ރައީސް އަބުދުﷲ ޔާމީން ބައިވެރިވެވޑައިގަންނަވާ، ރ. މީދޫގައި އޮތް ޕީޕީއެމްގެ ޖަލްސާއަށް އިންނަމާދޫއިން އައި ދޯންޏެއް އަންހެނުންނާއި ކުޑަކުދިންނާ އެކު ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް މިރޭ ވިދާޅުވީ މީދޫ ކައިރީގައި އޮތް ފަރަކަށް ދޯންޏެއް އަރާފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 7:45 ހާއިރު ކަމަށާއި އެ މައުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފްގެ ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އަދި އެ ދޯނީގައި ނުވަ ފިރިހެނުންނާއި 12 އަހްހެނުން އަދި އެއް ކުޑަ ކުއްޖަކު ހުރި ކަމަށާއި އެ މީހުންނަކީ އެ އަތޮޅު އިންނަމާދޫ އިން މީދޫއަށް ދިޔަ ބައެއް ކަމަށް އާޒިމް ވިދާޅުވި އެވެ. އިންނަމާދޫއިން 22 މީހުންނާ އެކު ފުރައިގެން ދިޔަ އެ ދޯނީ ފަރަށް އަރާފައި ވަނީ ރ. މީދޫ ކައިރީގައި އޮންނަ ފަރަކަށެވެ. ދޯނި ފަރަށް އެރި ނަމަވެސް އޭގައި ތިބި މީހުން ވަނީ ސަލާމަތްކޮށް، މީދޫއަށް ގެންގޮސްފަ އެވެ.
އިންނަމާދޫ ކައުންސިލް މެންބަރަކު ވިދާޅުނީ، ދޯނި ފަރަށް އެރީ، މީދޫގައި ސަރުކާރުން ބާއްވާ ޖަލްސާއަށް ބަޔަކު ގޮވައިގެން ދަނިކޮށް ކަމަށެވެ. އޭނާ ވިދާޅުވީ އެ ދޯނި އެއްކޮށް ފަރަށް އަރާފައިވާ ކަމަށާއި ދޯނި ފުން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.