ކެޓަލޯނިއާގެ މިނިވަން ކަަމަށް މަސައްކަތް ކުރުމުގައި އިސްކޮށް އުޅުނު ދެ މެމްބަރަކު ޖަލު ބަންދުގައި ބެހެއްޓުމަށް ސްޕެއިންގެ ފަނޑިޔާރަކު އަމުރު ކުރުމާ އެކު އެތައް ހާސް ބަޔަކު ބާސެލޯނާގެ މަގުތަކަށް ޖަމާވެ އުއްބައްތި ދިއްލައިގެން މުޒާހަރާކޮށްފިއެވެ.
ދައުލަތާ ދެކޮޅު އަމަލްތައް ހިންގުމަށް ހިތްވަރު ލިބޭ ފަދަ ވާހަކަ ދެއްކެވި ކަމުގެ ތުހުމަތުގައި ކެޓަލަން ނޭޝަނަލް އެސެމްބްލީގެ ވެރިޔާ ޖޯޑީ ސަންޗޭޒް އަދި އޮމްނިއަމް ކަލްޗަރަލްގެ ލީޑަރު ޖޯޑީ ކުޝަރްތް ވަނީ ކަފާލާތު ނުކުރެވޭ ގޮތަށް ބަންދު ކޮށްފައެވެ.
މި ދެ ބޭފުޅުން ފެނިގެން ގޮސްފައިވަނީ ސްޕެއިންގެ ދުސްތޫރީ ކޯޓުން މަނާކޮށްފައިވަނިކޮށް އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓްގައި އިސްކޮށް އުޅުއްވި ދެ ބޭފުޅުންގެ ގޮތުގައެވެ.
ސްޕެއިންގެ ދުސްތޫރީ ކޯޓުން ވަނީ މައި ސަރުކާރުގެ ނިންމުމަށް ބާރުދޭ ފަދަ ނިންމުމެއް އަންގާރަ ދުވަހު ނިންމައި ވޯޓަކީ ބާތިލް ވޯޓެއް ކަމަށް ކަނޑައަޅާފައެވެ.
އެ ކޯޓުން ފުރަތަމަ ވަނީ އެ ގާނޫނެއްގެ ދަށުން ކެޓަލޯނިއާގެ މިނިވަން ކަމަށް ގޮވާލާ ވޯޓް ބޭއްވި ގާނޫނު ސަސްޕެންޑްކޮށްފައެވެ.
ކެޓަލޯނިއާގެ ސަރުކާރުގެ ތަރުޖަމާނު ވަނީ ކޯޓުގެ ނިންމުމަކުން ނުވަތަ ޖޯޑީ ސަންޗޭޒް އަދި ޖޯޑީ ކުޝަރްތް ޖަލަލަށްލުމަކުން މިނިވަންކަމަށް ކުރާ މަސައްކަތް ނުހުއްޓޭނެ ކަމަށް ސަޕޯޓަރުންނަށް ދަންނަވާފައެވެ.
އުއްބައްތި ހިފައިންގެ އަންގާރަ ދުވަހު އިރާކޮޅު މުޒާހަރާ ކުރި ފަރާތްތަކުން ވަނީ ބާސެލޯނާގެ ޕްލާޒާ ކޮންސްޓިޓޫސިއޯ އަށް އެއްވެ ޖޯޑީ ސަންޗޭޒް އަދި ޖޯޑީ ކުޝަރްތް ހައްޔަރު ކުރުމާ ދެކޮޅު ހަދާފައެވެ.
ކެޓަލޯނިއާގެ މިނިވަން ކަމަށް ތާއީދު ކުރާ ފަރާތްތަކުން ދެކެނީ އެ ދެ ލީޑަރުން ހައްޔަރު ކުރުމަކީ ސިޔާސީ ކުލަ ޖެހިފައިވާ ކަމެއް ކަމަށެވެ.
ޖޯޑީ ސަންޗޭޒް އަދި އޮމްނިއަމް ޖޯޑީ ކުޝަރްތްގެ މައްޗަށް ވެސް ތުހުމަތު ކޮށްފައިވަނީ މުޒާހަރާ ކުރި ފަރާތްތަކުން ސެޕްޓެމްބަރު މަހުގެ 20 އަދި 21 ގައި ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުގެ އޮފިޝަލުން ކެޓަލޯނިއާގެ އޮފީސްތަކަށް ވަނުން ހުއްޓުުމަށް ހިތްވަރު ދިން ކަމަށެވެ.
ސިޓީގެ މުނިސިޕަލް ފުލުހުން ލަފާކުރާ ގޮތުގައި ބާސެލޯނާގެ އެއްވުމުގައި 200،000 މީހުން ބައިވެރިވެފައިވާއިރު ކެޓަލޯނިއާގެ އިތުރު ސިޓީތައް ކަމަށްވާ ޖިރޯނާ އާއި ރުސްގައި ވެސް މުޒާހަރާކޮށްފައި ވެއެވެ.
އިންތިޚާބުގެެ ނަތީޖާއަށް ފަހު ކެޓަލޯނިއާގެ ލީޑަރު ކާލްސް ޕުޖްޑިމޮންޓް ވަނީ މިނިވަން ކަމުގެ ގަރާރުގައި ސޮއި ކުރައްވާފައެވެ. ނަމަވެސް މައި ސަރުކާރާާ މަޝްވަރާ ކުރެއްވުމަށްޓަކައި އެކަން ތަންފީޒު ކުރެއްވުން ވަނީ ފަސްކުރައްވާފައެވެ.
ޕުޖްޑިމޮންޓް ވަނީ ކުރިޔަށް އޮތް ދެ މަސްދުވަހަށް ވާހަކަތައް ކުރިޔަށް ގެންދިއުމަށް ގޮވާލައްވާފައެވެ. ނަމަވެސް ސްޕެއިންގެ ސަރުކާރުން ވަނީ މިނިވަންކާމާ މެދު ނިންމި ގޮތެއް އިއުލާނު ކުރުމަށް ނޫން ނަމަ ކެޓަލޯނިއާގެ އެންމެހާ ކަންކަން ނިންމާނީ މެޑްރިޑްގައި އޮންނަ މައި ސަރުކާރުން ކަމަށް އިންޒާރު ދީފައެވެ.
ކެޓަލަންގެ މިނިވަންކަމާ މެދު ޕުޖްޑިމޮންޓް މިދިޔަ ހަފްތާގައި ސާފުކޮށް ގޮތެއް ނުނިންމެވުމުން މެޑްރިޑްގެ ސަރުކާރުން އޮތީ ރުޅިއައިސްފައެވެ.
ކެޓަލޯނިއާގެ ސަރުކާރުން ބުނެފައިވަނީ އަދިވެސް އެ ހާލަތަށް ބަދަލު ނާންނަ ކަމަށެވެ.