އަފްޣާނިސްތާނުގައި ތާލިބާން ހަނގުރާމަވެރިން ދިން ހަމަލާތަކެއްގައި 71 މީހަކު މަރުވެފައިވާ ކަމަށް އަފްޣާނިސްތާނުގެ އޮފިޝަލުން ބުނެފި އެވެ.
އަންގާރަ ދުވަހު އަފްޣާނިސްތާނުގެ ޕަކްތިއާ ޕްރޮވިންސާއި ގަޒްނީ ޕްރޮވިންސްގައި ދިން ހަމަލާތަކުގައި އިތުރު 150 މީހަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީގެ ތެރެއިން ޕަކްތިއާ ޕްރޮވިންސްގެ ވެރިރަށް ގާޑެޒްގެ ޕޮލިސް ޓްރެއިނިންގ ސެންޓަރަކަށް އަމާޒުކޮށް އަމިއްލަ އަށް މަރުވެގެން ދިން ހަމަލާއަކާއި، ބަޑީގެ ކުރިމަތިލުންތަކުގައި 41 މީހަކު މަރުވެ، 150 މީހަކު ޒަޚަމްވެފައި ވެއެވެ.
މިހަމަލާތަކުގެ ތެރެއިން ހަނގުރާމަވެރިންގެ ފުރަތަމަ ހަމަލާ ދީފައި ވަނީ، އަފްޣާނިސްތާނުގެ ގަޑިން އަންގާރަ ދުވަހު ހެނދުނު ނުވައެއް ޖަހާއިރު، ގާޑެޒްގައި ހުންނަ ސަރަޙައްދީ ފުލުހުންގެ މައި މަރުކަޒުގެ ކައިރީގައެވެ. ގާޑެޒްއަކީ، އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އާ 161 ކިލޯމީޓަރުގެ ރާސްތާއެއްގައި އޮންނަ ސަރަޙައްދެކެވެ.
އެސަރަޙައްދަށް ބޮމުގެ ހަމަލާ ދީފައިވަނީ، އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުގެ ހަތިޔާރު އެޅި އަސްކަރީ ވެހިކަލެއް ވަގަށް ނަގައި، އެ ވެހިކަލާއި ޓްރަކެއް ބޭނުން ކޮށްގެން ކަމަށާއި، އެ ހަމަލާގައި އަފްޣާނިސްތާނުގެ ފުލުހުންގެ ޗީފް ބްރިގޭޑިއަރ ޖެނެރަލް ޓޮރިޔަލީ އަބްދިއާ މަރުވެފައިވާ ކަމަށް، ޕަކްތިއާގެ ޑެޕިއުޓީ ގަވަރނަރ ހިދާޔަތުﷲ ހަމީދީއާ ހަވާލާދީ ތުރުކީގެ އަނަދޮލޫ އޭޖެންސީން ރިޕޯޓް ކޮށްފައި ވެއެވެ.
މިހާދިސާގައި ޒަޚަމްވި މީހުންގެ ތެރޭގައި އައިޑީ ކާޑާއި ޕާސްޕޯޓް ހޯދުމަށް ފުލުހުންގެ ހެޑްކުއާޓަރ ދޮށަށް ޖަމާވި ޕަކްތިއާ ޔުނިވާސިޓީގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި އާއްމުން ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ.
ޕަކްތިއާގައި ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އާއްމުންގެ 21 މީހަކު ހިމެނޭ ކަމަށް އަފްޣާނިސްތާނުގެ ދާޚިލީ ވަޒީރުގެ ނައިބު، ޖެނެރަލް މުރާދް އަލީ މުރާދު ވިދާޅުވި އެވެ. ދާޚިލީ ވުޒާރާ އިން ނެރުނު ބަޔާނުގައި ވަނީ، ޕަކްތިއާގެ ހަމަލާ ދިނުމުގައި ބައިވެރިވެފައިވަނީ ހަނގުރާމަވެރިންގެ ހަތް މީހަކު ކަމަށާއި، އޭގެ ތެރެއިން ދެމީހަކު ބޮމުގެ ހަމަލާ ދިންއިރު، އިތުރު ފަސް މީހަކު ބަޑި ޖަހައި، ފުލުހުންނާއި ކުރިމަތިލާފައިވާ ކަމަށެވެ. އަދި ބަޑި އާއި ހަތިޔާރުން ފުލުހުންނާއި ކުރިމަތިލި ހަނގުރާމަވެރިންގެ ފަސް މީހުން ފުލުހުންގެ ޙާއްސަ ޔުނިޓްތަކުން ނިކުމެ، މަރާލާފައިވާ ކަމަށް އެބަޔާނުގައިވެއެވެ.
މިހަމަލާ އަށް ފަހު ކުރި ޓްވީޓެއްގައި ތާލިބާނުންގެ ތަރުޖަމާނު ޒަބީއުﷲ މުޖާހިދު ވަނީ، ޕަކްތިއާގައި ދިން ހަމަލާގެ ޒިންމާ ތާލިބާނުން ނަގާކަން އިޢުލާންކޮށްފައެވެ. އަދި މިހަމަލާގެ މައިގަނޑު އަމާޒަކީ ފުލުހުންގެ ޙާއްސަ ޔުނިޓް ކަމަށާއި، ހަމަލާ ދިން ވަގުތު ފުލުހުންގެ މައި މަރުކަޒުގެ ތެރޭގައި 450 އަށްވުރެ ގިނަ ފުލުސް އޮފިސަރުން ތިބި ކަމަށް އޭނާ ބުންޏެވެ.
އަވަށްޓެރި ޕާކިސްތާނުގެ އުތުރު ވަޒިރިސްތާނާއި ސަރަހައްދީ ރޮނގު ހިއްސާ ކުރާ އަފްޣާނިސްތާނުގެ ޕަކްތިއާ ޕްރޮވިންސަކީ ތާލިބާން ހަނގުރާމަވެރިންގެ ހައްޤާނީ ނެޓްވޯކްގެ އުފަން ބިމެވެ. ޕާކިސްތާނުގެ ތާލިބާނުންގެ ބާރުގެ ދަށުގައި އޮތް އުތުރު ވަޒިރިސްތާން، ޕާކިސްތާނުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސްފައިވަނީ 2014 ވަނަ އަހަރުގެ މެދަކާ ހަމައިން، 2016 ވަނަ އަހަރުގެ ފަހު ކޮޅާއި ހަމަޔަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނަށް ފަހުގައެވެ.
ޕަކްތިއާގެ އިތުރުން އަފްޣާނިސްތާނުގެ ގަޒްނީ ޕްރޮވިންސްގައި އަންގާރަ ދުވަހު ދިން ކާރު ބޮމުގެ ހަމަލާއެއްގައި އިތުރު 30 މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ގަޒްނީގެ ޕްރޮވިންޝަލް އޮފީހުން ނެރުނު ބަޔާނުގައި ވަނީ، އެހަމަލާ ދީފައި ވަނީ އަންގާރަ ދުވަހު ހެނދުނުގެ ވަގުތުގައި އަންދަރު ޑިސްޓްރިކްޓްގެ އިދާރީ އޮފީހުގެ ދޮރުމަތީގައި ހަތިޔާރު އެޅި ވެހިކަލެއް ގޮއްވާލައިގެން ކަމަށާއި، އޭގެ ފަހުން ބަޑީގެ ކުރިމަތިލުންތަކެއް ވެސް ހިނގާފައިވާ ކަމަށެވެ.
މިހަމަލާގައި މަރުވި 30 މީހުންގެ ތެރޭގައި ގިނައީ ފުލުހުން ކަމަށް އެބަޔާނުގައި ވެއެވެ. އެހެންނަމަވެސް ތާލިބާން ހަނގުރާމަވެރިންގެ ތަރުޖަމާނު ވަނީ، ގަޒްނީގެ ހަމަލާގައި ފުލުހުންގެ 44 މީހަކު މަރާލާފައިވާ ކަމަށް ބުނެފައެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ހަތިޔާރާއި ވަޒަން އަތުލައިގަނެފައިވާ ކަމަށް ތާލިބާނުންގެ ތަރުޖަމާނު މުޖާހިދު ބުނެ އެވެ.