ކ. މާލެ
|
17 އޮކްޓޯބަރ 2017 | އަންގާރަ 12:55
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން (ވ)، ބައިނަލްއަގްވާމީ ދުނިޔެއަށް ތަކުރާރުކޮށް ދަނީ އިންޒާރު ދެއްވަމުން
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން (ވ)، ބައިނަލްއަގްވާމީ ދުނިޔެއަށް ތަކުރާރުކޮށް ދަނީ އިންޒާރު ދެއްވަމުން
ރޮއިޓަރސް
އުތުރު ކޮރެއާ-އީޔޫ
އީޔޫ އިން އުތުރު ކޮރެއާ އާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި
އީޔޫ އިން ބުނީ އުތުރު ކޮރެއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ ތަކުރާރުކޮށް ބައިނަލްއަގްވާމީ ސުލްހައަށާއި ހަމަޖެހުމަށް ނުރައްކާ ކުރާތީ ކަމަށް

 

އުތުރު ކޮރެއާ އިން ކުރިއަށް ގެންދާ މިސައިލް ޕްރޮގްރާމާއި ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެގައުމާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ. 

އެގޮތުން އީޔޫ ގެ ފޮރިން މިިނިސްޓަރުން ހޯމަ ދުވަހު އެއްބަސްވެފައި ވަނީ އީޔޫ އިން އިންވެސްޓްމަންޓްތައް އުތުރު ކޮރެއާ ގައި ކުރުން ހުއްޓާލުމަށެވެ. މީގެ އިތުރުން އީޔޫ އިން ހޯމަ ދުވަހު ނިންމާފައި ވަނީ ތެލާއި ރިފައިން ކުރި ޕެޓްރޯލިއަމް އުފެއްދުންތައް ވެސް އުތުރު ކޮރެއާ އަށް ވިއްކުން ހުއްޓާލުމަށެވެ. އީޔޫ އިން ވަނީ އެކި ފަރާތްތަކުން އުތުރު ކޮރެއާ އަށް ފޮނުވޭ ފައިސާގެ އަދަދުވެސް ކުޑަކޮށްފައެވެ. އެގޮތުން 17،700 ޑޮލަރުން 5،900 ޑޮލަރަށް، އުތުރު ކޮރެއާ އަށް ފޮނުވޭ ފައިސާގެ އަދަދު ކުޑަކޮށްފައިވާއިރު އެކަން ކުރީ އުތުރު ކޮރެއާގެ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމްއަށް އެގޮތަށް ފޮނުވާ ފައިސާ ބޭނުން ކުރާ ކަމަށް ބުނެއެވެ. ގިނަ އާ ދަތިކުރުމުގެ ފިޔަވަޅުތައް އުތުރު ކޮރެއާ އާ ދެކޮޅަށް އީޔޫ އިން އެޅިއިރު، މި ފިޔަވަޅުތަކުގެ ތެރޭގައި، އީޔޫގައި ހަރަކާތްތެރިވާ އުތުރު ކޮރެއާގެ މަސައްކަތްތެރިންނާ ދެކޮޅަށް ވެސް ވަނީ ފިޔަވަޅުއަޅާފައެވެ. އެގޮތުން އީޔޫގެ ގައުމުތަކުގައި މަސައްކަތް ކުރާ އުތުރު ކޮރެއާގެ މަސައްކަތްތެރީން ގެ ވިސާގެ މުއްދަތު ހަމަވުމުން ދެން އާ ނުކުރުމަށް ވެސް އީޔޫ އިން، ހޯމަ ދުވަހު ނިންމާފައިވާއިރު މި ނިންމުމުގައި ރެފިއުޖީން ނާއި ބައިނަލްއަގްވާމީ ގޮތުން ރައްކާތެރިކަން ލިބެން ޖެހޭ މީހުން ނުހިމެނެއެވެ. 

އީޔޫ އިން ވަނީ، އުތުރު ކޮރެއާގެ ތިން އިސް އޮފިޝަލެއްގެ މައްޗަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެގޮތުން ޓްރެވަލް ބޭން އާއި އެސެޓް ފްރީޒް ފިޔަވަޅު އެ ތިން މީހުންނަށް އަޅާފައެވެ. އަދި ހަ ވިޔަފާރިއެއްގެ އެސެޓްތައް ވެސް ވަނީ ފްރީޒްކޮށްފައެވެ.

އުތުރު ކޮރެއާ އަށް އެޅި ފިޔަވަޅުތަކާ ބެހޭގޮތުން އީޔޫ އިން ބުނީ އާ ދަތިކުރުމުގެ ފިޔަވަޅުތައް އުތުރު ކޮރެއާ އާ ދެކޮަޅަށް އެޅީ "އުތުރު ކޮރެއާގެ ސަރުކާރުން ތަކުރާރުކޮށް ބައިނަލްއަގްވާމީ ސުލްހަ އަށާއި ހަމަޖެހުމަށް ނުރައްކާ ކުރާތީ ކަމަށެވެ."

ބައިނަލްއަގްވާމީ ދުނިޔެއިން ތަކުރާރުކޮށް އުުތުރު ކޮރެއާ އަށް އަންގަމުން ދަނީ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށާއި އަދި މިސައިލް ޓެސްޓްތައް ކުރުން ހުއްޓާލުމަށެވެ. އެހެން ނަމަވެސް އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ ދުނިޔޭގެ ގޮވުންތަކަށް ދަނީ ބީރުކަންފަތެއް ދެމުންނެވެ. އުތުރު ކޮރެއާގެ އަމަލުތަކާ ހެދި ބައިނަލްއަގްވާމީ ދުނިޔެ އާއި އެގައުމާ މެދު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައެވެ.

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް