ބަދަލު ހިފުމަށް ބަރަަހަނާ ފޮޓޯ ލީކުކުރުމުން އެކަމުގެ ޝިކާރައަކަށްވާ މީހުން ރިޕޯޓްކުރުމަށް ގައުމީ ފެންވަރުގައި ރިޕޯޓް ކުރެވޭނެ ނިޒާމެއް ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާއިން ގާއިމް ކޮށްފިއެވެ.
ރިވެންޖް ޕޯން ނުވަތަ ފޮޓޯ ބޭނުންކޮށްގެން މީހުންގެ ބޭނުން ނަހަމަގޮތުގައި ހިފުމަކީ އެ ފޮޓޯގައިވާ ފަރާތުގެ ހުއްދަނެތި ބަރަހަނާ ފޮޓޯ އާއްމުކުރުމެވެ.
އޮސްޓްރޭލިއާއިން ގާއިމް ކުރި އޮންލައިން ޕޯޓަލް މެދުވެރިކޮށް އެފަދަ ފޮޓޯތައް ރިމޫވް ކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކޮށް އަދި ގާނޫނީ ފިޔަވަޅު އެޅުމަށް މަސައްކަތްކުރެވެއެވެ.
އެ ގައުމުގެ އީސޭފްޓީ ކޮމިޝަނަރ ވިދާޅުވީ އޮސްޓްރޭލިއާގައި 16 އަހަރާއި 49 އަހަރާއި ދެމެދުގެ 20 ޕަސެންޓް މީހުންނަށް މިގޮތަށް ފޮޓޯގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ އުނދަގޫ ތަޖުރިބާ ކުރަން ޖެހޭ ކަމަށެވެ.
ޒުވާން އަންހެނުންނާ އިންޑިޖިނަސް ދަރިކޮޅުގެ މީހުން މިކަމުގެ ޝިކާރައަކަށް ވާލެެއް އިތުރެވެ.
ހަމަ މި ރިސަރޗްގައި ބުނެފައިވާ ގޮތުން 76 އިންސައްތަ މީހުން އެކަމަށް ފިޔަވަޅެއް ނާޅައެވެ. އޭގެ ސަބަބަކީ އެ މީހުންނަށް ކުރަންވީ ކަމެއް ނޭނގުމެވެ.
ކޮމިއުނިކޭޝަން މިނިސްޓަރ މިނިސްޓަރ ނެރުއްވާފައިވާ ބަޔާނެއްގައިވަނީ 4.8 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އުފެއްދި މި ޕޯޓަލް އަކީ ދުނިޔޭގައި މި ގޮތަށް ގާއިމް ކުރެވުނު ފުރަތަމަ ޕޯޓަލް ކަމަށެވެ.
މީގެ އިތުރުން އޭނާވަނީ ބަދަލުހިފުމަށް މީހުންގެ ބަރަހަނާ ފޮޓޯ އާއްމުކުރާ ފަރާތްތަކާ އެފަދަ ވެބްސައިޓްތައް ޖޫރިމަނާ ކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށެވެ.