އިންސާފުވެރި ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސްފިނަމަ، އަލުން ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގަތުމާއިމެދު ވިސްނަވާނެ ކަމަށް ކެންޔާގެ ރިޔާސީ އިންތިޚާބުން ވަކިވެވަޑައިގެންފައިވާ އިދިކޮޅު ކެންޑިޑޭޓް ރައިލާ އޮޑިންގާ ވިދާޅުވެއްޖެ އެވެ.
ރައިލާ އޮޑިންގާ މިހެން ވިދާޅުވީ ކެންޔާގެ އިލެކްޝަން ބޯޑުގެ ވެރިޔާ ވަފުލާ ޗެބުކަތީ އާއެކު ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. އޮޑިންގާ ވިދާޅުވީ ރަނގަޅު ހެޔޮބަދަލުތަކެއް ގެނެސް ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވައިފިނަމަ އެމަނިކުފާނު ރިޔާސީ ރޭހުގައި ބައިވެރިވެވަޑައިނުގަންނަވަން ނިންމެވި ނިންމެވުމާމެދު ވިސްނައިވަޑައިގަންނަވާނެ ކަމަށެވެ.
ރައިލާ އޮޑިންގާ އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ބުދަ ދުވަހު ވިދާޅުވީ ރިޔާސީ އިންތިޚާބު އޮންނަ ދުވަހު ގައުމުގެ އެކިކަންކޮޅުތަކުގައި ބޮޑެތި މުޒާހަރާތައް ބާއްވާނެ ކަމަށެވެ.
ކެންޔާގެ ރިޔާސީ އިންތިޚާބު އޮކްޓޯބަރު މަހުގެ ތެރޭގައި އަލުން ބޭއްވުމަށް ތާވަލް ކޮށްފައިވަނިކޮށް، އިންތިޚާބުގައި ބައިވެރިވެވަޑައިނުގަތުމަށް އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ ނިންމެވީ، އެގައުމުގެ އިލެކްޓޯރަލް ކޮމިޝަނުން ވޯޓުގެ އިންތިޒާމްތައް ފުރިހަމަ ކުރުމަށް ގެންނަން ޖެހޭ ބަދަލުތަކަށް ވަގުތު ދިނުމާއި، އެންމެންނަށް ވެސް ބަލައިގަނެވޭނެ ފަދަ އިންތިޚާބެއް ބޭއްވުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ އެވެ.
ކެންޔާގައި 2017 ވަނަ އަހަރު އޯގަސްޓް މަހު ބޭއްވި ރިޔާސީ އިންތިޚާބު އެގައުމުގެ ސުޕްރީމް ކޯޓުން ބާތިލު ކޮށްފައިވާއިރު އެ ނިންމުން ސްޕްރީމް ކޯޓުން ނިންމީ އިންތިޚާބުގައި ނަހަމަ ކަންކަން ހިނގާފައި ވާތީ ކަމަށް ބުނެއެވެ. ސުޕްރީމް ކޯޓުން ބާތިލް ކުރި އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން، އިންތިޚާބު ކާމިޔާބު ކުރެއްވީ އެޤައުމުގެ ވެރިކަމުގައި ހުންނަވި އުހުރު ކެންޔައްޓާ އެވެ.
އޮޑިންގާ އިންތިޚާބުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައިވާއިރު އޭނާ އިތުރަށް ވިދާޅުވީ 26 އޮކްޓޯބަރު ގައި ބާއްވަން ތާވަލު ކޮށްފައިވާ އިންތިޚާބު، ކުރިން ބާއްވައިފައިވާ އިންތިޚާބަށް ވުރެ ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ކެންޔާގެ އިންތިޚާބާއި ދިމާކޮށް އިންތިޚާބާއި ބެހޭ ގާނޫނަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންދާއިރު ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދަވަނީ ގާނޫނު ހަދާ މަޖިލިސް ބޯއިކޮޓް ކުރާނެ ކަމަށެވެ.