ރާއްޖޭގެ ހަމަޖެހުމާއި ސަލާމަތީކަންކަމަށް ހުރި އެންމެ ބޮޑު ގޮންޖެހުންތަކަކީ ޓެރަރިޒަމާއި ދީނީ ހައްދުފަހަނައެޅުމާއި މަސްތުވާތަކެތީގެ ވަބާކަމަށް ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އަށް ސަފީރު އަހުމަދު މުހައްމަދު ދީފައިވާ އިންޓަރވިއުގައި ބުނެފައިވަނީ މަސްތުވާތަކެތީގެ ވަބާގެ ސަބަބުން، ހަމަނުޖެހުންތަކާއި މާރާމާރީ އާއި ހައްދުފަހަނަ އަޅާދިއުމަށް މަގިފަހިވާ ކަމަށެވެ. މަސްތުވާތަކެއްޗަކީ ހުރިހާ ކުށްތަކަށް މަގުފަހިކޮށްދޭ، ހުރިހާ ކުށްތަކުގެ މަންމަގެ ގޮތުގައި ފާހަގަކުރައްވާ އަހުމަދު މުހައްމަދު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގެ އިޖްތިމާއީ ހަމަޖެހުގައި ދުޅަހެޔޮކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
މި މައްސަލަތައް ހައްލު ކުރުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ރާއްޖެފަދަ ކުދި ޖަޒީރާ އެކި ރަށްތަކަށް ބެހިފައިވާ ކުދި ކުދި އާބާތީތަކެއްގެ މައްޗަށް ރަށްތައް ހުރުމަކީ މިކަންކަން ހައްލު ކުރުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށްޓަކާއި ރީހެބިލިޓޭޝަން ޕްރޮގްރާމުތައް ކުރިއަށްގެންދާ ކަމަށާއި މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް މަސްތުވާތަކެއްޗާބެހޭ ގާނޫނެއް އެކުލެވިފައިވާ ކަމަށް އަހުމަދު މުހައްމަދު ވިދާޅުވި އެވެ. މި ގަނޫނުގެ ދަށުން މަސްތުވާތަކެތީގެ ވަބައިގައި ޖެހިފައިވާ ފަރާތްތަކަށް އެކަމުން ސަލާމަތްވުމަށް އަމިއްލައަށް އެދިގެން ފަރުވާހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިފަދަ ހާލަތްތަކުގައި އެމީހެއް ކުށްވެރިވެސް ނުވާކަމަށް ސަފީރު ވިދާޅުވި އެވެ. އެހެން ނަމަވެސް މި ގާނޫނުގެ ތެރެއިން ހިންގާ ރީހެބިލިޓޭޝަންގެ ޕްރޮގްރާމުން ނަތީޖާ ނެރެވޭ ކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފެއްދި ނަމަވެސް މިއީ ބަހުސް ކުރެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއަކީ ކުޑަ ތަރައްގީ ވަމުން އަންނަ ގައުމެއް ކަމަށާއި މަސްތުވާތަކެތީގެ މައްސަލައަށް އެންމެ އެކަށީގެންވާ ފަރުވާތަކެއް ގެނައުމަށް އެންމެ އެދެވޭ ބޭނުންވާ ވަސީލަތްތައް އަދިވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސަފީރު ވިދާޅުވީ، ޑްރަގް ޓްރެފިކިން މައްސަލައަށް ހައްލުތަކެއް ހޯދުމަށް ރާއްޖޭގެ ސަލާމަތީ އިދާރާތަކުން، ގިނަ މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކާއި ފުލުހުންނާއި ސިފައިންނާއި އިމިގްރޭޝަންއާއި ޑްރަގް އޭޖެންސީގެ އިތުރން ކަސްޓަމްސް އާއި އެޑިއުކޭޝަން މިނސިްޓްރީ އާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކާ ގުޅިގެން މި މައްސަލައަށް ހައްލެއް ގެނައުމަށް އެކްޝަން ޕްލޭނުގެ ތެރެއިން އެކި މަސައްކަތްތައް ކުރުމަށް ބައްދަލުކޮށް އާންމުކޮށް ބޭއްވޭކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫއެންއޯޑީސީއަށް ދެއްވި އިންޓަރވިއުގައި ސަފީރު އަހުމަދު މުހައްމަދު ވިދާޅުވީ، ރާއްޖޭގައި އިންސާނީ ވަގުފާރި ކުރަމުންދާކަން ފަހާގަކުރެވޭ އިރު މިފަދަ ވިޔަފާރި ކުރާ ފަރާތްތަކުން، ޓްރާންސިޓް ކުރާ ގައުމަކަށް ރާއްޖެވެފައިވާ ކަމަށެވެ. މިފަދަ މައްސަލަތައްވެސް ހައްލު ކުރުމަށް ސަރުކާރުން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.