ސައުތު އޭޝިޔާގެ ގައުމުތަކުން އދ.ގެ ސެކިއުރިޓީ ކައުންސިލުގައި ތަމްސީލްކުރާ ގައުމަކަށް ރާއްޖެވުމަށް މަސައްކަތްފަށާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރ.މީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަންގާރަ ދުވަހުގެ ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ނޮން-ޕާރމެނަންޓް މެމްބަރަކަށް 2019 ވަނަ އަހަރު ވުމަށް ރާއްޖެއިން މަސައްކަތް ފަށާފައިވާ ކަމަށެވެ.
"މި މަސައްކަތް އަޅުގަނޑުމެން ފަށަފިން. އަދި މި މަސައްކަތުގައި އަޅުގަނޑުމެންނަށް ވާގިވެރިވެޑައިގަންނަވާނެ ކަމަށް އެތައް ދައުލަތަކުން އަޅުގަނޑުމެނަށް ކަށަވަރުބަސް ދެއްވައިފި،" އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި އަދިވެސް ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން ވެރިކަން ބަދަލުކުރާން ބޭނުންވާ ބަޔަކު އެބަ ތިބި ކަމަށާއި އެމީހުނަށް ރައްދު ދޭން ބޭނުންވަނީ އދ.ގައި ހަސިއްޔަތެއް އޮވެގެން ކަމަށެވެ. އަދި އެއީ އދ.ގެ ސެކިއުރިޓީ ކައުންސިލްގެ މެމްބަރަކަށްވުން ކަމަށްވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ހައްގުބަސް ބުނުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އަޅުގަނޑުމެންނަކީ ވަކި ބަޔަކާ ގުޅި އަދި ނުގުޅިވެސް އޮންނަން ބޭނުންވާ ބައެއް ނޫން ކަމަށެވެ. މިހެން ވިދާޅުވިއިރު، ސައުދީ އަރަބިއްޔާގެ ފަހަތުން، ރާއްޖެ ވަނީ އިރާނާއި ގަތަރާ ގުޅުން ކަނޑާލައިފަ އެވެ. އަދި ކޮމަންވެލްތުން ވަކިވެފަ އެވެ.
ރާއްޖެއަކީ މުސްތަގިއްލު މިނިވަން ގައުމެއް ކަމަށާއި އެހެން ކަމުން މި ގައުމަށް ބޭނުންވާ ކަންތައްތަކުގެ "ޝަކުވާ ކުރަން އަޅުގަނޑުމެން ބޭނުން"ވާ ކަމަށް ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވި ބީވެގެންދާ ކަންތަކަށް ބަލަހައްޓައިގެން ތިބެންވެސް ބޭނުންނުވާ ކަމަށެވެ.
މީގެ އިތުރުން ބައިނަލް އަގުވާމީ ބޮޑު މުޖުތަމައުއެއްގެ ތެރޭގައި އުޅޭއިރު ކުދި ބޮޑު ގައުމުތަކުގެ ތަފާތު އަންނާނެ ކަމަށާއި ނަމަވެސް ވޯޓުލުމުގައި އެ ފުރުސަތު ލިބޭ ކަމަށެވެ. އަދި އެހެންމެ ހަމަ އެކަނި ވޯޓުލާން ލިބުމަކުން އެ ހިސާބަކުން ނުފުދޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމިން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ތިމާވެށީގެ ނާޒުކުކަމުން އެންމެ ހިތްދަތިކަން އިހްސާސްކުރަން ޖެހިފައިވާ ގައުމުކަމަށް ރާއްޖެ ވާނެ ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށް މަސައްކަތްތަކެއް ކޮށް އެކަން ވަނީ ކޮށްފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިހާރު ދުނިޔޭގެ ސަމާލުކަމަށް އެކަން އައިސްފި. އަދި އެއާއެކީ މި ދެންނެވި ގޮތައް ޖަޒީރާ ގައުމުތަކުގެ ފަރާތުން އަޑު އުފުލުމުގައި ޖަޒީރާ ގައުމުތަކުން އިސްކޮށްފި، ދިވެހި ރާއްޖެއޭ އަޅުގަނޑުމެންގެ ފަރާތުން އެންމެ ފަހު ބަސް، އެންމެ އިސްބަސް ބުނާނީ. އެހެންވީމަ އެއްކަލަ ކުޑަ ކުޑަ ދިވެހި ރާއްޖޭގެ ހިޔަނި، ހަވީރު ފަހެއް ޖަހާއިރު އަޅުގަނޑުމެންގެ ހިޔަނި ފެންނަހެން އެބަ ފެނޭ އިރާދަކުރެއްވިއްޔާ. މިއީ އަޅުގަނޑުމެން ކުރާ މަސައްކަތުގައި ﷲ ބަރަކާތާއި ތައުފީގު ލެއްވީމަ ލިބޭ ނަސީބު،" ރައީސް ޔާމިން ވިދާޅުވި އެވެ.
ތިމާވެށީގެ ނަޒުކު ކަމުގެ ސަބަބުން ކުދި ގައުމުތަކަށް ލިބިދާނެ ގެއްލުން ދުނިޔޭގެ ސަމާލުކަމަށް އެންމެ ބޮޑަށް ގެންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ސަލާމަތީ މަޖިލީހުގެ ގޮނޑި ދިވެހިރާއްޖެ އަށް ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، މި ސަރުކާރުން އިންސާނީ ހައްގުތައް ހިފަހައްޓައި، ސިޔާސީ ވާދަވެރިން ނުހައްގުން ޖަލަށްލާ މައްސަލައިގައި މުޅި ދުނިޔެއިން ދަނީ ފާޑުކިޔަމުންނެވެ.