ޤާނޫނީ ގޮތުން ހިނގަމުން އަންނަ ޤާނޫނީ ދައުލަތެއް މިހާރު ރާއްޖޭގައި އެބައޮތޭ ބުނެވޭވަރުގެ ދައުލަތެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލާ އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން ހޯމަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، މިރާއްޖޭގައި ޤާނޫނެއް ޤަވާއިދެއް އަދި ޤާނޫން އަސާސީގެ ރޫހާ އެއްގޮތައް ހިނގާ އެއްވެސް ކަމެއް ނެތްކަމަށާއި، އެމީހަކަށް ފެންނަ ގޮތަކަށް ކަންކުރަން ފަށާފައިވާ ފަދަ ގޮތަކަށް ކަންކަން ހިނގަމުންދާ ކަމަށެވެ.
މިހާރު މިއޮތް ޤާނޫން އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް އިންނެވި އަދި ނިމިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އިންނެވި މާރިޔާ ވިދާޅުވީ، ސަރުކާރުން ޤާނޫނުތަކާއި ޤާނޫނު އަސާސީގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ.
މާރިޔާ ވިދާޅުވީ ކުރިން ކަންކުރަމުން އައި ގޮތް ކަމުނުގޮސްގެން އެތައް ބައެއްގެ ބުރަ މަސައްކަތުން ހެދި ޤާނޫން އަސާސީ ލިޔުނު ރޫހާވެސް މިހާރު ޚިލާފަ ވެފައިވާ ކަމަށެވެ.
މާރިޔާ ވިދާޅުވީ، ކުޑަކުދިން ކުޅެން އުޅޭއިރު ކަންކުރާހެން ދައުލަތް ހިންގަން ތިބި ފަރާތްތަކާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ތިބޭ ބޮޑެތި މީހުން ކަންކުރާ ގޮތުން މިހާރު ބޮޑު ޖޯކަކަށް ވެފައިވާ ކަމަށެވެ.
މާރިޔާ ވިދާޅުވީ، ރާއްޖެ މިހާރު މިއޮތީ ވަރަށް ދަތި ޙާލުގައި ކަމަށާއި އެކަން އެހެން މެދުވެރިވާން ދިމާވީ އެއްވެސް އިންސާފެއް ހަމައެއް ލަމައެއް ނެތުމުން ބޭރުގެ އިންވެސްޓަރުން ނައުމުން ކަމަށެވެ.
ރާއްޖެ މިހާލަތައް ވެއްޓުނީ ޖުޑިޝަރީގެ ބާރާއެކުގައިތޯއޭ ރާއްޖެ ޓީވީން ދެންނެވުމުން މާރިޔާ ވިދާޅުވީ، ރާއްޖެ މި ހާލަތަށް ވެއްޓުނީ، ޖުޑީޝަރީއާއި ސަރުކާރާއި މަޖިލީހުންވެސް ކަންކުރަމުންދާ ގޮތުން ކަމަށެވެ.
"ސަލާމަތީ ޚިދުމަތަތަކަށްވެސް ދީފައި އޮންނާނެ އެމީހުން ކިޔަމަން ވާން ޖެހޭނީ ޤާނޫން އަސާސީއަށްކަން. އެނޫން ގޮތަކަށް ކުރާ އަމުރަކަށް ކިޔަމަންވެގެން ނުވާނެ ކަމަށް. ރައްޔިތުންގެ މަޖިލީހުން ކުރިއަސް ސުޕްރީމް ކޯޓުން ކުރިއަސް އެހެންތާކުން ކުރިއަސް ޤާނޫން އަސާސީގައި އޮތްގޮތައް ނޫން ގޮތަކަށް ކުރާ އެއްވެސް ކަމަކަށް ރައްޔިތުން ތަބާވާކަށް ނުޖެހޭނެ" މާރިޔާ ވިދާޅުވިއެވެ.
މާރިއާ ވިދާޅުވީ ޤާނޫނު އަސާސީގެ އެންމެބޮޑު އެއް ބޭނުމަކީ ވާދަވެރި ސިޔާސީ ޕާޓީ ތަކުން ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށާއި ހުރިހާ ޕާޓީތަކުގެ ލީޑަރުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެއްވެސް މުއައްސަސާއެއް ޖަވާބުދާރީ ކުރުވޭނެ އެއްވެސް ގޮތެއް ނެތްކަމަށް މާރިއާ ވިދާޅުވިއެވެ.
"ކޯޓުަކުގެ މީހުން އެންމެ ބޮޑަށް ޖަވާބުދާރީކޮށް އަދްލު އިންސާފްގެ ވާހަކަ ދައްކަން އޮތް ވަކީލުންގެ ތިންބައިކުޅަ ދެބައި ސަސްޕެންޑް ކޮށްފައި. ރައްޔިތުންގެ މަޖިލިސް ހިސޯރު ކޮށްފައި. މިހާރަކު ނެތް މިތާކު ދައުލަތެއް" މާރިއާ ވިދާޅުވިއެވެ.