ޗައިނާގައި ބާއްވާ އެންމެ ބޮޑު ސިޔާސީ ހަރަކާތް ކަމަށްވާ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު ވެރިރަށް ބެއިޖިންގގައި ފަށައިފިއެވެ.
ޗައިނާގެ ރައީސް ޝީ ޖިން ޕިން ވަނީ 2،000 އަށްވުރެ ގިނަ މަންދޫބުންނާ މުޚާތަބް ކުރައްވައި ތިން ގަޑިއެއްހާއިރު ވަންދެން ތަގްރީރު ކުރައްވާފައެވެ.
ސިއްރު ކުރެވިގެން ކުރިޔަށްގެންދާ މި ބައްދަލުވުމަކީ ކޮންމެ ފަސް އަހަރަކުން ބާއްވާ ބައްދަލުވުމެކެވެ. ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ކުރިޔަށް އޮންނަ ދައުރުގައި ވެރިކަން ކުރާނެ ފަރާތެއް ކަނޑައެޅުމާއި ގައުމުގެ މިސްރާބް ކަނޑައެޅުމެވެ. 2012 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ޝީ ޖިން ޕިން ގެ ވެރިކަމުގެ ބާރުތައް އިތުރުކުރައްވަމުން ގެންދަވާއިރު މި ފަހަރުވެސް ޕާޓީގެ ވެރިޔެއްގެ ގޮތުގައި ދެމި ހުންނަވާނެ ކަމަށްވަނީ ބެލެވިފައެވެ.
ކުރިޔަށް އޮތް ފަސް އަހަރަށް ޗައިނާގެ މަގުޗާޓުވެސް ތައްޔާރުކުރާ މި ބައްދަލުވުން ނިމޭނެ ކަމަށް ބެލެވެނީ އަންނަ ހަފްތާގައެވެ.
ކޮންގްރެސް ނިމުމާއެކު ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސިޔާސަތު ކަނޑައަޅާ ކޮމިޓީ އަދި ޗައިނާގެ ކަންކަން ނިންމާ ކޮމިޓީ، ޕޮލިޓްބިއުރޯ ސްޓޭންޑިންގ ކޮމިޓީ އަށް ހޮވޭ މެމްބަރުންގެ ނަންތައް އިއުލާނު ކުރާނެއެެވެ. އެ ކޮމިޓީއަކީ ގައުމުގެ ކަންކަން ހިނގާ ކޮމިޓީއެވެ.
ކޮންގްރެސްގައި ތަގްރީރު ކުރައްވަމުން ޝީވަނީ ޗައިނާއަށް ހާސިލް ކުރެވިފައިވާ ކަންކަމުގެ ލިސްޓެއް ވިދާޅުވެ ދެއްވާފައެވެ.
ސޯޝަލިޒަމާއި ޗައިނާގެ ސިފަތައް އެކުވެގެން މި ވެރިކަމުގެ ތެރޭގައި ޗައިނާ ދުނިޔޭގެ ބޮޑު ބާރަކަށް ވެފައިވާކަމަށެވެ.
މީގެ އިތުރުން އެހެން ގައުމުތަކުގެ ސިޔާސީ ނިޒާމްތައް ޗައިނާއިން ނަކަލު ކޮށްގެން ނުވާނެ ކަަމަށް ޝީ ވިދާޅުވިއެވެ.
ޝީވަނީ ދެ ދިޔަވައްސަކަށް ބަހާލައިގެން 2050 އަށް ހާސިލް ކުރުމަށް ކުރިޔަށް ގެންދާ އެ ގައުމުގެ އިޖުތިމާއީ ތަރައްގީގެ ޕްލޭންވެސް ކުރުގޮތަކަށް ހިއްސާ ކުރައްވާފައެވެ. މީގެ އިިތުރުން ވަކިވެ ގަތުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ނަންތައް ވިދާޅުވެ އެ ފަރާތްތަކަށްވެސް ވަނީ އިންޒާރު ދެއްވާފައެވެ.އޭގެ ތެރޭގައި ޝިންޖިއާން،ޓިބެޓް އަދި ހޮންކޮންގގެ ނަން ފާހަގަ ކުރެއްވިއިރު ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް އެ ގައުމުން ބުނާ ބުނުން ރައީސް ޝީ ވަނީ ތަކުރާރު ކުރައްވާފައެވެ.
ބޭރުގެ އިންވެސްޓަރުންނަށް ހުރި ހުރަސްތައް ކުޑަކޮށް ޗައިނާއިނާއަށް އިގްތިސާދީ އިސްލާހު ގެންނަވާނެ ކަމަށް ވައުދުވެ ވަޑައިގެން ޝީ ވިދާޅުވީ " ދުނިޔެއަށް ހުޅުވާލެވިފައި އޮންނަ އޮތުން ބަންދު ނުވާނެ" ކަމަށެވެ.
ޕާޓީގެ ތެރޭގައި ފުޅާކޮށް ދާއިރާއެއްގައި ފެތުރެމުންދާ ކޮރަޕްޝަން ނައްތާލުމަށްޓަކައި މިލިއަނަަކަށްވުރެ ގިނަ އޮފިޝަލުންނަށް އަދަބު ދެވިފައިވާކަންވެސް ޝީ ފާހަގަ ކުރެއްވިއެވެ.