އެޗްޑީސީން ހުޅުމާލޭ ޓާމިނަލް ސަރަހައްދުގައި ގާއިމް ކުރާ ޕާކިން އޭރިއާގެ ސަބަބުން ގާތްގަނޑަކަށް 1,000 ސައިކަލަށް އެ ސަރަހައްދުގައި ޕާކު ކުރެވޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފި އެވެ.
އެޗްޑީސީން ބުނީ އެތަނުގައި 1,000 ސައިކަލުގެ އިތުރުން 61 ކާރާއި އަށް ބަސް ޕާކްކުރާނެ ޖާގަ އެ ސަރަހައްދުގައި ގާއިމުކުރެވޭނެ ކަމަށެވެ.
މިކަމާ ގުޅޭޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަންއަށް ގުޅުމަށް ކުރި މަސައްކަތްތައް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.
އެޗްޑީސީން ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި މިދިޔަ އަހަރު ވެސް ފާކިން އޭރިއާއެއް ގާއިމް ކުރިއެވެ. އެއީ 250 ސައިކަލަށް ޕާކް ކުރެވޭ ވަރުގެ ތަނެކެވެ.
ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން ގިނަ ސަރަހައްދުތަކެއްގައި ޕާކިންގ އޭރިއާތަކެއް ގާއިމް ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަންވަނީ ފަށާފަ އެވެ. ހުޅުމާލޭގައި އާބާދުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ އިރު އެއްގަމު އުޅަނދުފަހަރު ވެސް ދަނީ އިތުރުވަމުންނެވެ. ހުޅުލޭ އާއި މާލެ ގުޅުވާލާ ބްރިޖާ އެކު ހުޅުމާލޭގައި ދުއްވާ ވެހިކަލްގެ އަދަދު އިންތިހާ އަށް އިތުވާނެ ކަމަށް ބެލެވެއެވެ.