ކެޓަލޯނިއާގެ މިނިވަން ކަަމަށް މަސައްކަތް ކުރުމުގައި އިސްކޮށް އުޅުނު ދެ މެމްބަރަކު ޖަލު ބަންދުގައި ބެހެއްޓުމަށް ސްޕެއިންގެ ފަނޑިޔާރަކު އަމުރު ކުރައްވައިފިއެވެ.
ކެޓަލަން ނޭޝަނަލް އެސެމްބްލީ ގެ ވެރިޔާ ޖޯޑީ ސަންޗޭޒް އަދި އޮމްނިއަމް ކަލްޗަރަލްގެ ލީޑަރު ޖޯޑީ ކުޝަރްތްވަނީ ދައުލަތާ ދެކޮޅު އަމަލްތައް ހިންގުމަށް ހިތްވަރު ލިބޭފަދަ ވާހަކަ ދެއްކެވި ކަމުގެ ތުހުމަތުގައި ކަފާލާތު ނުކުރެވޭ ގޮތަށް ބަންދު ކޮށްފައެވެ.
މި ދެ ބޭފުޅުން ފެނިގެން ގޮސްފައިވަނީ ސްޕެއިންގެ ދުސްތޫރީ ކޯޓުން މަނާކޮށްފައިވަނިކޮށް އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓްގައި އިސްކޮށް އުޅުއްވި ދެ ބޭފުޅުންގެ ގޮތުގައެވެ.
މެޑްރިޑްގައި އޮންނަ މައި ސަރުކާރުންވަނީ އެ ވޯޓަކީ ޣައިރު ގާނޫނީ ވޯޓެއްކަމަށް ބުނެފައެވެ.
އިންތިޚާބުގެެ ނަތީޖާއަށް ފަހު ކެޓަލޯނިއާގެ ލީޑަރު ކާލްސް ޕުޖްޑިމޮންޓް ވަނީ މިނިވަން ކަމުގެ ގަރާރުގައި ސޮއި ކުރައްވާފައެވެ. ނަމަވެސް މަިއ ސަރުކާރާާ މަޝްވަރާ ކުރެއްވުމަށްޓަކައި އެކަން ތަންފީޒު ކުރެއްވުން ވަނީ ފަސްކުރައްވާފައެވެ.
ޕުޖްޑިމޮންޓް ވަނީ ކުރިޔަށް އޮތް ދެ މަސްދުވަހަށް ވާހަކަތައް ކުރިޔަށް ގެންދިއުމަށް ގޮވާލައްވާފައެވެ.
ނަމަވެސް ސްޕެއިންގެ ސަރުކާރުންވަނީ މިނިވަންކާމާމެދު ނިންމި ގޮތެއް އިއުލާނު ކުރުމަށް ނޫންނަމަ ކެޓަލޯނިއާގެ އެންމެހާ ކަންކަން ނިންމާނީ މެޑްރިޑްގައި އޮންނަ މައި ސަރުކާރުން ކަމަށް އިންޒާރު ދީފައެވެ.
ކެޓަލަންގެ މިނިވަންކަމާމެދު ޕުޖްޑިމޮންޓް މިދިޔަ ހަފްތާގައި ސާފުކޮށް ގޮތެއް ނުނިންމެވުމުން މެޑްރިޑްގެ ސަރުކާރުން އޮތީ ރުޅިއައިސްފައެވެ.
ބުރާސްފަތި ދުވަހާ ހަމައަށް ވަކިގޮތެއް ނިންމުމުގެ މުހުލަތު ޕުޖްޑިމޮންޓްއަށް ދީފައިވާއިރު، ޖޯޑީ ސަންޗޭޒް އަދި އޮމްނިއަމް ޖޯޑީ ކުޝަރްތް ހައްޔަރު ކުރުމުން އޭނާ ވަނީ ޓްވިޓާގައި ސަރުކާރަށް ހަމަލާ ދެެއްވާފައެވެ.
" ސްޕެއިންއިން ވަނީ ސުލްހަވެރި މުޒާހަރާއެއް ކޮށްގެން ކެޓަލޯނިއާގެ ސިވިލް ސޮސައިޓީ ލީޑަރުން ޖަލަށްލާފައި. ދެރަ ކަމަކީ އަނެއްކާވެސް ސިޔާސީ ގައިދީން ތިބުން" އޭނާ ވިދާޅުވެފައިވެއެވެ.
ކޯޓަށް ވަޑައިގެންނެވުމުގެ ކުރިން ރެކޯޑް ކުރައްވާފައިވާ އަދި ހައްޔަރު ކުރުމުން ޓްވިޓަރގައި އާއްމުކުރި ވީޑިއޯގައި ކުޝަރްތް ވަނީ ވަކި ދައުލަތެއް ގާއިމްކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް " ކެޓަލޯނިއާގެ ރައްޔިތުން އެމީހުންގެ މުސްތަގްބަލެއް ހޯދާފައިވާތީ އުއްމީދު ގެއްލުވާ ނުލުމަށް އިލްތިމާސްކޮށްފައެވެ.
ޖޯޑީ ސަންޗޭޒް އަދި އޮމްނިއަމް ޖޯޑީ ކުޝަރްތްގެ މައްޗަށް ވެސް ތުހުމަތު ކޮށްފައިވަނީ މުޒާހަރާ ކުރި ފަރާތްތަކުން ސެޕްޓެމްބަރު މަހުގެ 20 އަދި 21 ގައި ކެޓަލޯނިއާގެ ސަރަހައްދީ ސަރުކާރުގެ އޮފިޝަލުން ކެޓަލޯނިއާގެ އޮފީސްތަކަށް ވަނުން ހުއްޓުުމަށް ހިތްވަރު ދިން ކަމަށެވެ.