އުޞޫލުތަކާއި ޤަވާޢިދުތަކެއް ނެތި ބޮޑެތި އަދަދުތަކުން ރާއްޖެ ޓީވީ ޖޫރިމަނާ ކުރަމުންދާ މައްސަލައިގައި ބްރޯޑްކާސްޓިންގ ކޮމިޝަނަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، ޤަވާއިދެއް ނެތުމަކީ ޤާނޫން ތަންފީޒްކުރަން އޮތް ހުރަހެއް ނޫން ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަހީބު ވިދާޅުވީ އުޞޫލުތަކެއް ހެދިފައި ނެތަސް ޤާނޫން ތަންފީޒްކުރަން ޖެހޭނެކަމަށާއި، ޖޫރިމަނާކުރުމާއި ގުޅޭއުޞޫލު އޮތުމުން އެޤާނޫންގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ޤަބޫލު ކުރައްވާކަމަށެވެ. އަދި ކޮމިޝަނުން ނިންމާ ނިންމުންތައް ނިންމަނީ ޤާނޫނީ ހަމަތަކުންކަމަށް ޝަހީބް ވިދާޅުވިއެވެ.
ޝަހީބު މިހެން ވިދާޅުވެފައިވާއިރު، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫންގެ 6ވަނަ ބާބުގެ ދަށުން ޖޫރިމަނާ ކުރުމާއި ބެހޭ އުޞޫލުގެ 5ވަނަ މާއްދާގައި ބުނެފައިވަނީ "ކޮންޓެންޓާއި ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމާއި އެފަދަ މައްސަލަތައް ތަހުޤީޤުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލު، ކަމާއި ބެހޭ މީޑިއާގެ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ މުއައްސަސާއިން ކަނޑައަޅައި އާއްމުކުރަން ވާނެ"ކަމަށެވެ. އެހެން ނަމަވެސް މިފަދަ އުޞޫލެއް އާއްމުކުރުމެއް ނެތި ބްރޯޑްކޮމްއިން ބޮޑެތި އަދަދުތަކުން ގެންދަނީ ރާއްޖެ ޓީވީ ޖޫރިމަނާކުރަމުންނެވެ.
ބްރޯޑްކޮމްގެ ނިންމުންތަކުގައި ސިޔާސީ ކުލަ ޖެހިފައިވާކަމަށް ވާހަކަ ދެކެވެމުންދާ މިދަނޑިވަޅުގައި ޝަހީބް ވިދާޅުވީ ބްރޯޑްކޮމްގެ ނިންމުންތައް ނިންމަނީ އެބޭފުޅާ އެކަނި ނޫންކަމަށާއި، އެއީ ކޮމިޝަންގެ އަޣުލަބިއްޔަތުން ނިންމާ ކަންތައްތަކެއްކަމަށެވެ.
ޝަހީބުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭނަމަ ޝަހީބު އިސްތިއުފާދެއްވުމަށް ނޫސްވެރިން ގޮވަމުންދާ ގޮވުމަށް ރައްދު ދެއްވައި ޝަހީބު ވިދާޅުވީ އިސްތިއުފާއަށް ގޮވުމަކީ މިހާރު އާއްމު ކަމެއްކަމަށެވެ.