ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރި މާލެ ވަޑައިގެންފި އެވެ.
ރައީސް މައުމޫން އަންގާރަ ދުވަހުގެ ރޭ މާލެ ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ އިސްވެރިންނެވެ. އެގޮތުން ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްޙޫރީ ޕާޓީ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ކުރީގެ ޔޫތު މިނިސްޓަރު މަލީހް ޖަމާލާއި ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން ވެސް ބައެއް ބޭފުޅުން ހިމެނެ އެވެ. ރައީސް މައުމޫނު ވަނީ އެމަނިކުފާނަށް އެ ބޭފުޅުން މަރުހާބާ ދެންނެވުމަށް ވަޑައިގެންނެވީތީ ޝުކުރު އަދާކުރައްވާފަ އެވެ.
Great to be back home after a short visit abroad. Thank u to all senior members of coalition who turned up to welcome me. pic.twitter.com/SzDrOuKHwi
— Maumoon Abdul Gayoom (@maumoonagayoom) October 24, 2017
ރައީސް މައުމޫނު އަމިއްލަ ދަތުރުފުޅެއްގައި މާލެ އިން ފުރާވަޑައިގެންނެވީ މި މަހުގެ 14 ވަނަ ދުވަހުގެ ރެ އެވެ.
އެމަނިކުފާނު އެނބުރި މާލެ ވަޑައިގެންފައި މި ވަނީ އަންނަ ރިޔާސީ އިންތިހާބަށް އިދިކޮޅު ހުރިހާ ފަރާތްތައް އެއްބަސްވާ އެއް ކެންޑިޑޭޓެއް ނެރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައި ވަނިކޮށެވެ. އެހެން ކަމުން ރައީސް މައުމޫނު މާލެ ވަޑައިގެންވުމުން ދެން އިދިކޮޅު ފަރާތްތަކުން ރިޔާސީ ކެންޑިޑޭޓަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެ އެވެ.