މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ ކަންތައްތައްތަކަކީ ކޮބައިތޯ ބަލާ، އެކަންތައްތައް ފުއްދައިދެވޭތޯ ކަމަށާއި ސަރުކާރުން މިކަންކަން ކޮށްދިނުމުން އިދިކޮޅު ފަރާތްތަކަށް އެއީ ތަރައްގީގެ މަސައްކަތްތަކުގެ ގޮތުގައި ނުފެންނަނީ ކީއްވެތޯ ރައީސް އަބްދުﷲ ޔާމީން ސުވާލުކުރައްވައިފިއެވެ.
ރ. މަޑުއްވަރީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ، ފެނާއި ނަރުދަމާގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ވެސް ދިމާވެފައިވާ މައްސަލައެއް ކަމަށެވެ. ރަގަޅު ފެންވަރެއްގެ ފެނާއި ނަރުދަމާ ނެތުމުން ބޮޑު ތަކުލީފެއް ރައްޔިތުން އުފުލަންޖެހިފައިވާ ކަމަށާއި ސަރުކާރުގެ އެންމެ ބޮޑު އުންމީދަކީ ފަސް އަހަރުގެ ދައުރު ނިމިގެން ދާއިރު ރާއްޖޭގެ އާބާދީގެ 75 ޕަސެންޓްގެ ނަރުދަމާ އާއި ފެނުގެ މައްސަލަ ހައްލު ކުރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ މަޑުއްވަރީގެ ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްދެއްވާފައެވެ. އަދި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުން ވެސް މި ރަސްމިއްޔާތުގައި ވަނީ ފާހަގަކޮށްފައެވެ.
ރައްޔިތުން ބޭނުންވާ ޒަރޫރީ ކަންކަން ފޯރިކޮށްދޭންޖެހޭ ކިތަން އަތޮޅު އަދި ކިތަށް ރަށް އޮތްތޯ ދެނެގަތުމަކީ ކޮންމެ ސަރުކާރަކަށްވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަން ފާހަަގަކުރައްވާ ރައީސް ވަނީ، މި ގޮންޖެހުންތަކާ އެކުވެސް ތަރައްގީގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވެފައި ހުންނަ ބޮޑެތި ކަންކަން ސަރުކާރުން ކޮށްދިނުމަކީ ތަރައްގީ ކަމަށް އިދިކޮޅު ފަރާތްތަކަށް ގަބޫލު ނުކުރަނީ ކީއްވެގެންތޯ ސުވާލުކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް އަންގާރަ ދުވަހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ރ. ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ރައިސްމިޔާތާއި ބަނދަރު އިފްތިތާހުކޮށްދެއްވާފަ އެވެ. ފައިނުގެ ބަދަރަކީ 400 ފޫޓު ދިގު އަދި 200 ފޫޓް ފުޅާ ބަނދަރެކެވެ.
މީގެ އިތުރުން އެއަތޮޅު މީދޫއަށް ވަޑައިގެން މަސްޖިދުލް އަވްވާބީން ރަސްމީކޮށް ހުޅުއްވާދެއްވާފަ އެވެ. އެ މިސްކިތަކީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.