ޕޯޗުގަލްގެ މެދުތެރެ އަދި އުތުރުގެ ޖަންގަލިތަކުގައި ހަފްތާ ބަންދުގައި ރޯވި އަލިފާނުގައި މަދުވެގެން 31 މީހުން މަރުވެފައިވާކަމަށް ސިވިލް ޑިފެންސް އޮތޯރިޓީން ބުނެފިއެވެ.
ތަރުޖަމާނު ވިދާޅުވީ، 145 ތަނެއްގައި ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ފެތުރެމުންދާއިރު އެކަމަކީ ސީރިއަސް ކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. މި ހާދިސާގައި އުތުރުގެ ސަރަހައްދުގައި، ސްޕެއިންގެ ސަރަހައްދީ ރޮނގުގެ ކައިރީ އޮންނަ ގަލީޝާއިން މަދުވެގެން ތިން މީހުން މަރުވިކަމަށް ރިޕޯޓްތައް ބުނެއެވެ.
ހޫނު މޫސުމުގެ ގަދަވަޔާ ހަނަފަސްކަމުގެ ސަބަބުން ރޯވި މި އަލިފާންގަނޑު ނިއްވުމަށް އެތައްހާސް ފަޔަރ ފައިޓަރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ހާލަތު އިތުރަށް ގޯސްވެގެން ދިޔައީ ތޫފާން އޮފީލިއާ ޔޫރަޕްގެ ހުޅަނގުގެ ސަރަހައްދުތަކަށް އެރުމާއެކު ގަދަވަޔާއެކު އަލިފާންގަނޑު ފެތުރިގަތުމުންނެވެ.
މި އަލިފާނުގައި ޕޯޗުގަލްއިން 50 އަށްވުރެ ގިނަ މީހުން ޒަޚަމްވިކަމަށް ރިޕޯޓްކޮށްފައިވާއިރު 15 މީހެއްގެ ހާލު ސީރިއަސް ކަމަށްވަނީ ރިޕޯޓް ކުރެވިފައެވެ. އެ ގައުމުގެ މީޑިއާތަކުން ބުނާ ގޮތުގައި ހާދިސާގައި އެތައް ބަޔަކު ގެއްލިފައިވާއިރު އޭގެ ތެރޭގައި އެއްމަހުގެ ތުއްތު ކުއްޖަކުވެސް ހިމެނެއެވެ.
އަލިފާންގަނޑު ފެތުރެންފެށިފަހުން، އެ ސަރަޙައްދުން، ސްޕެއިންގެ މަގެއްގެ އެއްފަރާތުގައި އަނދާފައި އޮތް ކާރެއްގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ފެނިފައެވެ. އަދި މި ހާދިސާ އާއި ގުޅިގެން ޕޯޗުގަލްގެ އުތުރުގައި ޓޭގަސް ކޯރު ސަރަހައްދުގައި ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފައެވެ. އެއީ އެ ގައުމުގެ ބިމުގެ ދެބައިކުޅަ އެއްބައި ސަރަހައްދެވެ.
މި ހާދިސާ ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ހޯމަ ދުވަހުގެ ހެނދުނު ވަނީ 6،000 ފަޔަރ ފައިޓަރުންނާއި 1،800ވެހިކަލް ބޭނުންކުރަން ފަށާފައެވެ.
އަލިފާނުގެ ސަބަބުން އެތައް މަގުތަކެއް ބަންދުކޮށް ބައެއް ސަރަހައްދުތަކުގެ ސްކޫލްތައްވަނީ ބަންދުކޮށްފައެވެ.