޓާމިނަލް ކެފޭއަށް ދިޔަ މީހުންގެ ތެރެއިން ދެ މީހަކު އެ ކެފޭގެ މައްޗަށް އަރާ ނަދީމްގެ އިތުރުން އެހެން މީހަކަށް ހަމަލާދޭން މަސައްކަތްކޮށްފައިވާ ކަމަށާއި. ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް މި މަހުގެ 20 ވަނަ ދުވަހު ދައުވާ ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.