ކެޓަލޯނިއާގެ ލީޑަރު ކާލެސް ޕުއިޖްޑެމޮންޓް ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރައްވައިފިތޯ ނުވަތަ ނޫންތޯ ސާފުކޮށްދެއްވުމަށް ސްޕެއިންގެ ސަރުކާރުން ކެޓަލޯނިއާގެ ލީޑަރަށް ދިން ފަސް ދުވަހުގެ މުުހުލަތުގައި އެކަން ކުރެވިފައިވާ ނުވާ ކަމަށް ސްޕެއިންގެ ސަރުކާރުން ބުނެފިއެވެ.
ކެޓަލޯނިއާގެ ލީޑަރު ޕުއިޖްޑެމޮންޓް ސްޕެއިންގެ މައި ސަރުކާރަށް ހޯމަ ދުވަހު ފޮނުއްވި ސިޓީފުޅެއްގައި ގޮވާލެއްވީ ކުރިއަށް އޮތް ދެމަސްތެރޭގައި ކެޓަލޯނިއާ އާއި ސްެޕެއިންގެ މައި ސަރުކާރާ މަޝްވަރާ އަށް ގޮވާލާ ކަމަށެވެ. ޕުއިޖްޑެމޮންޓް، ސްޕެއިންގެ ބޮޑު ވަޒީރު މާރިއާނޯ ރަޚޮއި އަށް ފޮނުއްވި ސިޓީފުޅުގައި އިތުރަށް ވިދާޅުވީ މަޝްވަރާ ކުރުމަށްޓަކައި ވީހާވެސް އަވަހަކަށް ބައްދަލުވުމަކަށް އެދޭ ކަމަށާއި، ކަންކަން ގޯސްނުކުރެއްވުމަށް އެދޭ ކަމަށެވެ. އަދި އިޚްލާސްތެރިކަމާއެކު، މައްސަލަ ދެނެގަނެ އެކަމާ ކުރިމަތިލައިފި ނަަމަ ރަނގަޅު މަގަށް ދެވި ހައްލެއް ފެންނާނެ ކަަމަށެވެ.
ކެޓަލޯނިއާ އިން މިނިވަންކަން އިއުލާން ކޮށްފިތޯ ސްޕެއިން އަށް ސާފުކޮށްދީފައި ނުވާތީ އެކަމާ ގުޅިގެން ސްޕެއިންގެ ބޮޑު ވަޒީރުގެ ނައިބު ސޮރަޔާ ސައެންޒް ހޯމަ ދުވަހު ވިދާޅުވީ، ކެޓަލޯނިއާގެ ލީޑަރު އެ ސަރަހައްދުގެ މިނިވަންކަން އިއުލާންކޮށްފިތޯ ސާފުކުރަން ބުރާސްފަތި ދުވަހާ ހަމައަށް އިތުރު ފުރުސަތު ދޭ ކަމަށެވެ. އެކަމަނާ ވިދާޅުވީ ސްޕެއިންގެ މައި ސަރުކާރާއި ކެޓަލޯނިއާ ގެ ސަރުކާރާ އެކު ބާއްވާ މަޝްވަރާ ތައް ބާއްވަން ޖެހޭނީ "ގާނޫނުގެ ތެރެއިން ކަމަށެވެ."
ސްެޕެއިންގެ މައި ސަރުކާރުން ކުރިން ބުނެފައި ވަނީ ކެޓަލޯނިއާ އިން މިނިވަންކަން އިއުލާން ކޮށްފައިވާ ކަމަށް ބުނެފި ނަމަ މިނިވަންކަން އަނބުރާ ގެންދަން ޖެހޭނެ ކަމަށެވެ. ނުވަތަ ސްޕެއިންގެ މައި ސަރުކާރުން ކެޓަލޯނިއާގެ މިނިވަންކަން ސަސްޕެންޑްކޮށް ސްޕެއިންގެ މައި ސަރުކާރުގެ ފުރިހަަމަ ބާރު ހިންގާނެ ކަމަށެވެ.
ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް އޮކްޓޯބަރު 1 ގައި ބޭއްވި ވޯޓުގައި، 90 ޕަސެންޓް މީހުން ސްޕެއިން އިން މިިނިވަން ވާން ފެންނަ ކަމަށް އާނ ބަސް ބުނެފައި ވެއެވެ. ކެޓަލޯނިއާގައި ނެގި ވޯޓާ ގުޅިގެން ސްްޕެއިންގެ މައި ސަރުކާރުން ބުނެފައި ވަނީ އެ ވޯޓަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެއްޗެއް ކަމަށެވެ. ވޯޓު ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސްޕެއިންގެ ބޮޑުވަޒީރު މާރިއާނޯ ރަޚޮއި ވިދާޅުވީ ޣައިރު ގާނޫނީ ވޯޓެއްގައި ބައިވެރިކޮށް ކެޓަލޯނިއާގެ ރައްޔިތުން މޮޔަ ހައްދާފައިވާ ކަމަށެވެ. ބޮޑުވަޒީރު ވަނީ އެ ވޯޓަކީ ޑިމޮކްރަސީއަށް ކުރި ފުރައްސާރައެއް ކަމަށް ވިދާޅުވެފައެވެ.
ސްޕެއިންގެ ކެޓަލޯނިއާއަކީ ސްޕެއިންގެ އެންމެ ފުދުންތެރި އަދި މުއްސަނދި ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ، އަމިއްލަ ބަހަކާއި، ސަގާފަތަކާއި އަދި އަމިއްލަ ތާރީޚެއް އޮތް ސަރަހައްދެކެެވެ.