ކ. މާލެ
|
18 އޮކްޓޯބަރ 2017 | ބުދަ 11:08
ކެޓަލޯނިއާގެ މިނިވަންކަމަށް ގޮވާލާ ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ކެޓަލޯނިއާގެ މިނިވަންކަމަށް ގޮވާލާ ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ގެޓީ އިމޭޖަސް
ކެޓަލޯނިއާ
ކެޓަލޯނިއާގެ ވޯޓާ ގުޅިގެން ޓޫރިޒަމަށް 15 އިންސައްތައިގެ ދަށްވުމެއް އައިސްފައިވޭ!
ކެޓަލޯނިއާގެ ވޯޓަށް ފަހު އެ ސަރަހައްދުން ދަނީ ސްޕެއިން އިން މިނިވަންވުމަށް މަސައްކަތް ކުރަމުން

 

ކެޓަލޯނިއާގެ މިނިވަންކަމާ ގުޅޭ ގޮތުން އެކެއް އޮކްޓޯބަރުގައި ނެގުނު ވޯޓާ ގުޅިގެން އެ ސަރަހައްދުގެ ޓުއަރިޒަމް ހަަރަކާތްތަކަށް 15 އިން ސައްތައިގެ ދަށްވުމެއް އައިސްފައިވާ ކަމަށް އެ އިންޑަސްޓްރީގެ ލޮބީ ގްރޫޕަކުން ބުނެފިއެވެ. 

ސްޕެއިންގެ ބޮޑެތި ހޮޓެލް ޗެެއިން، ޓްރެވަލް އެޖެންޓްސް، ޓުއާ އޮޕަރޭޓާސް އަދި އެއާލައިންތަކުގެ މައްޗަށް ހިމެނޭ ޓުއަރިޒަމް ލޮބީ ގްރޫޕެއް ކަމަށްވާ އެކްސެލްޓާގެ ނައިބު ރައީސް ޖޯސް ލުއިސް ޒޮރެޑާ މީޑިއާތަކަށް ވިދާޅުވީ ވޭތުވެދިޔަ އަހަރުގެ މިދުވަސްވަރާ އަޅާ ބަލާއިރު ނުވަތަ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދެހަފްތާއާ އަޅާބަލާއިރު މިއަހަރުގެ އޮކްޓޯބަރު މަހު ފުރަތަމަ ދެހަފްތާގައި، "ގާތްގަނޑަކަށް 15 އިން ސައްތައިގެ" ދަށްވުމެއް ކެޓަލޯނިއާގެ ޓުއަރިޒަމް ސެކްޓާގެ ހަރަކާތްތަކަށް އައިސްފައިވާ ކަމަށެވެ.  އޭނާ ވިދާޅުވީ ހޮޓެލް އަދި ޓްރާންސްޕޯޓް ރިޒްވޭޝަންތައްވެސް، ކުރީ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދެހަފްތާއާ އަޅާ ބަލާއިރު މި އަހަރުގެ އެ މުއްދަތުގައި، 20 އިން ސައްތަ ދަށްވެފައިވާ ކަމަށެވެ.

އެކްސެލްޓާ އިން ކެޓަލޯނިއާގެ ޓުއަރިޒަމް ސެކްޓާގެ ހާލަތު ބަޔާން ކޮށްދީފައި ވަނީ، އެ ލޮބީ ގްރޫޕުން ބުނާ ގޮތުން ކެޓަލޯނިއާގައި ހަަރަކާތްތެރިވާ އެ ގްރޫޕުގެ މެމްބަރުންގެ މެދުގައި ކުރެވުނު ސާވޭއެއްގެ މައްޗަށް ބިނާކޮށެެވެ. އެކްސެލްޓާ އިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް އެއީ ކެޓަލޯނިއާގެ ޓުއަރިޒަމް ސެކްޓާ އަށް 1.4 ބިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަން ހާމަކޮށްދޭ ތަފާސް ހިސާބުތަކެކެވެ. 

ކެޓަލޯނިއާ އަކީ ސްޕެއިންގެ އެންމެ ފުދުންތެރި ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ، އަދި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރާ އެއް ސަރަހައްދެެވެ. 

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް އޮކްޓޯބަރު 1 ގައި ބޭއްވި ވޯޓުގައި، 90 ޕަސެންޓް މީހުން ސްޕެއިން އިން މިނިވަން ވާން ފެންނަ ކަމަށް އާނ ބަސް ބުނެފައި ވެއެވެ. ކެޓަލޯނިއާގައި ނެގި ވޯޓާ ގުޅިގެން ސްޕެއިންގެ މައި ސަރުކާރުން ބުނެފައި ވަނީ އެ ވޯޓަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެއްޗެއް ކަމަށެވެ. ވޯޓު ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސްޕެއިންގެ ބޮޑުވަޒީރު މާރިއާނޯ ރަޚޮއި ވިދާޅުވީ ޣައިރު ގާނޫނީ ވޯޓެއްގައި ބައިވެރިކޮށް ކެޓަލޯނިއާގެ ރައްޔިތުން މޮޔަ ހައްދާފައިވާ ކަމަށެވެ. ބޮޑުވަޒީރު ވަނީ އެ ވޯޓަކީ ޑިމޮކްރަސީއަށް ކުރި ފުރައްސާރައެއް ކަމަށް ވިދާޅުވެފައެވެ.

 

- ކޮމެންޓް